އަންނަ މަހުގެ އެކަކުން ފެށިގެން ހޯމްސްޓޭ ޓޫރިޒަމް ތައާރަފުކުރުމަށް، ޓޫރިސްޓް ގެސްޓްހައުސް ހިންގުމާ ބެހޭ ގަވާއިދަށް އިސްލާހު ގެނެސް، ހޯމްސްޓޭ ގަވައިދު މިއަދު ގެޒެޓުކޮށްފިއެވެ.
ހޯމްސްޓޭ ޓޫރިޒަމް ތައާރަފުކުރަން ހަމަޖެހިފައިވަނީ މ. ދިއްގަރުގައެވެ. އަދި އެރަށް ޕްރޮމޯޓް ކުރަނީ "ދަ ރިހާކުރު އައިލެންޑް"ގެ ނަމުގައެވެ.
ޓޫރިސްޓް ގެސްޓްހައުސް ހިންގުމާ ބެހޭ ގަވާއިދަށް ގެނެސްފައިވާ އިސްލާހުގައިވާ ގޮތުން ހޯމްސްޓޭއަކަށް ދޫކުރާ ހުއްދައިގެ މުއްދަތަކީ ފަސް އަހަރެވެ. އަދި ހޯމްސްޓޭގެ ގޮތުގައި ގެސްޓްހައުސް ހިންގުމަށް ހުއްދަ ދެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގާނޫނުގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ އަދި ބޭރުގެ ފަރާތްތައް ހިއްސާ ނުވާ ވިޔަފާރިތަކަށް ކަމަށެވެ.
ގަވާއިދުގައި އެންމެ އިސްކަމެއް ދީފައި ވަނީ ސެކިއުރިޓީއަށާއި އެ ވިޔަފާރި ދެމެހެއްޓެނިކޮށް މުޖުތަމައަށް ގެއްލުމެއް ނުވާނެ ގޮތަށް ކުރިއަށް ގެންދިއުމަށެވެ. އެގޮތުން ހޯމްސްޓޭއަށް ހުއްދަ ދޭ އިރު، އެ ވިޔަފާރީގެ ބައިވެރިން ނުވަތަ ބޯޑު ޑިރެކްޓަރުންގެ ކުށުގެ ރެކޯޑަށް ބަލާނެއެވެ. ހޯމްސްޓޭއެއް ހިންގާ ފަރާތުގެ ވިޔަފާރީގެ ބައިވެރިއެއް ނުވަތަ ޑިރެކްޓަރެއްގެ މައްޗަށް ޝަރުއީ ކޯޓެއްގައި ޖިނާއީ ކުށެއް ސާބިތުވެފައިވާ ނަމަ އަދި އެ ކުށަކީ ހޯމްސްޓޭއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް ބުރޫއަރާނެ ފަދަ އަމަލެއް ކަމަށް މިނިސްޓްރީއަށް ގަބޫލުކުރެވޭ ހާލަތުގައި އެ ހޯމްސްޓޭ ހިންގުމުގެ ހުއްދަ ބާތިލުކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.
ހޯމްސްޓޭ ވިޔަފާރި ފަށައި އިރު، ޓެކްސް ނަގާނީ ގެސްޓްހައުސްތަކާ އެއް އުސޫލެއްގެ ދަށުންނެވެ.
- ހޯމްސްޓޭގެ ގޮތުގައި ހުއްދަދޭނީ އެއް ކޮޓަރިއާއި ފަސް ކޮޓަރިއާ ދެމެދުގެ އަދަދެއްގެ ކޮޓަރިއަށް
- ކޮންމެ ކޮޓަރިއެއް ހުންނަން ވާނީ، އެ ގެއެއްގެ އާންމު ތަނަކުން ސީދާ އެ ކޮޓަރިއަކަށް ވަދެވޭ ގޮތަށް ވަކިން ދޮރު ހަރުކޮށްފައި
- ކޮޓަރީގެ ބޮޑުމިނުގައި، ފާހާނާ ހިމެނޭ ގޮތަށް، މަދުވެގެން 120 އަކަފޫޓު ހުންނަން ވާނެ
- އެތެރެއިން ތަންޑު އެޅުވުމުން ބޭރުން ދޮރު ނުހުޅުވޭނެ ފަދަ ތަންޑެއް ހަރުކޮށްފައި ހުންނަން ޖެހޭނެ
- އެންމެން އާންމުކޮށް ބޭނުންކުރާ ސަރަހައްދުތަކާއި ވަސީލަތްތައް ހުންނަން ވާނީ، އާންމު ސާފުތާހިރުކަމުގެ މިންގަނޑުތަކަށް ފެތޭ ގޮތަށް
- ވައި ދައުރުވެ، ގުދުރަތީ އަލިކަން ލިބޭނޭހެން ކޮޓަރީގައި ހުޅުވައި ލައްޕާ އަދި ރަނގަޅަށް ތަޅުލެވޭ ގޮތަށް ކުޑަދޮރެއް ނުވަތަ ފެންލައިޓެއް ހުންނަން ވާނެ
- ވަކި ކޮންމެ ކޮޓަރިއެއްގައި ހަމައެކަނި އެ ކޮޓަރިއަކުން ވަދެވޭ ގޮތަށް ފާހާނާއެއް ހުންނަންވާނެ
- ކޮންމެ ކޮޓަރިއެއްގައި ނިދުމަށް ދެ އެނދު ހުންނަން ވާނެ
- ފަތުރުވެރިންނަށް އެ ތަނެއް ހިންގާ ފަރާތަކަށާއި އެ ތަނެއްގެ ކަންކަމުގައި ޒިންމާވާނެ ފަރާތަކާ 24 ގަޑިއިރު ގުޅޭނެ އިންތިޒާމެއް ހަމަޖައްސައިފައި ހުންނަން ވާނެ
- ގޭގައި ދިރިއުޅޭ ފަރާތްތަކުގެ މައުލޫމާތު ޗެކިން ކުރާއިރު ފަތުރުވެރިޔާއަށް ދޭން ވާނެ
- ކޮޓަރީގައި ޕާސްޕޯޓާއި ފައިސާ ފަދަ އަގުހުރި އަދި މުހިންމު ތަކެތި ރައްކާކުރެވޭ ގޮތަށް ސޭފްއެއް ނުވަތަ ތަޅުލެވޭ ސެކިއުރިޓީ ބޮކްސެއް ހުންނަން ވާނެ
- ފަތުރުވެރިޔާއަށް ލިބޭ ގެއްލުމެއްގެ ބަދަލު ލިބޭނެ ގޮތަށް ތާޑް-ޕާޓީ ލައިބިލިޓީ އިންޝުއަރެންސެއް ނަގާފައި އޮންނަން ވާނެ
- ފަސްޓް-އެއިޑް ކިޓެއް ފަސޭހައިން ބޭނުންކުރެވޭނެ ގޮތަކަށް ހުންނަން ވާނެ
- ކޮޓަރީގައި ނުވަތަ ފާޚާނާގައި މަތިޖަހައި ލެއްޕޭގޮތަށް، ކުނިއަޅާ ވަށިގަނޑެއް ހުންނަންވާނެ
- މަދުވެގެން ކޮންމެ މީހަކަށް ތުވާޔެއްގެ މަގުން ތުވާލި ފޯރުކޮށްދޭންވާނެ
- ކޮންމެ ކޮޓަރިއެއްގައި، ސާފު ބޯފެން، ދުވާލަކަށް މަދުވެގެން ދެ ލީޓަރުގެ މަގުން ލިބެން ހުންނަންވާނެ
- ކޮޓަރި ތެރޭގައި ދުންފަތުގެ އިސްތިޢުމާލު ކުރުން މަނާ ނަމަ، އެކަން އަންގައިދޭ ލިޔުމެއް، ކުރެހުމަކާއެކު ހުންނަންވާނެ، ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްދަނަމަ، އަޅިކެނޑިއެއް ބަހައްޓަންވާނެ
- ކޮންމެ ކޮޓަރިއެއްގައި ރަނގަޅަށް އަލި ލިބޭ ގޮތަށް އެންމެ ކުޑަވެގެން ތިން ފޫޓު ދެ ފޫޓުގެ މޫނުބަލާ ލޯގަނޑެއް ހުންނަންވާނެ
ހޯމް ސްޓޭގެ ކޮންމެ ކޮޓަރިއެއްވެސް ކަނޑައަޅާނީ ޑަބަލް ރޫމެއްގެ ގޮތުގައެވެ. އަދި ހޯމްސްޓޭއަށް ހުއްދަ ދޭ ރަށްތަކުގައިވެސް ވަކި ޝަރުތުތަކެއް ފުރިހަމަ ވާން ޖެހޭ އިރު، ހޯމްސްޓޭއަށް ހުއްދަ ދޫކުރާ ކޮންމެ ތަނެއް، ޓޫރިޒަމް މިނިސްޓްރީން ބަލަހައްޓާ ހޯމްސްޓޭގެ ގޮތުގައި ހިންގާ ޓޫރިސްޓް ގެސްޓްހައުސްތަކުގެ ދަފުތަރުގައި ރިކޯޑު ކުރަންޖެހެއެވެ.
ހޯމްސްޓޭ ތައާރަފްކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު "ނޫ އިގްތިސޯދު"ގެ މެނިފެސްޓޯގެ ދަށުން ވެވަޑައިގެންފައިވާ ވައުދެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު