.މ. ދިއްގަރުން އަލީ ޔާމީން، ވަން އޮންލައިން
ސަރުކާރުގެ އަމާޒަކީ އަންނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ފަތުރުވެރިކަން ތައާރަފުކުރުން ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.
ފަތުރުވެރިކަމުގެ އާ މޮޑެލް، ހޯމްސްޓޭ ޓޫރިޒަމް ތައާރަފު ކުރުމަށް މިރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު މައުސޫމް ވިދާޅުވީ މިރަށުން ފެނިގެން ދިޔައީ ފަތުރުވެރިކަމަށް ބޭނުންވާ އެންމެ މުހިންމު ކަންތައް ކަމަށާއި އެއީ މެހެމާންދާރީ ކަމަށެވެ.
"ދިއްގަރުން އަޅުގަނޑުމެންނަށް ފާހަގަކުރެވުނު އެންމެ މުހިންމު ކަމަކީ، ފަތުރުވެރިކަމުގައި ބޭނުންވާ އެންމެ މުހިންމު ކަންތައް. އެއީ މެހެމާންދާރީ، އިންވެސްޓަރެއް ލިބިދާނެ، ރަނގަޅު އިމާރާތެއްވެސް އެޅިދާނެ، ހިދުމަތްތަކެއްވެސް ތައާރަފު ކުރެވިދާނެ. އެހެންނަމަވެސް މެހެމާންދާރީއަކީ ހިތުން އަންނަކަމެއް. އަޅުގަނޑު ގަބޫލުކުރާ ހިތް އޮތީ ދިއްގަރު ރައްޔިތުންގެ އޮތީ ވަރަށް ބޮޑު ހިތެއް. އެހެންކަމުން އެ ހިތާއެކު އެ މެހެމާންދާރީއާއެކު ފަތުރުވެރިކަން ކާމިޔާބު ކުރެވޭނެ،" މިނިސްޓަރު ވިދާޅުވިއެވެ.
މި ރަށުގައި ހޯމްސްޓޭ ތައާރަފު ކުރުމަށް ބޭއްވި ރަސްމިއްޔާތައް ފަހު މިނިސްޓަރު މީޑިއާ ތަކަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ހޯމްސްޓޭގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށާއި އުންމީދަކީ އިތުރު ރަށްތަކަށް ހޯމްސްޓޭގެ ހުއްދަ ދިނުން ކަމަށެވެ. އަދި ސަރުކާރުގެ ސިޔާސަތަކީ މުޅި ރާއްޖެއަށް ޓޫރިޒަމް ފުޅާކުރުން ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.
"މުޅި ރާއްޖެއަށް ފަތުރުވެރިކަން ގެންދަން، 2023ގެ ނިޔަލަށް ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ގެސްޓްހައުސް ޓޫރިޒަމް ހުންނަވަރަށް. މިއަދު މިއީ ފެށުން،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ މިރަށުން ކީ މެހެމާންދާރީން ރާއްޖޭގައި ހޯމްސްޓޭ ކުރިއަރުވަން އިތުރު ހިތްވަރެއް ލިބިފައިވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު