ސެމީ އޮޓޮމޭޓެޑް އޮފްސައިޑް ސިސްޓަމެއް ވޯލްޑް ކަޕް 2022 ޓެސްޓް ކުރުމަށް ފީފާއިން ނިންމާފައިވާ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
އޮފްސައިޑުގެ ވާހަކައަކީ އަބަދުވެސް ދެކެވެމުން އަންނަ ވާހަކައަކަށްވާ އިރު، އޮފްސައިޑު ރިވިއު ކުރުމުގައި ފަސޭހަ ހައްލެއް ހޯދުމަށް ފީފާއިން އަންނަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ. ފުޓުބޯޅައަށް ޓެކްނޮލޮޖީ ތައާރަފުކޮށް، އޮފްސައިޑް ނިންމުންތައް މިހާރުވެސް ވީއޭއާރް ރިވިއުގެ އެހީ ހޯދަމުން ދެއެވެ. އެކަން ކާމިޔާބު ކަމަށް ފީފާއިން ސިފަކޮށްފައިވާ އިރު، އިތުރު ޓެކްނޮލިޖީއަކާއެކު ވަގުތުން އޮފްސައިޑް ނިންމުންތަކުގައި ޓެކްނޮލޮޖީ ބޭނުންކުރަން ފީފާއިން ވަނީ މަޝްވަރާ ކޮށްފައެވެ.
ފީފާއިން އަލަށް ޓްރައިލް ކުރަން ގަސްދުކުރާ އޮޓޮމެޓިކް އޮފްސައިޑް ސިސްޓަމުގައި 10 ނޫނީ 12 ކެމެރާ އެކަމަށް ހާއްސަކޮށް ބޭނުން ކުރާނެއެވެ. އެ ކެމެރާތައް ހަރުކުރާނީ ސްޓޭޑިއަމްގެ ފުރާޅު ދަށުގައެވެ. ކެމެރާތަކުން ކުޅުންތެރިންގެ މޫވްމަންޓްތައް ބަލައި، 29 ޑޭޓާ ޕޮއިންޓަކުން ސިކުންތެއްގެ ތެރޭގައި 50 ފަހަރު މައުލޫމާތު ނަގާނެއެވެ. އާޓިފިޝަލް އިންޓަލިޖެންސްގެ އެހީގައި އެ ޑޭޓާތައް ވަގުތުން ޕްރޮސެސްވެ ވީއޭއާރް ސިސްޓަމަށް ދާ ގޮތަށް އޮފްސައިޑް ސިސްޓަމް ފަރުމާކޮށްފައިވާ ކަމަށްވެސް ފީފާގެ ޓެކްނޮލޮޖީ އަދި އިނޮވޭޝަނަސްގެ ޑިރެކްޓަރު ޖޮހަނެސް ހޮލްޒްމުލާ ވިދާޅުވެފައިވެއެވެ.
ހޮލްޒްމުލާ ވިދާޅުވީ އެ ސިސްޓަމުގައި ބޭނުން ކުރާނީ ލިމްބް ޓްރެކިން ޓެކްނޮލޮޖީ ކަމަށެވެ.
"ވީއޭއާރްގެ އެހީތެރިކަމާއެކު ޕޮޒިޓިވް އިމްޕެކްޓެއް ފުޓުބޯޅައަށް އަތުވެއްޖެ. އޮފްސައިޑް ނިންމުންތަކަށްވެސް މިސްޓޭކްތައް މަދުކުރެވި މެޗުގެ އިންސާފުވެރިކަން އިތުރު ކުރެވިއްޖެ. އެކަމަކު ރަނގަޅު ކުރަން ޖެހޭ ކަންކަން ވީއޭއާރްގަ އެބަހުރި. އެއީ އޮފްސައިޑް ފަދަ ނިންމުންތަކަށް ވަގުތު ބޭނުންވާތީ. އަދި ހާއްސަކޮށް އޮފްސައިޑު ބެލުމަށް އަޅާ ރޮނގުތައްވެސް 100 ޕަސެންޓް ރަނގަޅު ނުވެދާނެ. އެހެންވީމަ އާ ޓެކްނޮލިޖީއެއްގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފޭނެ،" ފީފާގެ ރެފްރީންގެ ކަންތަކާ އިސްކޮށް ހަވާލުވެ ހުންނެވި ކުރީގެ ރެފްރީ ޕިއާލުއީޖީ ކޮލީނާ ވިދާޅުވިއެވެ.
އާ ޓެކްނޮލޮޖީއާ ގުޅިގެން ރެފްރީންގެ ބޭނުން މެޗުތަކަށް ކުޑަ ނުވާނެ ކަމުގެ ޔަގީންކަން ކޮލީނާ ދެއްވިއެވެ. ކޮލީނާ ވިދާޅުވީ އާ ޓެކްނޮލިޖީ ފުރަތަމަ ޓެސްޓް ކުރަން އޮތީ ފީފާ އަރަބި ކަޕުގައި ނަމަވެސް އެކަން ކުރެވޭނެ އިންތިޒާމު ހަމަޖެހިފައި ނުވާ ކަމަށެވެ. އެހެންނަމަވެސް ވޯލްޑް ކަޕް 2022ގައި އެ ޓެކްނޮލޮޖީ ބޭނުން ކުރާނެ ކަމުގެ ބޮޑު ޔަގީންކަމެއް ކޮލީނާ ދެއްވިއެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު