ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިލަދުންމަޑުލު ދެކުނުބުރީގެ ފަސް ރަށަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިރޭ މާލެ ވަޑައިގެންފިއެވެ.
ރައީސްގެ މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ، މާފަރާއި ލަންދޫ އާއި މަނަދޫ އާއި މަގޫދޫ އަދި ހޮޅުދުއަށް ޒިޔާރަތްކުރައްވައިފައެވެ.
މި ދަތުރުފުޅުގައި އެ މަނިކުފާނު ވަނީ ޒިޔާރަތް ކުރެއްވި ހުރިހާ ރަށްރަށެއްގެ ރަށު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންނާއި ބައްދަލުކުރައްވައިފައެވެ. އަދި އެ މަނިކުފާނު ވަނީ ނ. އަތޮޅު ކައުންސިލް މެންބަރުންނާ ވެސް ބައްދަލުކުރައްވައިފައެވެ. މި ބައްދަލުވުންތަކުގައި އެ ބޭފުޅުން ވަނީ ރަށްރަށުގެ ތަރައްގީއަށް ރާވާފައިވާ މަސައްކަތްތަކާއި އެ ރަށްރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތަކާއި އިތުރަށް ބޭނުންވާ ކަންތައްތައް ރައީސްއާ ހިއްސާކުރައްވައިފައެވެ.
ރައީސް ވަނީ ދަތުރުކުރެއްވި ގިނަ ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ބައެއް މުއައްސަސާތަކަށް ޒިޔާރަތްކުރައްވައި އެ ތަންތަނުގެ ހާލަތު ބައްލަވައިލައްވައި، ސަރުކާރުން ހިންގާ ބައެއް މަޝްރޫއުތަކުގެ މަސައްކަތް ހިނގަމުންދާ ގޮތް ވެސް ބައްލަވާލައްވައިފައެވެ.
މީގެ އިތުރުން މި ދަތުރުފުޅުގައި ރައީސް ވަނީ ލަންދޫ މިސްކިތާއި ބަނދަރު ހުޅުއްވައިދެއްވައި، މަގޫދޫގައި އަލަށް އިމާރާތްކޮށްފައިވާ އިންޖީނުގެ ހުޅުއްވައިދެއްވައި، ހޮޅުދޫ ފުޓްބޯޅަދަނޑުވެސް ރަސްމީކޮށް ހުޅުއްވައިދެއްވައިފައެވެ.
ދެ ދުވަހުގެ މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ކެބިނެޓް މިނިސްޓަރުންނާއި ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގެންފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު