ސަރުކާރަށް ތިން އަހަރު ފުރި، ދައުރު ދެބައިވެފައިވާއިރު، ކެބިނެޓަށް ވެސް މިވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. މި ނިމުނު 2021 ވަނަ އަހަރު އެކަނިވެސް ކެބިނެޓަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވެއެވެ. މިނިސްޓަރުން ބަދަލު ކުރުމާއި މިނިސްޓްރީތައް އުވާލުމާއި މިނިސްޓްރީތަކުގެ ނަން ބަދަލު ކުރުންފަދަ ގިނަ ބަދަލުތަކެއް ވަނީ ކެބިނެޓުން ފެނިގެން ގޮސްފައެވެ.

މިއަހަރު އެންމެ ބޮޑު ބަދަލަކަށް ފެނިގެން ގޮސްފައިވަނީ، މި ސަރުކާރުން އަލަށް އުފެއްދި، މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައެންސް އެންޑް ޓެކްނޯލޮޖީ އުވާލުމެވެ. ޓެކްނޮލޮޖީ މިނިސްޓްރަކަށް ހުންނެވީ، ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ހުންނެވި މުހައްމަދު މަލީހް ޖަމާލެވެ. މަލީހް މަގާމުން ވަކިކޮށް، މިނިސްޓްރީ އުވާލާފައިވަނީ، އެ މިނިސްޓްރީގެ ދަށުން ކުރިއަށްގެންދަން ޖެހޭ އެންމެ މުހިންމު މަސައްކަތްތައް ކަމަށްވާ އިންޓަނެޓް އަގުހެޔޮކުރުމުގެ ކަންކަން އެދެވޭ ސްޕީޑެއްގައި ކުރިއަށް ނުދާތީ އާއީ، ޓެލެކޮމިއުނިކޭޝަން ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވައިދުތައް ހަދާފައި ނުވާކަމަށް ބުނެ އެ މައްސަލަ ރައްޔިތުންގެ މަޖިލީހުން ބެލުމަށް ފަހު މަލީހުގެ އިތުބާރު ނެތްކަމަށް މަޖިލީހުން ނިންމުމުންނެވެ.

މިނިސްޓަރު ކަމުން މަލީހު ވަކިކުރުމަށް މަޖިލީހުގައި ނެގި ވޯޓުގައި 59 މެންބަރަކު ވޯޓު ދެއްވި އެވެ. ހަތަރު މެންބަރަކު ވަކި ގޮތަކަށް ވޯޓު ދެއްވާފައި ނުވާއިރު އޭނާ ވަކިކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ މެންބަރެކެވެ. އެއީ ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒެވެ. އޭނާ އަކީ ޖުމްހޫރީ ޕާޓީގެ މެންބަރެކެވެ.

ޓެކްނޮލޮޖީ މިނިސްޓަރުކަމުން މަލީހް ވަކިކޮށް، އެ މިނިސްޓްރީގެ ހިންގުން ވަގުތީ ގޮތުން ހަވާލުކުރީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލާއެވެ. އޭގެ ފަހުން، އެ މިނިސްޓްރީ އުވާލައި، އެ މިނިސްޓްރީގެ މެންޑޭޓްގައި ހިމެނޭ ކަންކަން އެންވަޔަރަމަންޓް މިނިސްޓްރީގެ ދަށަށް ބަދަލު ކުރިއެވެ. އެގޮތުން ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސްގެ މަސައްކަތްތަކާއި، ނޭޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޯލޮޖީގެ މަސައްކަތްތަކުގެ އިތުރުން ޓެކްނޮލޮޖީ މިނިސްޓްރީން ކުރަމުން އައި އެހެނިހެން މަސައްކަތްތައް ވެސް ވަނީ އެ މިނިސްޓްރީގެ މެއިންޑޭޓްގެ ތެރޭގައި ހިމެނޭ ކަންތައްތަކުގެ ގޮތުގައި ހަމަޖައްސާފައެވެ.

މި ސަރުކާރުގެ މިނިސްޓްރީތަކުގެ ތެރެއިން އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވި އެއް މިނިސްޓްރީއަކީ ފިޝަރީޒް މިނިސްޓްރީއެވެ. އެ މިނިސްޓްރީގެ ދަށުން ކުރަން ޖެހޭ ކަންކަން ނުކުރެވި ލަސްވާ ކަމުގެ ކަންބޮޑުވުން ރައްޔިތުން ދިޔައީ ފާޅުކުރަމުންނެވެ. ފިޝަރީޒް މިނިސްޓްރީގެ ކަންކަމަށް އެންމެ ބޮޑަށް ފާޑުކީ އެއްބަޔަކީ އިދިކޮޅު ޕީޕީއެމްގެ މެންބަރުންނެވެ. އެގޮތުން، އިދިކޮޅު ޕީޕީއެމްގެ މެންބަރުން އިސްވެ ތިބެ ވަނީ ޒަހާގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވައްދައިފައެވެ. އެ މައްސަލަ މަޖިލީހަށް ވައްދާފައިވަނީ، އިދިކޮޅު ނުވަ މެންބަރުނާއި އަމިއްލަ މެންބަރެއް ކަމަށްވާ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ ސޮޔާއެކުގައެވެ. ނަމަވެސް ޒަހާގެ މައްސަލަ މަޖިލީހަށް ބަލައިގެންފައި ވަނިކޮށް، ޖާބިރު ވަނީ ސޮއި އަނބުރާ ގެންދަވާފައެވެ. އެއާއެކު ޒަހާގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުން ވަނީ ބޭރުވެފައެވެ. އެއީ މަޖިލީހުގެ ގަވައިދު ބުނާ ގޮތުން ނަމަ މިނިސްޓަރެއްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅޭނީ މަދުވެގެން ދިހަ މެންބަރުންގެ ސޮޔާއެކު ކަމަށްވާތީއެވެ. ވަޒީރެއްގެ އިތުބާރު ނެތްކަމަށް ފާސްވާނީ 43 މެންބަރުންގެ ވޯޓުންނެވެ.

ޒަހާގެ އިތުބާރު ނެތް ކަމުގެ މައްސަލަ އިދިކޮޅުން މަޖިލީހަށް ވައްދާފައިވަނީ، މަސްވެރިންނަށް ވެފައިވާ ވައުދުތައް ނުފުއްދި، އަދި މަސްވެރިންނަށް ދޭން ޖެހޭ ހިދުމަތްތައް ނުދެވި މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދައި ނުދެވި މަސްވެރިންގެ ޖީބަށް ޑޮލަރު ވަންނާނެ ގޮތް ނުހަދައި މަސްވެރިކަމުގެ ސިނާއަތުން ނެރެވޭ ފައިދާ ބޮޑުކުރެވިފައި ނުވާ ކަމަށް ބުނެއެވެ. އަދި ރާއްޖޭގެ ކަނޑުތައް ދިވެހި މަސްވެރިންނަށް ޔަގީން ކޮށްދީ، ކަންނެލި ޖަގަހަތަކާއި ގޭދޮށު ފެކްޓަރީތައް ގާއިިމުކުރުމަކީ މި ސަރުކާރުން ވެފައިވާ ވައުދުތަކެއް ނަމަވެސް އެ ވައުދުތައްވެސް ފުއްދިފައި ނުވާ ކަމަށް މައްސަލައިގައެވެ.

ޒަހާގެ މައްސަލަ ހޫނުވެ، ފިޝަރީޒް މިނިސްޓަރުކަމުން ޒަހާ ވަކިކުރަން ނިންމާފައިވަނިކޮށް، މިދިޔަ މޭމަހުގެ ފަސް ވަނަ ދުވަހު ޒަހާ ވަނީ އަމިއްލައަށް އިސްތިއުފާދެއްވާފައެވެ. އެއާއެކު، އެ މިނިސްޓްރީގެ ވަޒީރަކަށް ހަމަޖެއްސެވީ، އެންވަޔަރަމަންޓް މިނިސްޓަރަކަށް ހުންނެވި ޑރ. ހުސައިން ރަޝީދެވެ. އެމްއާރްއެމްގެ ސްލޮޓުގައި ހުންނެވި ޒަހާއަށް ފަހުން ދެއްވީ ރައީސް އޮފީހުގެ މިނިސްޓަރުކަމެވެ.

ރައީސް ސޯލިހު މިދިޔަ އަހަރު ކެބިނެޓަށް ގެންނެވި އެންމެ ބޮޑު އެއް ބަދަލަކީ، ފިޝަރީޒް މިނިސްޓަރު ކަމަށް އެންވަޔަރަމަންޓް މިނިސްޓަރަކަށް ހުންނެވި ޑރ. ހުސައިން ރަޝީދު އައްޔަނުކުރައްވައި އެންވަޔަރަމަންޓް މިނިސްޓްރަކަށް ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އާމިނަތު ޝައުނާ ހަމަޖެއްސެވުމެވެ.

ފިޝަރީޒް މިނިސްޓަރަކަށް ހުސައިން ރަޝީދު އައްޔަނުކުރައްވާފައިވަނީ، އެ މަގާމުގައި ހުންނެވި ޒަހާ އިސްތިއުފާދެއްވުމާ ގުޅިގެންނެވެ. ހުސައިން ރަޝީދު ފިޝަރީޒް މިނިސްޓަރުކަމަށް އައްޔަނުކުރެއްވީ މިދިޔަ މޭމަހުގެ ފަސް ވަނަ ދުވަހުއެވެ. ޑރ. ހުސައިން ރަޝީދަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދިނީ 55 މެންބަރުންގެ ވޯޓުންނެވެ.

ޓެކްނޮލޮޖީ މިނިސްޓްރީ އުވާލައި، އެ މިނިސްޓްރީއާއި އެންވަޔަރަމަންޓް މިނިސްޓްރީ އެއްކޮށްލައި، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ ނަމަށް ބަދަލުކޮށް ޝައުނާ ވަޒީރަކަށް ހަމަޖެއްސެވީވެސް މިދިޔަ މޭމަހުގެ ފަސް ވަނަ ދުވަހުއެވެ. އެންވަޔަރަމަންޓް މިނިސްޓްރީގެ ދަށަށް ޓެކްނޮލިޖީ މިނިސްޓްރީން ކުރަމުން އައި ކަންކަން ބަދަލުކުރުމާއެކު އެ މިނިސްޓްރީގެ ދަށަށް ވަނީ ޓެކްނޮލޮޖީ މިނިސްޓްރީގެ މުވައްޒަފުންވެސް ބަދަލުކޮށްފައެވެ.

ކެބިނެޓަށް މިދިޔަ އަހަރު ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާއިރު، ސިޔާސީ އެހެން ބައެއް މަގާމުތަކަށްވެސް ބަދަލުތައް ގެނެސްފައެވެ.