ގއ. ކޮލަމާފުށި މަގުތަކުގައި ތާރުއަޅަން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)އާ ހަވާލުކޮށްފި އެވެ.

ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެކަމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު ޖެނެރަލް އަހުމަދު ތޮލްހަތެވެ. އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކެވެ.

ޑިޒައިން އެންޑް ބިލްޑް އުސޫލުން އެ މަސައްކަތް އާރުޑީސީއާ ހަވާލުކުރީ ޖުމުލަ 85 މިލިއަން ރުފިޔާއަށް 450 ދުވަސް (15 މަސް ދުވަސް) ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.

އެ މަޝްރޫއުގެ ދަށުން 4.8 ކިލޯމީޓަރުގެ މަގުގައި ތާރުއެޅުމަށް ހަމަޖެހިފައިވާ އިރު، މަގުތަކުގައި ފެން ހިންދާ ނިޒާމެއް ގާއިމުކޮށް، މަގުތަކުގައި މަގުބައްތި ޖެހުން ހިމެނެއެވެ.