ކޮވިޑަށް ފޮޒިޓިވްވާ ފަރާތްތަކުން އެފަރާތެއްގެ މައުލޫމާތު އީމެއިލް މެދުވެރިކޮށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އަށް އެންގުމަށް އެ އޭޖެންސީން އެދިއްޖެއެވެ.
އެޗްޕީއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މާލެ ސަރަހައްދުގައި ކޮވިޑުގެ ކޭސްތައް އިތުރުވަމުންދާތީ، އާންމުކޮށް ކުރިއަށްގެންދާ ގޮތަށް ޕޮޒިޓިވްވާ ހުރިހާ ފަރާތްތަކަށް ގުޅައި ކޮންޓެކްޓް ޓްރޭސިން ހެދުމަށް މިވަގުތު ދަތިވެފައިވާ ކަމަށެވެ.
ޕޮޒިޓިވްވެފައިވާ މީހުންނާއި އެމީހުންގެ ކޮންޓެކްޓުންގެ މައުލޫމާތު ވީހާވެސް އަވަހަކަށް ހޯދައި ދެނެގަތުމަށްފަހު ޕޮޒިޓިވްވެފައިވާ މީހުންގެ ފަރާތުން އެޗްޕީއޭގެ އީމެއިލް [email protected] އަށް އަންގަމުން ގެންދިއުމަށްވެސް އެ އޭޖެންސީން ބުންޏެވެ.
އީމެއިލް ކުރާއިރު ޕޮޒިޓިވް މީހާގެ ނަން، އައިޑީ/ޕާސްޕޯޓް ނަންބަރު، ފޯނު ނަންބަރު، މިހާރު ދިރިއުޅޭ އެޑްރެސް، ދާއިމީ ބައްޔަކަށް ބޭސް ކުރާނަމަ އެ ތަފްސީލުތައް އީމެއިލް ކުރަން ޖެހެއެވެ.
އޭގެ އިތުރުން ޑައިރެކްޓް ކޮންޓެކްޓެއް ވެފައިވާނަމަ އެފަރާތެއްގެވެސް ނަން، އައިޑީ/ ޕާސްޕޯޓް ނަންބަރު، ފޯނު ނަންބަރު، މިހާރު ދިރިއުޅޭ އެޑްރެސް، ދާއިމީ ބައްޔަކަށް ބޭސް ކުރާނަމަ ތަފްސީލު އަދި ޕޮޒިޓިވްވި ފަރާތާ ދިމާވި ތާރީހު އީމެއިލްގައި ހިމަނަންވާނެ ކަމަށް އެޗްޕީއޭއިން ބުންޏެވެ.
މިގޮތަށް މެއިލްކުރަން ދަތިވާ ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުން އަދި އަމިއްލައަށް އެފަދަ ކަމެއް ނުކުރެވޭނެ މީހުންގެ މައުލޫމާތު އެމީހެއްގެ ނުވަތަ އެކުއްޖެއްގެ ބެލެނިވެރިޔާގެ ފަރާތުން ފޯރުކޮށްދިނުމަށްވެސް އެޗްޕީއޭއިން އެދެއެވެ.
ޚަބަރު
ޚަބަރު