ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ކ. މާފުއްޓަށް މިއަދު ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު އެނބުރި މާލެ ވަޑައިގެންފިއެވެ.

‎ރައީސްގެ މި ދަތުރުފުޅަކީ މާފުއްޓަށް އަލަަށް އިތުރު ކުރެވުނު ބިން އަދި ޕިކްނިކް އައިލެންޑް ރަސްމީކޮށް މާފުށީ ކައުންސިލާ ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް އެރަށަށް ކުރެއްވި ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސަރުކާރުން މާފުށީގައި ގާއިމުކުރި ފުޓްބޯޅަ ދަނޑު ރަސްމީކޮށް ހުޅުއްވައިދެއްވައިފައެވެ.

މީގެ އިތުރުން މާފުށީ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާ އެކު މިއަދު ބޭއްވެވި ބައްދަލުކުރެއްވުމުގައި އެ މަނިކުފާނުގެ ވަނީ އެ ރަށުގެ ތަރައްގީއަށް ކައުންސިލުން ކުރަމުންގެންދާ މަސައްކަތްތަކުގެ މައުލޫމާތު ހޯއްދަވައިފައެވެ.

‎ރައީސްގެ މި ދަތުރުފުޅުގައި މާފުށީ ޖަލަށާއި މާފުށީ ހެލްތު ސެންޓަރަށް ވަޑައިގެން، އެ އެތަންތަނުގެ ހާލަތު ވަޒަންކުރެއްވިއެވެ. ރައީސްގެ މި ދަތުރުފުޅުގައި ކެބިނެޓްގެ މިނިސްޓަރުންނާއި ސަރުކާރުގެ އިސް ބައެއް ބޭފުޅުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.