ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވޭތޯ ބެލުމަށް އަމިއްލަ ކްލިނިކުތަކުން ހަދައިދޭ ޕީސީއާރު ޓެސްޓުގެ އަގު ކޮންޓްރޯލްކުރުމަށް މަޝްވަރާކުރަމުން ނުދާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.

ރާއްޖޭގައި ކޮވިޑުގެ އަދަދުތައް އިތުރުވެ، އޮމިކްރޯން ވޭރިއަންޓް ފެންނަން ފެށުމާއެކު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިދިޔަ އާދީއްތަ ދުވަހު ވަނީ ޕީސީއާރު ނެގެޓިވް ނަތީޖާއަކާއެކު ނޫނީ މާލެއިން ރަށްރަށަށް ދަތުރުނުކުރެވޭ ގޮތަށް ހަމަޖެއްސައިފައެވެ. އެ ނިންމުމާއެކު ބައެއް މީހުން ތުހުމަތުތަކެއް ވެސް އަމާޒުކުރިއެވެ.

ހެލްތު މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ޝާހު މާހިރު ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ އަގުހެޔޮކޮށް ޓެސްޓުކުރެވޭނެ ފުރުސަތު ތަނަވަސްކޮށްދިނުން ކަމަށެވެ. އަދި ގިނަ ލެބޯޓްރީތަކަށް ކޮވިޑަށް ޓެސްޓުކުރަން ހުއްދަ ދިނުމުން ޕީސީއާރް ޓެސްޓުގެ އަގު ދަށަށް ދާނެ ކަމަށް ގަބޫލުކުރާ ކަމަށް ވެސް ވިދާޅުވިއެވެ.

"އަގު ކޮންޓްރޯލްކުރުމުގެ މަޝްވަރާއެއް މިނިސްޓްރީއަކުން ނުގެންދޭ. އެކަމަކު މިނިސްޓްރީން ތަފާތު އެކި ގޮތްގޮތަށް ޓެސްޓުތައް އިންޓްރޮޑިއުސްކުރުމާއި އެންޓިޖެން ޓެސްޓުތައް، އެކަހަލަ މަސައްކަތްތަކެއް މިހާރު ކުރެވިގެންދޭ،" ޑރ. ޝާހު ވިދާޅުވިއެވެ.

ސްކޫލު ޗުއްޓީގެ ތެރޭގައި އެޗްޕީއޭ އިން ނިންމި އެ ނިންމުމާ ގުޅިގެން އެންމެ ބޮޑަށް ބާރުބޮޑުވެފައިވަނީ މާލޭގައި ހިލޭ ޕީސީއާރު ޓެސްޓު ހަދައިދޭ ސޯޝަލް ސެންޓަރުގެ ސާމްޕަލް ކަލެކްޝަން ސެންޓަރަށެވެ. އެ ނިންމުމާއެކު ކިޔުލައިންގައި އުމުރުން ދޮށީ މީހުންނާއި ކުޑަކުދިން ވެސް ގިނަ ގަޑިއިރުތަކެއް ވަންދެން ކޮޅަށް ތިބެން ޖެހުނެވެ.

ސޯޝަލް ސެންޓަރުގައި ހުންނަ ސާމްޕަލް ކަލެކްޝަން ސެންޓަރަށް ބާރު ބޮޑުވުމާ ގުޅިގެން ސަރުކާރުން ވަނީ އެ ސެންޓަރު ތާޖުއްދީން ސްކޫލަށް ބަދަލުކޮށް، އެފްއޭއެމް އިމާރާތުގައި އިތުރު ސާމްޕަލް ކަލެކްޝަން ސެންޓަރެއް ހުޅުވައިފައެވެ.

އަމިއްލަ ބައެއް ކްލިނިކުތަކުން ޕީސީއާރު ޓެސްޓު ހަދައިދެނީ 400 އަށްވުރެ ބޮޑު އަގެއްގައެވެ. އަމިއްލަ ކްލިނިކުތަކުން ޕީސީއާރު ޓެސްޓު ހަދައިދޭ އަގު ބޮޑުވުމުން ގިނަ ބައެއްގެ ފާޑިކިޔުން އެޗްޕީއޭއަށާއި ސަރުކާރަށް އަމާޒުވިއެވެ. ފާޑުކިޔާ ފަރާތްތަކުން އެންމެ ބޮޑަށް ތުހުމަތުކުރަނީ ކޮވިޑް ކޮންޓްރޯލްކުރުމަށް އުފައްދާފައިވާ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް)ގެ މެމްބަރުންގެ މަސްލަހަތު ހިމެނޭ ކްލިނިކުތަކާއި ލެބޯޓަރީތަކަށް ފައިދާ ހޯދައިދޭން އެޗްޕީއޭ އިން އުޅޭ ކަމަށް ބުނެއެވެ.

އެކަމާ ގުޅޭގޮތުން ޑރ. ޝާހު ވިދާޅުވީ، ލެބޯޓަރީގައި ބޭނުންކުރާ މެޝިންތަކަކީ އަގު ބޮޑު ތަކެއްޗަށް ވުމުން ރާއްޖެ އާއި ބޭރުގައި އޭގެ އަގު ތަފާތުވާނެ ކަމަށެވެ. އަދި ޕީސީއާރު ޓެސްޓު ހެދުމުގެ ހުއްދަ ލެބޯޓަރީތަކަށް ދެނީ، އެ ލެބޯޓަރީއެއްގެ ހިއްސާދާރުންނަށް ބަލައިގެން ނޫން ކަމަށް ވެސް ވިދާޅުވިއެވެ.

ޑރ. ޝާހު އިތުރަށް ވިދާޅުވީ، ޓެގް ޓީމުގައި ހިމެނޭ ފަރާތެއްގެ މަސްލަހަތު ހިމެނޭ ކަމެއް ނިންމާ އިރު، އެ ފަރާތްތަކުން އެކަމެއްގައި ބައިވެރިނުވާނެ ކަމަށެވެ.