"ޕޯޓް ސޭފްޓީ ވީކް ރަން" ގެ ނަމުގައި މޯލްޑިވްސް ޕޯސްޓް ލިމިޓެޑް (އެމްޕީއެލް) އިން ހުޅުމާލޭގައި ދުވުމުގެ ހަރަކާތެއް ބާއްވަން ނިންމައިފިއެވެ.
އެމްޕީއެލުން މިއަދު ބުނީ އެހަރަކާތަކީ މިދިޔަ އާދިއްތަ ދުވަހުން ފެށިގެން މާދަމާގެ ނިޔަލަށް "ސޭފްޓީ ވީކް" ގެ ދަށުން ކުރިއަށްގެންދާ ހަރަކާތެއް ކަމަށެވެ. ދުވުން އޮންނާނީ ހުޅުމާލޭ އިންޓަނޭޝަނަލް ޓާމިނަލް ސަރަހައްދުގައި މާދަމާ ހެނދުނު 6:30 ގައެވެ.
މި ދުވުމުގައި މިހާތަނަށް 300 އަށް ވުރެ ގިނަ މީހުން ވަނީ ބައިވެރިވެފައެވެ. އެ ދުވުމުގައި އެކި ވުޒާރާތަކުގެ ވަޒީރުންނާއި މުއައްސަސާތަކުގެ ވެރިންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.
ފަސް ކިލޯމީޓަރުގެ މި ދުވުމުގައި އެއްވަނައަށް ހޮވޭ ފަރާތަކަށް 2500 ރުފިޔާ، ދެވަނައަށް 1500 ރުފިޔާ އަދި ތިން ވަނައަށް ހޮވޭ ފަރާތަކަށް 500 ރުފިޔާ ދިނުމަށް ހަމަޖައްސާފައިވާ ކަމަށް އެމްޕީއެލުން ބުންޏެވެ.
އެމްޕީއެލުން ބުނީ އެދުވުމަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ޖާޒީ ވިއްކައިގެން ލިބޭ ހުރިހާ ފައިސާއެއް ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކުރަން މަސައްކަތް ކުރާ ޖަމިއްޔާ (އާކް) އަށް ހަދިޔާކުރުމަށް ނިންމާފައިވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު