ދެ ޖިންސުގެ ދިވެހި ޒުވާނުން ގައުމީ ތަރައްގީގައި ބައިވެރިވާ މިންވަރު އިތުރުވި ވަރަކަށް ތަރައްގީގެ ދަތުރުގައި ދިވެހިން ހާސިލުކުރަން ބޭނުންވާ އައްސޭރި މާ އަވަހަށް އަތުވާނެ ކަމަށް ވިދާޅުވެ، މިފެށުނު އާ އަހަރުގެ އެންމެ މަތިވެރި އަޒުމަކަށް ކޮންމެ ފަރުދަކުވެސް އެމީހެއްގެ ފެންވަރުން ގައުމުގެ ތަރައްގީގައި އަމަލީ ގޮތުން ބައިވެރިވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު އިލްތިމާސްކުރައްވައިފިއެވެ.
އެމަނިކުފާނު މިކަމަށް އިލްތިމާސްކުރެއްވީ 2022 ވަނަ އަހަރު ފެށުމާ ގުޅިގެން ދިވެހި ރައްޔިތުންނަށް ދެއްވެވި ތަހުނިޔާގެ ހިތާބުގައެވެ.
އެމަނިކުފާނުގެ ހިތާބުގައި ނިމިގެން މިދިޔަ 2021 ވަނަ އަހަރަކީ، ދަތިތަކާއި އުނދަގޫތަކެއްގެ ތެރެއިން އުންމީދުގެ އަމާން އައްސޭރިއަކަށް ގައުމު ގެންދެވުނު އަހަރެއްކަމުގައި ވިދާޅުވިއެވެ. އަދި މުޅި ރާއްޖެއަށް ކުރިމަތިވި ކޮވިޑުގެ ބަލިމަޑުކަމުން ރައްކާތެރިވުމަށްޓަކައި އަޅަން ޖެހުނު އުނދަގޫ ފިޔަވަޅުތައް ތަހައްމަލުކުރުމުގައި ދިވެހި ރައްޔިތުން ދެއްކި އެއްބައިވަންތަކަމާއި ކެތްތެރިކަމަށްޓަކައި ވަރަށް އިހުލާސްތެރިކަމާއެކު އެމަނިކުފާނު ވަނީ ޝުކުރު ދަންނަވައިފައެވެ.
އާ އަހަރަކަށް މަރުހަބާ ކިޔާއިރު، ކޮންމެ ފަރުދެއްގެވެސް އުންމީދަކަށް ވާނީ، ކޮވިޑުގެ ސަބަބުން ކުރިމަތިވި އިގުތިސާދީ ގެއްލުންތައް ވީއެންމެ އަވަހަކަށް ފޫބައްދައި، ކުރިއަށްވުރެ ފާގަތި އަދި އުފާވެރި ދިރިއުޅުމަކާ ކުރިމަތިލުންކަމުގައި ވިދާޅުވަމުން ރައީސް ވަނީ ގައުމެއްގެ ނިސްބަތުން ބަލާއިރުވެސް، މުޅި މުޖުތަމައު އެކުގައި ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިއަކީ އެއީ ކަމުގައި ފާހަގަކުރައްވައިފައެވެ.
ރައީސް ވިދާޅުވީ ކޮވިޑުގެ ދަތިކަމުގެ ތެރޭގައިވެސް، ރާއްޖެ މިއަދު މިވަނީ އިގުތިސާދީ ހަރަކާތްތައް އަލުން ފަށައިފައި ކަމަށާއި، ދިރިއުޅުމުގެ އާންމު ހާލަތަށް އެނބުރި ރުޖޫއަވެވިފައި ވިޔަސް، ކޮވިޑުގެ ނުރައްކާތެރިކަން މުޅިން ފިލައިގެން ދިޔައީ ނޫންކަން ކަމަށެވެ. އަދި އެމަނިކުފާނު ވަނީ މި ނުރައްކާތެރި ވަބާއިން ރައްކާތެރިވުމަށްޓަކައި އަޅަންޖެހޭ އެންމެހައި ފިޔަވަޅުތަކަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް ދިވެހި ރައްޔިތުންނަށް އިލްތިމާސްކުރައްވައިފައެވެ.
މީގެ އިތުރުން ވެސް ރައީސް ވަނީ ހަގީގީ ތަރައްގީއަކީ ރައްޔިތުން ބޭނުންވާ އަސާސީ ހިދުމަތްތައް ފުރިހަމަވުން ކަމަށްވާއިރު، މިފެށުނު އާ އަހަރަކީ ތަރައްގީގެ އުފާވެރިކަން ދިވެހި ރައްޔިތުންނަށް ކުރިއަށް ވުރެ އެތައް ގުނައަކަށް ހާސިލުކުރެވޭނެ އަހަރެއްކަމުގައި ވާނެކަން ހާމަކުރައްވައިފައެވެ. އަދި، ރަށްރަށުގައި ދިރިއުޅޭ ރައްޔިތުން އެތައް އަހަރެއް ވަންދެން މަހުރޫމްވެފައި ތިބި އަސާސީ ހިދުމަތްތައް، އެ ރަށްރަށުގައި ގާއިމުކުރުމަށް އިސްކަން ދިނުމުގެ ސިޔާސަތުގެ ދަށުން، މިހާރު ފަށާފައިވާ ކިތަންމެ މަޝްރޫއެއް މިއަހަރުގެ ތެރޭގައި ނިމިގެންދާނެ ކަމަށާއި އެފަދަ ކިތަންމެ އާ މަޝްރޫއެއްގެ އަމަލީ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ތަރައްގީއަށްޓަކައި ސަރުކާރުން މިކުރާ މަސައްކަތްތަކުން އެންމެ އެދެވޭ ނަތީޖާ ހާސިލުކުރެވޭނީ، އަދި ފުރިހަމަވެފައިވާ ތަރައްގީގެ މަޝްރޫއުތަކުގެ ހަގީގީ މަންފާ ގައުމަށް ކުރާނީ، ދިވެހިންގެ މެދުގައި އޮންނަންޖެހޭ އެކުވެރިކަމާއި އެއްބައިވަންތަކަން މިހާރަށް ވުރެ ހަރުދަނާވެގެން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު