މޯލްޑިވިއަން އާއި ގައުމީ ޔުނިވާސިޓީ ގުޅިގެން އުފެއްދި މޯލްޑިވިއަން އޭވިއޭޝަން އެކަޑަމީ މިއަދު ހުޅުވައިފިއެވެ.
ގައުމީ ޔުނިވާސިޓީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެކަޑެމީ ހުޅުވުމައިދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ. އެކަޑަމީ ހުޅުވުމުގެ ރަސްމިއްޔާތުގައި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އާއި އައިލެންޑް އޭވިއޭޝަންގެ އިސްވެރިންނާއި އެމްއެންޔޫގެ އިސްވެރިންގެ އިތުރުން ސަރުކާރުގެ އިސް އޮފިޝަލުން ވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.
މި ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ނަސީމު ވިދާޅުވީ މޯލްޑިވިއަންގެ އޭވިއޭޝަން އެކަޑަމީއަކީ ސަރުކާރުން ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ކުރި މަސައްކަތްތަކުގެ ނަތީޖާ ކަމަށާއި ސަރުކާރުން މިފަދަ މަޝްރޫއެއް ހިންގަން އިސްނަގާފައި ވަނީ ޕައިލެޓްކަން ކިޔަވަމުންދާ ދިވެހި ދަރިވަރުންނަށް ދިމާވި ގިނަ ދުވަސްވީ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދުމުގެ ބޭނުމުގައި ކަމަށެވެ.
ނައިބު ރައީސް ވިދާޅުވީ ސަރުކާރުން އެންމެ އިސްކަމެއް ދެއްވާ އެއް ސިޔާސަތަކީ އެކި ސިނާއާތްތަކުން މީހުން ބިނާކުރުންކަން ކަމަށެވެ.
ރަސްމިއްޔާތުގައި އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދު ވިދާޅުވީ މޯލްޑިވިއަން އޭވިއޭޝަން އެކަޑެމީ ހިންގާނީ އައްޑޫގައި ކަމަށާއި މިހާރު ދަރިވަރުންނަށް ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ.
ފްލައިން އެކަޑަމީން ކޮންމެ އަހަރަކު 80 ކުދިންނަށް ޖާގަ ދޭން ނިންމައިފައިވާއިރު، ފުރަތަމަ ބެޗުން 30 ކުދިންނަށް ޖާގަ ދިނުމަށް ނިންމާފައިވާ ކަމަށެވެ. އަދި ޖާގަ ދިނުމުގައި ފުރަތަމަ އިސްކަން ދޭނީ އެކި ސަބަބުތަކާ ހުރެ ކޯސް މެދުކެނޑިފައިވާ ދަރިވަރުންނަށް ކަމަށްވެސް މިހާދު ވިދާޅުވިއެވެ.
މިހާދު ވިދާޅުވީ ފްލައިން އެކަޑެމީގެ ދަށުން އެންމެ ފުރަތަމަ ގެންދަން ހަމަޖެހިފައިވަނީ ދެ މަސް ދުވަހުގެ ރިފްރެޝާ ޕްރޮގްރާމެއް ކަމަށެވެ. އެ ޕްރޮގްރާމްގައި 50 ގަޑިއިރުގެ ތިއަރީ އާއި ފްލައިން ކުރިއަށް ދާނެ ކަމަށެވެ.
މޯލްޑިވިއަން އޭވިއޭޝަން އެކެޑަމީ އަކީ އައިލެންޑް އޭވިއޭޝަން ސާވިސެސް ލިމިޓެޑާއި މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީން 30 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހުރި ޗެކް ރިޕަބްލިކްގެ ޕްލައިން ސްކޫލެއް ކަމަށްވާ ފްލައިން އެކެޑަމީއާ ގުޅިގެން ހިންގާ ފްލައިން ސްކޫލެކެވެ.
މިއީ ރާއްޖޭގައި ދިވެހި ކުންފުނިތަކަކުން ގާއިމުކޮށްގެން ހިންގާ ފުރަތަމަ ފްލައިން ސުކޫލެވެ.
ޚަބަރު
ޚަބަރު
ޚަބަރު