ކުރިއަށް އޮތް ތިނެއް ނުވަތަ ހަތަރު މަސް ދުވަހުގެ ތެރޭގައި ނަރުހުންގެ މުސާރައަށް ހެޔޮ ބަދަލެއް ގެންނާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެފައިވާ ކަމަށް ނަރުހުންގެ ޖަމިއްޔާއިން ބުނެފިއެވެ.

ރައީސް ސޯލިހު އެގޮތަށް ވިދާޅުވީ ނަރުހުންގެ ޖަމިއްޔާއާއެކު މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައެވެ.

ނާސިން އެސޯސިއޭޝަންގެ ރައީސް އައިމިނަތު ނަޝްފާ "ވަން" އަށް ވިދާޅުވީ އެބައްދަލުވުމުގައި މައިގަނޑުގޮތެއްގައި މަޝްވަރާކޮށްފައިވަނީ ނާސިން ކެއާ ވަރުގަދަކޮށް ހަރުދަނާ ކުރުމާ ގުޅޭ ގޮތުން ކަމަށެވެ. އެގޮތުން ޗީފް ނާސިން އޮފިސަރުގެ މަގާމު އުފެއްދުމާއި ނަރުހުންގެ އޮނިގަނޑުގައި ބަޔާންކުރާ އަތޮޅުތެރެއަށް ހާއްސަ ސީނިއާ ޕޯސްޓްތަކަށް ނަރުހުން އައްޔަންކުރުމަށް މަޝްވަރާކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ނަޝްފާ ވިދާޅުވީ ޕްރައިވެޓް ސެކްޓާގައި މަސައްކަތް ކުރާ ނަރުހުންވެސް ވަޒީފާގެ އޮނިގަނޑަށް ފެއްތުމާ ގުޅޭ މަޝްވަރާތައް ކޮށްފައިވާ ކަމަށާއި އެކަމުގެ މަޝްވަރާތައް ޕޮލިސީ ލެވެލްގައި ކުރައްވާނެ ކަމަށް ރައީސް ވިދާޅުވި ކަމަށެވެ.

"ރައީސް ވިދާޅުވި އަޅުގަނޑުމެން އެދުނު ގޮތަށް ޗީފް ނާސިން އޮފިސަރެއް ހަމަޖެއްސެވުމަށް ވިސްނަވާނެ ކަމަށް. އަދި ވިދާޅުވި ކުރިއަށް އޮތް 4-3 މަހުގެ ތެރޭގައި ނަރުހުންގެ މުސާއަށް ހެޔޮ ބަދަލެއް ގެނެސްދެއްވާނެ ކަމަށް. އަދި ނަރުހުންނަށް ހާއްސަކޮށްގެން ސްކޮލާޝިޕްތަކުގެ ފުރުސަތުތަކެއްވެސް ހުޅުވާލައްވާނެ ކަމަށް ވިދާޅުވި،" ނަޝްފާ ވިދާޅުވިއެވެ.

ނަޝްފާ އިތުރަށް ވިދާޅުވީ ނަރުހުންނަށް ފަސޭހައިން ވަޒީފާ އަދާކުރެވޭނެ ގޮތް ހަމަޖައްސަވަދިނުމަށް މަޝްވަރާކުރައްވާނެ ކަމަށް ރައީސް ވިދާޅުވި ކަމަށާއި އަދި ދަރިން ތިބޭ ނަރުހުންނަށް ހާއްސަކޮށްގެން ޑޭކެއާ ސެންޓަރެއް ގާއިމު ކުރުމުގެ މަޝްވަރާތައް ކުރައްވާނެ ކަމަށްވެސް ވިދާޅުވި ކަމަށެވެ.

ނަރުހުންގެ ޖަމިއްޔާއިން މިހާރު އަންނަނީ އީބީޕީސީއާއެކު އަންނަ ޖުލައި މަހުގެ ހަތް ވަނަ ދުވަހު ބަނޑޮސް ރިސޯޓުގައި ނާސިން އިންޓަނޭޝަނަލް ކޮންފަރެންސެއް ބާއްވަން ތައްޔާރުވަމުންނެވެ.