ލ. ގަމު ކައުންސިލުން މުޅި ލ. އަތޮޅަށް ހުޅުވާލައިގެން ބާއްވާ ގަމު ފުޓުބޯޅަ މުބާރާތުގެ ގްރޫޕް އޭގައި މިއަދު ކުޅުނު މެޗުގައި ޕޮލިސް ކްލަބު ބަލިކޮށް، ލ. ތުނޑީ ގޯޅި ސްޕޯޓްސް ކްލަބުން ސެމީ ފައިނަލްގެ އުންމީދު އާކޮށްފިއެވެ.

ގަމު ޒޯން ސްޓޭޑިއަމްގައި މިއަދު ހަވީރު ކުޅުނު މެޗު ގޯޅިން ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުންނެވެ. މެޗުން މޮޅުވެ ހަތަރު މެޗުން ހަތް ޕޮއިންޓާއެކު ގޯޅި ވަނީ ގްރޫޕު ސްޓޭޖުގެ ހުރިހާ މެޗެއް ނިންމާލައިފައެވެ. ގްރޫޕުގައި މިހާރު ތިން ޓީމަށް ހަތް ޕޮއިންޓް ލިބިފައިވެއެވެ. އެއީ ގޯޅީގެ އިތުރުން ލ. މާބައިދޫ ކައުންސިލާއި މާހިންނަ ސްޕޯޓްސް ކްލަބެވެ.

މާބައިދު އާއި ގޯޅި ޕޮއިންޓުގެ ގޮތުންނާއި ފައިދާ ގޯލު އަދި ޖެހި ގޯލަށް ބަލާއިރުވެސް އެއްވަރުވެފައި އޮތް އިރު، ތިންވަނައިގައި މިވަގުތު އޮތީ މާހިންނައެވެ. އެ ތިން ޓީމަށްވެސް ސެމީގެ ފުރުސަތު އެބައޮތެވެ.

ޕޮލިހަށް އަދި ބާކީ މެޗެއް އޮތް އިރު، ތިން މެޗުން ލިބުނީ ޕޮއިންޓެކެވެ. އެ ގްރޫޕުގެ ފުލުގައި އޮތީ ޕޮއިންޓެއް ނުލިބި އޮތް އަމިގޯސް ސްޕޯޓްސް ކްލަބެވެ. އަމިގޯސްއަށް ދެން ބާކީ އޮންނާނީ ޕޮލިހާ ދެކޮޅަށް ކުޅެން އޮތް މެޗެވެ. އެ މެޗަށް ނުކުންނަ ދެޓީމުވެސް އޮތީ ކަޓައިފައެވެ.

މިއަދުގެ މެޗުގައި ގޯޅީގެ ގޯލުތައް ޖަހައިދިނީ އަހުމަދު ޒާދު އާއި ހުސައިން ޝަރީފް (އޮންލީ) އަދި އަބްދުﷲ ޝުއާއު (ސޮކޭ) އެވެ.

މުބާރާތުގައި މާދަމާ އޮންނާނީ ގްރޫޕް ބީގައި އައިލެންޑް ޔޫތު ޔުނައިޓެޑާއި ކުނަހަންދޫ ކުޅޭ މެޗެވެ.