ކުރިއަށް އޮތް ދެދުވަހު މާލެ ސަރަހައްދުން އެހެން ރަށްތަކަށް ދަތުރުކުރާ މީހުންނަށް ލުއިތަކެއް ދިނުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނިންމައިފިއެވެ.

އެޗްޕީއޭއިން މިރޭ ބުނީ ކުރިއަށް އޮތް ދެދުވަހު މާލެއިން ރަށްރަށަށް ދަތުރު ކުރަން ޖެހޭ ފަރާތްތަކުން ސާމްޕަލް ނެގުމަށްފަހު ދަތުރުކޮށް ނަތީޖާ ލިބެންދެން ކަރަންޓީނުގައި ހުރެވޭނެ ކަމަށެވެ. އަދި މާލެއިން ރަށަށް ފުރާ މީހުން ރަށުން ސާމްޕަލް ނެގުމަށްފަހު، ނަތީޖާ ލިބެންދެން ކަރަންޓީނުގައި ހުރެވޭނެ ކަމަށެވެ.

އެޗްޕީއޭއިން އެގޮތަށް ކަނޑައެޅީ މާލެއިން އަތޮޅުތަކަށް ދަތުރުކުރާ މީހުން ކޮވިޑަށް ޓެސްޓުކުރަން ޖެހޭނެ ކަމަށް ކަނޑައެޅުމާ ގުޅިގެން ސޯޝަލް ސެންޓަރުގެ ސާމްޕަލް ކަލެކްޝަން ސެންޓަރަށް ގިނަ އަދަދެއްގެ ބަޔަކު ޓެސްޓު ހަދަން ދިއުމާ ގުޅިގެންނެވެ. އެސަރަހައްދުގައި ވަނީ ބޮޑު ކިޔޫއެއް ދަމާލައިފައެވެ.

މާލެ ސަރަހައްދުގައި ކޯވިޑްގެ ކޭސް އިތުރުވެފައިވާތީ މާލޭ ސަރައްދުން ފުރާ މީހުން ކޮވިޑަށް ޓެސްޓުކުރަން ޖެހޭގޮތަށް އެޗްޕީއޭ އިން ކަނޑައަޅާފައިވަނީ މިއަދު ހަވީރުއެވެ. އެޗްޕީއޭއިން އެގޮތަށް ކަނޑައެޅީ މާލޭ ސަރަހައްދުގައި ހަފުތާއަކު ޓެސްޓުކުރެވޭ ސާމްޕަލްގެ ނިސްބަތުން ޕޮޒިޓިވިޓީ ރޭޓު ފަސް ޕަސަންޓަށްވުރެ މަތިވެފައިވާތީއެވެ. އަދި އަތޮޅުތަކަށް ފުރުމުގެ ހުއްދަ ދެވޭނީ ކޮވިޑަށް ނެގެޓިވްވުމުން ކަމަށްވެސް އެޗްޕީއީން ބުންޏެވެ.

މީގެ އިތުރުން ކޮވިޑް ވެކްސިން ފުރިހަމަކޮށް، 14 ދުވަސް ވެފައިވާ މީހެއްނަމަ 72 ގަޑިއިރު ނުވާ ޕީސީއާރް ނެގެޓިވް ނަތީޖާއާއެކު ދަތުރުކުރެވޭނެ ކަމަށެވެ. އަދި ވެކްސިން ފުރިހަމަކޮށްފައި ނުވާ މީހަކު ނަމަ 14 ދުވަހުގެ ކަރަންޓީނު ފުރިހަމަކުރަން ޖެހޭނެ ކަމަށެވެ. އަދި ކަރަންޓީނުން ދޫކުރަނީ ކޮވިޑު ޓެސްޓު ނެގެޓިވްވުމުންނެވެ.

މާލެ ސަރަހައްދުން ރާއްޖޭގެ އެހެން ރަށްރަށަށް ދަތުރުކުރާ ފަރާތްތަކުން "ކޮވިޑްސޭފް" ޕޯޓަލްއިން ނެގެޓިވް ނަތީޖާ ދައްކާފައި ދަތުރުކުރުން ވެސް އެޗްޕީއޭއިން ވަނީ އެދިފައެވެ އަދި ކަރަންޓީނުވުމަށް ދަތުރުކުރާ ފަރާތްތަކުން "ހާލުބެލުން ޕޯޓަލް" އިން ހުއްދަ ހޯދައިގެން ދަތުރުކުރުންވެސް ވަނީ އެދިފައެވެ.

މީގެ އިތުރުން މާލެ ސަރައްދުގައިވެސް ފިޔަވަޅުތައް ވަނީ ހަރުކަށިކޮށްފައެވެ. އެގޮތުން މާލޭ ސަރަހައްދުގައި 50 މީހުންނަށް ވުރެ ގިނައިން އެއްވާ ހަރަކާތްތައް ބޭއްވުން ވަނީ މަނާކޮށްފައެވެ. އަދި މަގުމަތީ ބާޒާރުތައްވެސް ވަނީ މަނާކޮށްފައެވެ. ސަޕޯޓަރުން ވައްދައިގެން ކުޅިވަރު ހަރަކާތްތައް ބޭއްވުންވެސް މިހާރު ވަނީ މަނާކޮށްފައެވެ.

މާލެ ސަރަހައްދުގެ ކޭސްތައް އިތުރުވެފައިވާއިރު، ވޭތުވެދިޔަ ފަސް ވަރަކަށް ދުވަހު އަދަދުތައް އުޅެނީ 100 އިން މަތީގައެވެ. މިއަދު ވެސް ވަނީ މާލެ ސަރަހައްދުން 100 އަށްވުރެ ގިނަ މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.