ލ. ގަމު ކައުންސިލުން މުޅި ލ. އަތޮޅަށް ހުޅުވާލައިގެން ބާއްވާ ގަމު ފުޓުބޯޅަ މުބާރާތުގެ ގްރޫޕް ބީގައި މިއަދު ހަވީރު ޕޮލިސް ކްލަބާއި މާހިންނަ ސްޕޯޓްސް ކްލަބު ކުޅުނު މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.
ގަމު ޒޯން ސްޓޭޑިއަމްގައި މިއަދު ކުޅުނު މެޗު ނިމުނީ 2-2 ގެ ނަތީޖާއަކުން އެއްވަރު ވެގެންނެވެ. ގްރޫޕް ބީގައި މިހާތަނަށް ކޮންމެ ޓީމަކުންވެސް ދެ މެޗު ކުޅެފައިވާ އިރު، އެއްވަނައިގައި އޮތީ ލ. މާބައިދޫ ކައުންސިލެވެ. އެޓީމަށް ދެ މެޗުން ހަ ޕޮއިންޓް ލިބިފައިވާ އިރު، ދެވަނައިގައި އޮތީ މިއަދުގެ މެޗުން ޕޮއިންޓެއް ހޯދި މާހިންނައެވެ. މާހިންނައިން ފުރަތަމަ ކުޅުނު މެޗުގައި ގޯޅި ސްޕޯޓްސް ކްލަބު ބަލިކޮށްފައި އޮތުމުން އެޓީމަށް ވަނީ ހަތަރު ޕޮއިންޓް ލިބިފައެވެ.
ގްރޫޕުގެ ތިންވަނައިގައި ގޯޅި އޮތީ ތިން ޕޮއިންޓާ އެކުގައެވެ. މިހާތަނަށް މޮޅެއް ނުލިބި އެ ގްރޫޕުގައި އޮތީ ޕޮލިސް ކްލަބާއި މަތިމަރަދޫ އަމިގޯސް ސްޕޯޓްސް ކްލަބެވެ. އެ ދެޓީމަށްވެސް ވަނީ ސެމީ ފައިނަލަށް ދާން އަމިއްލަ ބާރު ހަނިވެފައެވެ.
މިއަދުގެ މެޗުގެ ހަވަނަ މިނެޓުގައި ޕޮލިހުގެ ނައުފަލް ވަނީ އެޓީމަށް ލީޑު ނަގައިދީފައެވެ. އެ ގޯލާއެކު ލީޑުގައި ހާފު ނިންމާލަން ޕޮލިހުން މަސައްކަތް ކުރި ނަމަވެސް މެޗުގެ 17 ވަނަ މިނެޓުގައި އަހުމަދު ހާފިޒް ވަނީ މާހިންނައަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. އެ ގޯލަކީ ހާފިޒް މުބާރާތުގައި ޖެހި ދެވަނަ ގޯލެވެ.
މެޗުގެ ދެވަނަ ހާފު ފެނުނީ ދާދި ހަމަހަމަ ކޮށެވެ. ދެޓީމުންވެސް ހަމަލާތައް އުފައްދައި ގޯލަކަށް މަސައްކަތް ކުރި އިރު، ގިނަ ފުރުސަތުތަކެއް ދިޔައީ ބޭކާރު ވަމުންނެވެ. ދެޓީމުގެ ފަރާތުންވެސް ކޮންމެވެސް ވަރަކަށް ވަރުބަލިކަން މެޗުގެ ފަހުކޮޅުގައި ފެނުނު އިރު، ދެން ޖެހި ދެ ގޯލުވެސް ފެނުނީ ފަހު މިނެޓުގައި ކަހަލަ ގޮތަކަށެވެ.
ނިމެން މިނެޓަކަށް ވެފައި ވަނިކޮށް މާހިންނަގެ މުހައްމަދު ސާގިބު (އުއްކު) އެޓީމަށް ލީޑު ނަގައިދިން އިރު، އެ ގޯލަށް މިނެޓެއްވެސް ނުވަނީސް، މެޗުގެ އެންމެ ފަހު ސިކުންތުގައި ޕޮލިސް ކްލަބުގެ ނައްސަތު ވަނީ އެޓީމަށް ނަތީޖާ ހަމަހަމަ ކޮށްދީ ޕޮއިންޓެއް ހޯދައިދީފައެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ މާހިންނަގެ އުއްކުއެވެ.
މުބާރާތުގައި މާދަމާ އޮންނާނީ ގްރޫޕް އޭގެ މެޗެވެ. އެ މެޗުގައި އައިލެންޑް ޔޫތު ޔުނައިޓެޑުން ނުކުންނާނީ ތިއްތި ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު