ލައިފް ސްޓައިލް

ގޭތެރޭގައި އެކަށޭނެ މާހައުލެއް ނެތް، ކުލާހުގައި ނިދެނީ ކީއްވެކަން ސުކޫލަށް ބުނެދޭނީ ކިހިނެއް؟

1

އިނގިރޭސިވިލާތަށް ނިސްބަތްވާ ރިލްވާން ހުސައިން އަކީ ހެދިބޮޑުވަމުން އަންނަ ފުރާވަރު އުމުރުގެ ކުއްޖެކެވެ. ފުރަބަންދުގެ ތެރޭގައި އެކަނިވެސް ރިލްވާންގެ އިސްކޮޅު ވަނީ 5 ފޫޓު 5 އިންޗިން 6 ފޫޓު 1 އިންޗިއަށް ދެމިލައިފައެވެ.

އަންހެން ދެ ކޮއްކޮއާއި މަންމަ އަދި ބައްޕައާއެކު، ދިރިއުޅެމުން އަންނަ ކުޑަ ދެ ކޮޓަރީގެ ގޭގައި ރިލްވާން ނިދާނެ ޖާގަ ކުޑަވުމުގެ ސަބަބުން އޭނާ ނިދައި ހަދަނީ ގޭތެރޭގެ ސޯފާގައެވެ. 16 އަހަރުގެ ރިލްވާން ބުނިގޮތުގައި ދުވާލެއްގެ މައްޗަށް އޭނާއަށް 6 ގަޑިއިރުގެވެސް ހަމަ ނިންޖެއް ނުލިބެއެވެ.

''ސްކޫލަކަށް ނުވިސްނޭ ކުލާހުގައި ނިދެނީ ކީއްވެ ކަމެއް. ޖެހިޖެހިގެން ތިން ދުވަހު ކުލާހުގައި ނިދިއްޖެ ނަމަ ސަސްޕެންޑު ކުރޭ.'' ބީބީސީއަށް ދިން އިންޓަވިއުއެއްގައި ރިލްވާން ބުނެފައިވެއެވެ.

ނިދާނެ އެނދެއް ނެތް

އިނގިރޭސިވިލާތުގައި ކުދިތަންތަންކޮޅުގައި ނުވަތަ ގިނަބަޔަކު އެއްތަނެއްގައި ދިރިއުޅެމުން އަންނަ ބޯހިޔާވަހިކަމުގައި ބޮޑުވަމުން އަންނަ 2 މިލިއަން ކުޑަކުދީންގެ ތެރެއިން ރިލްވާން އަކީ އެކެކެވެ. ރިލްވާންގެ 13 އަހަރުގެ ކޮއްކޮ މާއިޝާ އަދި 11 އަހަރުގެ ކޮއްކޮ މާލިހާ ނިދަނީ އެއް އެނދެއްގައެވެ. ''ގޭތެރެ އަބަދުވެސް ވަރަށް ހަލަބޮލި، އަބަދުވެސް ކޮޓަރީގައި ކޮންމެވެސް އެކަކު އުޅޭ.'' މާއިޝާ ކިޔައިދެއެވެ. ''އަދި ރިލްވާންއަށް ނިދައިލާނެ އެނދެއް ނުލިބޭތީ އަބަދުވެސް ޝަކުވާ ކުރޭ'' އޭނާ ބުނެއެވެ.

ބޯހިޔާވަހިކަމުގެ ދަފްތަރު

ލަންޑަނުގެ ހުޅަނގުން އޮންނަ ރޯޔަލް އޯކް އަށް ނިސްބަތްވާ މި އާއިލާ ފުދުންތެރި ބޯހިޔާވަހިކަމަކަށް އެދި 2013 ވަނަ އަހަރުން ފެށިގެން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ކޮންމެ ބުދަދުވަހެއްގެވެސް ހެނދުނު އަރާ އިރާއެކު 6.00 ގައި ރިލްވާންގެ މަންމަ ހުސްނާރާ ހުންނާނީ ވެސްޓްމިންސްޓާ ކައުންސިލުގައި ގޯތީގެ ދަފްތަރުން މިއަށްވުރެ ތަނަވަސް ގެއެއްގެ ފުރުސަތު ހޯދުމުގެ ބޭނުމުގައެވެ. ހުސްނާރާ ބުނިގޮތުގައި އޭނާ އެ ދަފުތަރުގެ ލިސްޓުން 125ވަނައަށް، 86 ވަނައަށް އަދި 105 ވަނައަށް އެރި ނަމަވެސް އެކަމަށް އަލިމަގެއް ފެންނަ ގޮތެއް އަދިއެއް ނުވެއެވެ.

''އާ ގެތައް އިމާރާތްކުރާތަން ފެނޭ، އެ ތަންތަނަށް ވާގޮތެއް، ލިބެނީ ކޮން ބަޔަކަށް ކަމެއް ނޭނގެ.'' ހުސްނާރާ ބުނެއެވެ.

ފިތިބާރުވެގެން އުޅުން ބޮޑު ވޭނަކަށް

ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ނުލިބި އެކަމާ ތާ އަބަދު ފިކުރުކުރުމުގެ ސަބަބުން އާމްދަނީ ހޯދުމަށް ޓެކްސީ ކުރަމުން އައި ރިލްވާންގެ ބައްޕަ މުހައްމަދަށް މިދިޔަ ފެބްރުއަރީމަހު ވަނީ ހާޓްއެޓޭކެއް ޖެހި މަސައްކަތް ނުކުރެވޭ ގޮތް ވެފައެވެ. އޭނާގެ ހާލަތު ރަނގަޅުވަމުން އައި ނަމަވެސް އާއިލާ ދިރިއުޅެމުން އަންނަ ހާލަތަށް ބަދަލެއް ގެނެވޭނެ ގޮތެއް ނެތުމުން އެ ފިކުރުތަކާ ދުރު ވެވޭނެ ގޮތެއް ނެތެވެ.

އެ އާއިލާ ނިސްބަތްވާ ހިސާބަށްވުރެ 200 މޭލު ދުރުގައި އޮންނަ ވެސްޓް ޔޯކްޝަޔާގެ އާއިލާއަކުން ގޯތި ލާ ޖެއްސުމަށް ޝައުގުވެރިކަން ފާޅުކުރުމުން އެ ފުރުސަތުގެ ބޭނުން ހިފުމަށް ރިލްވާން އޭނާގެ މަންމަ ގާތުން އެދުނެވެ. ނަމަވެސް މަޝްވަރާތައް ވަކިކޮޅެއްގައި ނުޖެހި އުޅެނިކޮށް އާއިލާއަށް އެފުރުސަތު ވަނީ ގެއްލިގެން ގޮސްފައެވެ.

ހުސްނާރާ ބުނިގޮތުގައި ބޯހިޔާވަހިކަމުގެ ތަކުލީފުގެ ސަބަބުން އާއިލާ ތެރޭގައި ދެބަސްވުންތަކާއި އަރައިރުންތައް އަބަދުވެސް ދަނީ ހިނގަމުންނެވެ. މިއީ އޭނާ އުޅެބޮޑުވި ސަރަހައްދު ނަމަވެސް، އެނޫން ހިސާބަކުން ތަނަވަސް ޖާގައެއްގައި އުޅެވޭނެ ފުރުސަތެއް އޮތް ނަމަ އޭނާ ހުރީ ވަގުތުން ބަދަލުވާން ތައްޔާރަށް ކަމުގައި ހުސްނާރާ ބުނެއެވެ.

