ކޮވިޑުން ރައްކާތެރިވުމަށް ސްކޫލުތަކުގައިވެސް އިތުރު ފިޔަވަޅުތަކެއް އަޅަން އަންގައިފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނީ ސްކޫލުތަކުން ފިޔަވަޅުތަކަށް އަމަލުކުރަން ފަށާނީ ސްކޫލުތަކުގެ ފުރަތަމަ ޓާމުގެ ޗުއްޓީއަށް ފަހު ދެވަނަ ޓާމުގެ ކިޔެވުން، އަންނަ އާދިއްތަ ދުވަހު ފަށާއިރު ކަމަށެވެ.
އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ސޮއި ކުރައްވައި ސްކޫލުތަކަށް މިދިޔަ ބުރާސްފަތި ދުވަހު ފޮނުވާފައިވާ ސާކިއުލާގައި މައިގަނޑު ފަސް ކަމަކަށް އަމަލުކުރަން އަންގާފައިވެއެވެ.
- ރާއްޖޭން ބޭރުން އަންނަ ދަރިވަރުން އަދި މުވައްޒަފުން ރާއްޖެ އައިސް ގިނަވެގެން ފަސް ދުވަހުގެ ތެރޭގައި ޕީސީއާރު ޓެސްޓް ހެދުމަށްފަހު ނަތީޖާ ލިބުމުގެ ކުރިން ސްކޫލަށް ހާޒިރުނުވުން
- މޮނިޓަރިންގައި އޮތް ރަށަކުން ދަރިވަރަކު ނުވަތަ މުވައްޒަފަކު މާލެ އަތުވެއްޖެނަމަ ގިނަވެގެން ހަތަރު ދުވަހުގެ ތެރޭގައި ޕީސީއާރު ޓެސްޓު ހެދުމަށްފަހު ނަތީޖާ ލިބުމުގެ ކުރިން ސްކޫލަށް ހާޒިރުނުވުން
- ސްކޫލު ތެރޭގައި އަބަދުވެސް މާސްކް އަޅައިގެން އުޅުމާއި ސައިބޯނި ލައިގެން ރަނގަޅަށް އަތްދޮވެވޭނެ އިންތިޒާމު ހަމަޖެއްސުން
- ސްކޫލު ތެރޭގައި ގްރޫޕް ހަދައިގެން ކައިބޮއި ނުހެދުން
- ސްކޫލު ތެރޭގައި އެކުލަވާލާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ފުރިހަމައަށް ތަންފީޒުކުރުން
ކޮވިޑްގެ ސަބަބުން ސްކޫލުތަކާއި ޔުނިވާސިޓީތަކާއި ކޮލެޖުތަކާއި ޓިއުޝަން ސެންޓަރުތައް މީގެ ކުރިން ގިނަ ދުވަސްތަކެއްވަންދެން ބަންދުކޮށް އޮންލައިންކޮށް ކިޔަވައިދީފައިވެއެވެ.
ސްކޫލުތަކުގައި ހާއްސަ ފިޔަވަޅުތަކެއް އެޅުމަށް ނިންމިއިރު، ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މި ފަހަކަށް އައިސް އުޅެނީ 200 އިން މަތީގައެވެ. އަދި މާލެ ސަރަހައްދުގެ އަދަދުތައް އުޅެނީ 100 އިން މަތީގައެވެ.
އެކަމާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީން މިއަދު ވަނީ މާލެ ސަރަހައްދުގެ ފިޔަވަޅުތައްވެސް ހަރުކަށިކޮށްފައެވެ. އަދި މާލެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކަށް ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ.
ޚަބަރު
ޚަބަރު