މިހާރު ރާއްޖެ އޮތް ހާލަތަށް ބަލާއިރު، އިގުތިސާދީ ނަޒަރަކުން ވިސްނާ ނަމަ، ރާއްޖެ އޮތީ ވަރަށް އުއްމީދީ ހިސާބެއްގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ މައިދާނުގައި މިހާރު ކުރިއަށްދާ ގައުމީ އެއްބައިވަންތަކުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ވިދާޅުވީ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަ ކުރަނީ ސުނާމީގައި ކުރިމަތިވި ދަތި އުނދަގޫ ކަންކަމުގައި ރާއްޖޭގެ ރައްޔިތުން ސާބިތުކޮށްދެއްވި އެއްބަނޑުއެއްބަފާކަމާއި އެއްބައިވަންތަކަމާއި އެކުވެރިކަމާއި އޯގާތެރިކަމުގެ މަތިވެރި ރޫހު ދިރުވައި އާލާކުރުމުގެ ގޮތުން ކަމަށެވެ.
ސުނާމީ ކާރިސާގައި ރާއްޖޭގައި މީހުން ދިރިއުޅޭ 199 ރަށުގެ ތެރެއިން 190 ރަށަކަށް އެކިވަރުގެ ގެއްލުން ލިބިފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ސުނާމީ އަރައިގެން އައި ވަގުތުވެސް މީހުންގެ ފުރާނަ އާއި މުދާ ސަލާމަތްކުރުމުގައި ދިވެހިން އިސްކުރީ އެއްބައިވަންތަކަން ކަމަށާއި އެކަކު އަނެކަކަށް އެހީތެރިވެދިނީ އެއް އާއިލާއެއްގެ މީހުން ފަދައިން ކަމަށެވެ.
"ސުނާމީގައި ލިބުނު ގެއްލުންތަކުގެ ސަބަބުން 15،000 އަށްވުރެ ގިނަ މީހުންގެ ގެދޮރު ހަލާކުވެގެން ދިޔަ. އަހަރުތަކެއް ވަންދެން އެމީހުން ދިރިއުޅެން ޖެހުނީ އެކި ރަށްރަށުގައި ހެދި ވަގުތީ ހިޔާތަކުގައި. އެއީ ވަރަށް ދަތި ދިރިއުޅުމެއްކަން އަޅުގަނޑުމެން އެންމެންނަށް ވެސް އެނގޭ. އެ ދަތިކަމުގެ ތެރޭގައިވެސް އަޅުގަނޑުމެންގެ މެދުގައި އޮތީ ވަރަށް ބޮޑު އެއްބައިވަންތަކަމެއް،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ދިވެހިންނަކީ ގައުމަށް ދިމާވާ ކޮންމެ ބޮޑު ކަމެއްގައިވެސް އަދި ބޮޑު ކަމެއް ދިމާނުވިޔަސް، ވަރަށް އެކުވެރިކަމާއި އެއްބައިވަންތަކަމާ އެކުގައި ދިރިއުޅެމުން އަންނަ ބައެއް ކަމަށާއި ދިވެހިން އަބަދުވެސް ދެމިތިބެން ޖެހޭނީ އެގޮތުގައި ކަމަށެވެ.
ކޮވިޑްގެ ސަބަބުން ރާއްޖެ ފުރަބަންދުކުރުމާ ގުޅިގެން ރާއްޖޭގެ މުޅި އާބާދީއަށް އެކަމުގެ ގެއްލުންތައް ލިބުނުކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ކޮވިޑުގެ ބަލިމަޑުކަމުން އަރައިގަތުމަށް ކުރާ މަސައްކަތާއެކު ކޮވިޑުން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ބުރަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން އިގުތިސޯދީ ހަރަކާތްތައް އަލުން ކޮޅަށް ޖެހުމަށް އަމިއްލަ ފަރާތްތަކުންނާއި ސަރުކާރުންވެސް ވަރަށް ބުރަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.
"މިހާރު ރާއްޖެ އޮތް ހާލަތަށް ބަލާއިރު، އިގުތިސޯދީ ނަޒަރަކުން ވިސްނާ ނަމަ، ރާއްޖެ މިއޮތީ ވަރަށް އުންމީދީ ހިސާބެއްގައި. ކޮވިޑްގެ ކުރިން އޮތް ހާލަތަށް ނުވަތަ އެއަށްވުރެ ރަނގަޅު ހާލަތަކަށް ގައުމުގެ އިގުތިސޯދު ގެންދިއުމަށްޓަކައި އަޅުގަނޑުމެން އެންމެން އެކުގައި މަސައްކަތް ކުރަންޖެހޭ. މިއީ ގައުމީ މަސްލަހަތު އިސްކޮށް، އެންމެން އެއް އަޒުމެއްގައި އެއް ވާނެއްގައި މަސައްކަތް ކުރަންވީ ވަގުތު." ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ކޮވިޑުގެ ބަލިމަޑުކަމުން އަރައިގަތުމަށް ސަރަހައްދީ ގައުމުތަކާ އަޅައި ބަލާއިރު ރާއްޖެއިން ފާހަގަކުރެވޭ ބޮޑެތި ކުރިއެރުންތަކެއް ހޯދައިފައިވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު