ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، ނ. އަތޮޅުގެ ފަސް ރަށަކަށް ކުރައްވާ ދެ ދުވަހުގެ ދަތުރުފުޅެއްގައި މިއަދު ހެނދުނު ފުރާވަޑައިގެންފިއެވެ.

ރައީސް އޮފީހުން ބުނީ، އެމަނިކުފާނު ދަތުރުފުޅު ކުރައްވަން ހަމަޖެހިފައި ވަނީ ނ. މާފަރަށާއި ލަންދޫއަށާއި މަނަދޫއަށާއި މަގުދޫ އަދި ހޮޅުދޫއަށް ކަމަށެވެ. އަދި އެ ރަށްތަކަށް ކުރައްވާ ޒިޔާރަތުގައި ނ. އަތޮޅު ކައުންސިލާއި ވަކި ވަކި ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި ބައެއް ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާނެ ކަމަށް ބުންޏެވެ.

އޭގެ އިތުރުން، ދަތުރުކުރައްވާ ރަށްރަށުގެ ބައެއް މުއައްސަސާތަކަށް ޒިޔާރަތްކުރައްވައި އެތަންތަނުގެ ހާލަތުވެސް ބައްލަވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އެ އޮފީހުން ބުނީ، މި ދަތުރުފުޅުގައި ލަންދޫ މިސްކިތާއި ބަނދަރު އަދި މަގޫދޫގައި އަލަށް އިމާރާތްކޮށްފައިވާ އިންޖީނުގާއި ހޮޅުދޫ ފުޓްބޯޅަދަނޑު ރަސްމީކޮށް ރައީސް ހުޅުއްވައިދެއްވާނެ ކަމަށެވެ.

ރައީސް ސޯލިހުގެ މި ދަތުރުފުޅުގައި، ކެބިނެޓް މިނިސްޓަރުންނާއި ސަރުކާރުގެ އިސް ބައެއް ވެރީން ބައިވެރިވެ ވަޑައިގަންނަވައެވެ.