ކ މާފުށީ ޕިކްނިކް އައިލެންޑް، އެރަށު ކައުންސިލާ ހަވާލުކުރުމުގެ ރަސްމިއްޔާތަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު މާފުއްޓަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކު އަޒީޒު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެއް ދުވަހުގެ އެ ދަތުރުފުޅުގައި ޕިކްނިކް އައިލެންޑް މާފުށި ކައުންސިލާ ހަވާލުކުރުމަށް ބާއްވާ ރަސްމިއްޔާތުގައި ރައީސް ސޯލިހު ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.

އޭގެ އިތުރުން އެރަށު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ އަދި ރަށުގެ ބައެއް މުހިންމު ސަރަހައްދުތަކަށްވެސް ވަޑައިގަންނަވާނެ ކަމަށް ވިދާޅުވިއެވެ.

މި ޕިކްނިކް އައިލެންޑަކީ، މާފުށީ އިރު އުތުރުގައި އޮތް "ވައްމާފުށި" ކިޔާ ފަޅުރަށް ސުނާމީގައި އެއްކޮށް ގިރާލުމާ ގުޅިގެން އެރަށުގެ ރައްޔިތުންގެ އެދުމުގެ މަތީން ހިއްކައިދިން ރަށެކެވެ.

ވައްމާފުށްޓަކީ މާފުށީގެ އިރު އުތުރު ކަންމަތީގައި އޮތް ކުޑަކުޑަ ފަޅުރަށެކެވެ. މާފުށީ ފަޅުގައި އޮތް ގާތްގަނޑަކަށް ދޮޅު ހެކްޓަރުގެ އެ ރަށަކީ މާފުށީ ރައްޔިތުންގެ އިތުރުން މާލެއިންނާއި އެހެން ރަށްރަށުންވެސް ގިނަ އަދަދެއްގެ ރައްޔިތުން ދަތުރުގޮސް އުޅުނު ރަށެކެވެ. އެ ރަށް ގިރާލީ 2004 ވަނަ އަހަރު މުޅި ރާއްޖެ ދޮވެލި ސުނާމީގަ އެވެ.

އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ އެ މަޝްރޫއުގެ ތެރޭގައި ދެ ހެކްޓަރުގެ ބިން ހިއްކައި، ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ކޮށްފައިވެއެވެ. މިއީ 10.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

މިއީ ޕިކްނިކް އައިލެންޑްގެ ގޮތުގައި އެމްޓީސީސީން ބިން ހިއްކި ތިން ވަނަ މަޝްރޫއެވެ.

އެކުންފުނިން ވަނީ ކ. ގުރައިދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ތެރެއިން ކ. ގުރައިދޫ ޕިކްނިކް އައިލެންޑްވެސް ހިއްކައިފައެވެ. އޭގެ އިތުރުން މާލޭ ސަރަހައްދުގައި ޕިކްނިކް އައިލެންޑްގެ ގޮތުގައި ތަރައްގީ ކުރާ ކ. ކުޑަގިރި ޕިކްނިކް އައިލެންޑްގެ ބިން ހިއްކުމުގެ މަސައްކަތް ދަނީ ކުރިއަށެވެ.