ބޯ ހިޔާވަހިކަމަށް ހައްލެއް ނުލިބުން، ހާސްވުމާއި ނަފުސާނީ ބަލިތަކަށް ހުޅުވޭ ދޮރެއް

އިނގިރޭސިވިލާތުގެ ހައުސިން އެސޯސިއޭޝަން ރަމްޒުކޮށްދޭ ނެޝަނަލް ހައުސިން ފެޑެރޭޝަންގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި އެ ގައުމުގެ ދެމިލިއަން ކުޑަކުދީން ނުވަތަ ކޮންމެ 5 ކުއްޖަކުން 1 ކުއްޖަކީ ފިތިބާރުވެގެންނާއި އެކަށޭނަ ނޫން މާހައުލުގައި ނުވަތަ ދިރިއުޅުން ރައްކާތެރިނޫން ހާލަތްތަކުގައި ދިރިއުޅެމުން އަންނަ ކުޑަކުދީންނެވެ. އޭގެ ތެރެއިން 1.1 މިލިއަން ކުދިންނަކީ އެކަށޭނަ ނޫން މާހައުލުތަކުގައި ދިރިއުޅެމުން އައުމުގެ ސަބަބުން ހެދިބޮޑުވުމަށް އަސަރުކޮށް ނަފުސާނީ ބަލިތައް ކަމަށްވާ އެންޒައިޓީ އަދި ޑިޕްރެޝަނަށް ފަރުވާ ކުރަން ޖެހިފައިވާ ކުދިންނެވެ.

ހެރިއެޓް-ވޮޓް އިން ހެދި ދިރާސާއަކުން ދެއްކިގޮތުގައި އެގައުމުގެ އާބާދީގެ 19 ޕަސެންޓަކީ ކުޑަކުދީންނެވެ. އޭގެ ތެރެއިން 30 ޕަސެންޓަކީ ސޯޝަލް ހައުސިންއަށް ކުފޫ ހަމަވާ ނުވަތަ ބޭނުން ޖެހިފައިވާ ކުދީންނެވެ.

އެ ގައުމުގެ ސަރުކާރުން ބުނާގޮތުގައި ކޮންމެ ކުއްޖަކީވެސް އެކަށޭނަ ރައްކާތެރި ތަނަވަސް މާހައުލެއްގައި ހެދިބޮޑުވާން ޖެހޭނެ ކުދީންނެވެ. އަދި ކައުންސިލްތަކުގެ އެއްބާރުލުމާއެކު އެ މަގު ތަނަވަސް ކޮށްދިނުމުގެ މަސައްކަތް ވަރުގަދަކުރަމުން އަންނަކަމަށްވެސް ބުނެއެވެ. އެކަމަށް ކުރަމުން އަންނަ މަސައްކަތްތަކުން ސަރުކާރު ބޯހިޔާވަހިކަމަށް އެދޭ ދަފްތަރުގައި ހިމެނޭ ގޭބިސީގެ އަދަދުތައް 2010 ވަނަ އަހަރުން ފެށިގެން 2021 އާއި ހަމައަށް އައިިއިރު 550،000 އަށް ތިރި ކުރެވިފައިވާ ކަމުގައި ސަރުކާރުން ވަނީ ބުނެފައެވެ.

އެ ގައުމުގެ ސަރުކާރުން ވަނީ އެކަމަށް ޓަކައި 11.5 ބިލިއަން ޔޫރޯ ހަރަދުކޮށްގެން ކުރިއަށް އޮތް 5 އަހަރު ދުވަހުގެ ތެރޭގައި ބޯހިޔާވަހިކަމަށް ހައްލެއް ގެނައުމަށް ވައުދުވެފައެވެ.

ރިލްވާން ފަދަ އެތައް ކުދީންނަކަށް ވަނީ މި ސީރިއަސް މައްސަލަ ކުރިމަތިވެފަ އެވެ. ދިރިއުޅޭނެ އެކަށޭނެ ވެއްޓެއް، ހަމަ ނިދި ލިބޭނެ މާހައުލެއް ނެތުމުގެ ސަބަބުން ސްކޫލު މާހައުލުގައި އިތުރު ތަކުލީފު އުފުލަން ޖެހުން ވަނީ އާންމު ކަމަކަށް ވެފަ އެވެ. ކުލާހުގައި ނިދެނީ ނިދާން ބޭނުން ވެގެނެއް ނޫނެވެ. ނިދި ހަމަ ނުވެ ދިރިއުޅެން ޖެހުމުން ނިދިގެން ވެއްޓެނީ އެވެ. އެކަމުގެ ސަބަބުން ލިބެނީ އަދަބެވެ.