މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވަން ކުރާ މަސައްކަތާ މެދު ބަޔަކު ހިތްހަމަނުޖެހުނަސް، އެކަން ހުއްޓާނުލައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެއެވެ.

ނ. އަތޮޅަށް ރައީސް ސޯލިހު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެއަތޮޅު ލަންދޫ ބަނދަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލައަކީ ރާއްޖޭގައި އޮތް އިޖުތިމާއީ އެންމެ ބޮޑު މައްސަލަ ކަމަށާއި މަސްތުވާތަކެއްޗާ ދެކޮޅަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މިދިޔަ އަހަރަކީ ރެކޯޑް މިންވަރަކަށް މަސްތުވާތަކެތި އަތުލައިގެންފައިވާ އަހަރެއް ކަމަށް ވިދާޅުވިއެވެ.

"މިކަމާ ކަންބޮޑުވާ ބަޔަކު އެބަ އުޅޭ. އެއީ ޑްރަގުގެ ވިޔަފާރި ރާއްޖޭގައި ކުރާ ފަރާތްތަކާއި ވަގު ވިޔަފާރީއަށް ދެވި ހިފާފައި ތިބި ފަރާތްތައް. އެ މީހުންނަކަށް ކަމަކު ނުދާނެ މިކަމެއް. އެހެން ނަމަވެސް އަޅުގަނޑުމެން އެކަމެއް ހުއްޓައެއް ނުލާނަން. އެހީ ލިބެން އޮތް ހުރިހާ ފަރާތްތަކެއްގެ އެހީތެރިކަމާ އެކު ރާއްޖޭގެ ބޯޑަރުތައް ބަލަހައްޓައި، ރާއްޖެއަށް އެތެރެކުރާ ޑްރަގު ކޮންޓްރޯލް ކުރުމަށްޓަކައި ކުރެވެން ހުރި ހުރިހާ ކަމެއް އަޅުގަނޑުމެން ކުރަމުން ގެންދާނަން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ މަސައްކަތުގައި ބޭރުގެ އެހީވެސް ހޯދަން ޖެހޭ ކަމަށެވެ. އަދި މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރަން އެކުލަވައިލި ޓާސްކް ފޯހުގެ މަސައްކަތުގެ ނަތީޖާ މިއަހަރުގެ މެދު ތެރޭގައި ފެންނަން ފަށާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ މަސްތުވާތަކެތީގެ ވަބާގައި ޖެހި ޖީލަކަށް ފަހު ޖީލެއް ހަލާކުވާތަން ބަލަން ސަރުކާރުން ނުތިބޭނެ ކަމަށެވެ.

މިދިޔަ އަހަރު އެކަނިވެސް ރާއްޖެއަށް އެތެރެކުރަން އުޅުނު 500 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ވަނީ އަތުލައިގެންފައެވެ.