އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ގުރޫޕް ޑީގައި ނައިޖީރިއާއިން ކުޅުނު ފުރަތަމަ މެޗުގައި މިސްރު ބަލިކޮށްފިއެވެ.
ކެމަރޫންގެ ރޫމްޑޭ އަޑީޖާ ސްޓޭޑިއަމްގައި ކުޅުނު އެ މެޗުގައި ނައިޖީރިއާ އިން މިސްރު ބަލިކުރީ 1-0ގެ ނަތީޖާއަކުންނެވެ. މިސްރުން މިހާތަނަށް އެފްރިކަން ކަޕް އޮފް ނޭޝަންސް ހަތް ފަހަރު ކާމިޔާބު ކޮށްފައިވާ އިރު، އެޓީމަކީ މުބާރާތް ރެކޯޑު އަދަދަކަށް ކާމިޔާބު ކޮށްފައިވާ ޓީމުވެސް މެއެވެ. ނައިޖީރިއާއި މިސްރުންވެސް މިފަހަރުގެ މުބާރާތަށް ފެވަރިޓުންގެ ގޮތުގައި ނުކުމެފައިވާ އިރު، ޔޫރަޕުގެ ކްލަބުތަކަށް ކުޅޭ ތަރިން ރޭގެ މެޗުންވެސް ފެނިގެން ދިޔައެވެ.
މިސްރުގެ ކެޕްޓަން ބޭންޑް އަޅައިގެން ދުނިޔޭގެ އެންމެ މޮޅު އެއް ފޯވަޑް، ލިވަޕޫލްގެ މުހައްމަދު ސަލާހު މެޗަށް ނުކުތް އިރު، އެޓީމުގެ މެދުން އާސެނަލްގެ މުހައްމަދު އެލްނެނީ ފާހަގަ ކޮށްލެވުނެވެ. މިސްރުގެ ކޯޗަކަށް ކުރިން ޕޯޗުގަލްގެ ކޯޗުކަން ކުރި ކާލޯސް ކުއިރޯޒް ހުރި އިރު، އަނެއްކޮޅުން ނުކުތް ނައިޖީރިއާގެ ފުރަތަމަ 11 ގައިވެސް ތަރިން ގިނައެވެ.
ލެސްޓާ ސިޓީގެ ފޯވަޑް ކެލެޗީ އިހެނާޗޯއާއެކު އެއް ކްލަބަކަށް ކުޅޭ ވިލްފްރެން އެންޑީޑީވެސް ނައިޖީރިއާގެ ފުރަތަމަ 11 އިން ފެނުނު އިރު، ވިލަރެއާލްއަށް ކުޅޭ ސެމިއުލް ޗުކުވޭޒާއާއި ވޮޓްފޯޑުގެ ޑިފެންޑަރު ވިލިއަން ޓްރޫސްޓް-އެކޮންގް، އިޓަލީ ލީގުގެ ޓޮރީނޯއަށް ކުޅޭ އަލަ އައިނާވެސް ނައިޖީރިއާގެ ޓީމުން ފާހަގަވިއެވެ.
މެޗުގެ ހަމައެކަނި ގޯލު 30 ވަނަ މިނެޓުގައި ފެނިގެން ދިޔަ އިރު، އެ ގޯލަކީ އިހެނާޗޯގެ ހިތްގައިމު ގޯލެކެވެ. އޭރިއާ ތެރޭގައި ހުއްޓައި ލިބުނު ބޯޅަ ގޯލުގެ މަތީ ކަނަށް އޭނާ އަމާޒުކޮށްލީ ރީތި އެނބުރުމަކާއެކުގައެވެ. މެޗުގައި މޮޅަށް ކުޅެ ހަމަލާތައް ގިނަކޮށް ނައިޖީރިއާ ފެނުނު އިރު، ޓައިވޯ އަވޮނިޔީ އާއި ޗިދެރާ އެޖޫކްގެ ދެ ހަމަލާއެއްވެސް މިސްރުގެ ގޯލްކީޕަރު މުހައްމަދު އެލް ޝެނަވީ ވަނީ މަތަކޮށްފައެވެ.
މެޗަށް ނައިޖީރިއާގެ ގިނަ ސަޕޯޓަރުން ވަދެ އޮތް އިރު، އެޓީމުން ދިޔައީ މިސްރު ހިފެހެއްޓުމަށް ރަނގަޅަށްވެސް ޑިފެންސް ކުރަމުންނެވެ. މިހާތަނަށް ތިން ފަހަރު އެފްރިކާގެ ޗެމްޕިއަންކަން ހޯދާފައިވާ ނައިޖީރިއާއިން ވަނީ ހަލުވި ފޯވަޑް ސަލާހު ހިފެހެއްޓުމުގައިވެސް ކާމިޔާބު ހޯދައިފައެވެ. އޭނާގެ ފަރާތުން މެޗުގައި މަދު ކުޅުންތަކެއް ފެނިގެން ދިޔަ އިރު، ލިބުނު ހަމައެކަނި ފުރުސަތުގައި އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ހަމަލާ މަތަކުރީ ނައިޖީރިއާގެ ގޯލްކީޕަރު މަޑޫކާ އޮކޯޔާއެވެ.
ރޭ ވަނީ އެފްކޮންގެ ގްރޫޕް ޑީގެ އިތުރު މެޗެއް ކުޅެފައެވެ. ސޫދާނާއި ގީނޭ-ބިސާ ކުޅުނު މެޗު 0-0 އިން ނިމުނު އިރު މެޗުގެ 82 ވަނަ މިނެޓުގައި ގީނޭ-ބިސާއަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް، ޕެލޭ ޖެހި ޕެނަލްޓީ ސޫދާން ގޯލްކީޕަރު މަތަކުރިއެވެ.
18:00 ޓިއުނީސިއާ - މާލީ
21:00 މޮރިޓާނިއާ - ގަމްބިއާ
00:00 އިކުއެޓޯރިއަލް ގީނީ - އައިވޮރީ ކޯސްޓް
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު