ލ. ގަމު ކައުންސިލުން މުޅި ލ. އަތޮޅަށް ހުޅުވާލައިގެން ބާއްވާ ގަމު ފުޓުބޯޅަ މުބާރާތުގެ ގްރޫޕް އޭގައި މިހާތަނަށް ކުޅުނު ތިން މެޗުވެސް ފަސޭހަކަމާއެކު ކާމިޔާބުކޮށް، އައިލެންޑް ޔޫތު ޔުނައިޓެޑް (އައިވައިޔޫ) ސެމީ ފައިނަލާ ގާތަށް ޖެހިލައިފިއެވެ.

ގްރޫޕް ސްޓޭޖުގައި އައިވައިޔޫއިން ކުޅުނު ތިންވަނަ މެޗުގައި މިއަދު ނުކުތީ ތިއްތި ސްޕޯޓްސް ކްލަބު (ޓީއެސްސީ) އާ ދެކޮޅަށެވެ. އެ މެޗު ލ. ގަމު މުކުރިމަގު އައިވައިޔޫއިން ކާމިޔާބުކުރީ 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މިއަދުގެ މޮޅާއެކު އައިވައިޔޫއަށް ތިން މެޗުން ނުވަ ޕޮއިންޓް ލިބިފައިވާ އިރު، އެޓީމަށް ސެމީ ވަނީ ގާތްގަނޑަކަށް ޔަގީންވެފައެވެ.

އެ ގްރޫޕުގައި ދެން އޮތް ޓީމުތަކަށް ބަލާ އިރު، އައިވައިޔޫގެ އިތުރުން މިވަގުތު ސެމީގެ ފުރުސަތު ދެން އޮތީ ފޮނަދޫ ކައުންސިލާއި ދަނބިދޫ ކައުންސިލް އަދި ކުނަހަންދުއަށެވެ. ފޮނަދު އާއި ދަނބިދޫ އަދި ކުނަހަންދޫވެސް މިހާތަނަށް މުބާރާތުގައި ދެމެޗު ކުޅެފައިވާއިރު، އޭގެ ތެރެއިން ކޮންމެ ޓީމެއްވެސް ވަނީ މެޗެއް ކާމިޔާބު ކޮށްފައެވެ.

ބާކީ ގްރޫޕް ސްޓޭޖުގައި އޮތް މެޗުތަކަށް ބަލާއިރު، ދެން އެ ގްރޫޕުގައި ކުޅޭނީ ފޮނަދޫ އާއި ކުނަހަންދު ކުޅޭ މެޗެވެ. ފޮނަދުއަށް ދެން ބާކީ އޮތީ ކުނަހަންދު އާއި ދަނބިދުއާ ދެކޮޅަށް ކުޅޭ މެޗެވެ. ދަނބިދުއަށް އޮތީ ފޮނަދުއާ ދެކޮޅަށް ކުޅޭ މެޗުގެ އިތުރުން ކަޓާފައި އޮތް ޓީއެސްސީއާ ދެކޮޅަށް ކުޅޭ މެޗެވެ. ކުނަހަންދުއަށް މުބާރާތުގައި ދެން ބާކީ އޮތީ އައިވައިޔޫ އަދި ފޮނަދުއާ ދެކޮޅަށް ކުޅޭ މެޗެވެ. ފައިދާ 13 ގޯލާއެކު އައިވައިޔޫ މިވަގުތު އޮތްއިރު، އެޓީމު ކެޓުން އޮތީ ދުރުގައެވެ.

ގަމު ޒޯން ސްޓޭޑިއަމްގައި މިއަދު ހަވީރު ކުޅުނު މެޗުގެ ފުރަތަމަ ހާފުގައިވެސް އައިވައިޔޫއިން ވަނީ ތިން ގޯލު ޖަހައިފައެވެ. މެޗުގެ ފުރަތަމަ ގޯލު ޒައިދާން އަބްދުﷲ (ޒައިއްކޮ) ކާމިޔާބު ކޮށްދިން އިރު، ފުރަތަމަ ހާފުގެ އަނެއް ދެ ގޯލު ޖެހީ އަހުމަދު ލަތީފް (ޑީޖޯ) އާއި އަލީ ނާޝިދު (ކޯކޭ) އެވެ. ދެވަނަ ހާފުގައި އައިވައިޔޫއިން އިތުރު ދެ ގޯލު ޖެހިއެވެ. އެ ގޯލުތައް ޖަހައިދިނީ އިބްރާހީމް ޝަރީފް (އިއްބެ) އާއި ހަސަން ނިމާސް (ފީޓް)އެވެ. އިއްބެ ޖެހި ގޯލަކީ ލިބުނު ޕެނަލްޓީއަކުން ޖެހި ގޯލެކެވެ.

މިއަދުގެ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އައިވައިޔޫގެ ޒައިއްކޮއެވެ.

މުބާރާތުގައި މާދަމާ އޮންނާނީ ލ. ގަމު ތުނޑީ ގޯޅި ސްޕޯޓްސް ކްލަބާއި މާބައިދޫ ކައުންސިލް ވާދަކުރާ ގްރޫޕް ބީގެ މެޗެކެވެ.