ވީއައިޕީ މޫވްމަންޓަކަށް ހުޅުމާލޭ އިންޓަނޭޝަނަލް ޓާމިޓަލްގެ ބައެއް ސަރަހައްދުތައް ވަކި ގަޑިތަކެއްގައި މާދަމާ ބަންދު ކުރާނެ ކަމަށް އެމްއޭސީއެލުން ބުނެފިއެވެ.

އެމްއޭސީއެލުން މިއަދު ބުނީ ވަކިގަޑިތަކެއްގައި ހުޅުމާލޭ އިންޓަނޭޝަނަލް ޓާމިނަލްގެ އުތުރު ކަންމަތިން ފެށިގެން ކާގޯ ބިލްޑިންގެ ދެކުނު ކަންމައްޗާ ހަމައަށް ހުޅުމާލޭގެ އެއްގަމާއި ފަޅުތެރޭގައި އެއްވެސް ބާވަތެއްގެ އުޅަނދެއް ދުއްވުން މަނާވާނެ ކަމަށެވެ.

އެގޮތުން މެންދުރު 11:00 އިން މެންދުރުފަހު 2:00 އަށް އެ ސަރަހައްދުގެ ފަޅުތެރެއަށް އެއްވެސް އުޅަނދެއް ވަދެނުކުތުން އަދި ފަޅުތެރޭގައި ބޭއްވުން މަނާވާނެ ކަމަށާއި މިވަގުތު ކަނޑު އުޅަނދުފަހަރަށް ބޭނުން ކުރެވޭނީ ހަމައެކަނި ހުޅުމާލޭގެ އެންމެ ދެކުނުގައިވާ ނެރު ކަމަށް އެމްއޭސީއެލުން ބުންޏެވެ.

މެންދުރު 12:15 އިން މެންދުރުފަހު 2:00 އަށް އެ ސަރަހައްދުގައި އެއްވެސް ބާވަތެއްގެ ވެހިކަލެއް ދުއްވުންވެސް މަނާވާނެއެވެ. މި ވަގުތުތަކުގައި ފުލުހުންގެ އިރުޝާދާ އެއްގޮތަށް އިންޓަނޭޝަނަލް ޓާމިނަލްގެ އުތުރު ކަންމަތި (ބޮލިބުރު ކައިރިން) އާއްމު އުޅަނދުފަހަރު އަނބުރާލެވޭ ގޮތަށް ވަނީ ހަމަޖައްސައިފައެވެ. އަދި ފުލުހުންގެ އިރުޝާދު ދޭ ގޮތެއްގެ މަތިން އެ ސަރަހައްދުގައި ހިނގާ އުޅެވޭނެ ކަމަށާއި ނަމަވެސް ދުއްވާ އެއްޗެއްސާއި ހިނގައި އުޅުން މުޅިން މަނާ ވަގުތުކޮޅެއް އަންނާނެ ކަމަށް އެމްއޭސީއެލުން ބުންޏެވެ.

އެމްއޭސީއެލުން އިތުރަށް ބުނީ މި ވަގުތުތަކުގައި އެކުންފުނީގެ ސްޓާފް ފެރީ ކައިރި ކުރާނީ އިންޓަނޭޝަނަލް ޓާމިނަލް ކުރިމަތީގައިވާ ޖެޓީ ތަކަށް ކަމަށެވެ. އަދި އެކުންފުނީގެ ސްޓާފް ބަހާއި އެމްޓީސީސީ ބަސް މަޑުކުރާނީ ވެސްޓާން ޕާކިން ޒޯނަށް ކަމަށެވެ.

އިންޓަނޭޝަނަލް ޓާމިޓަލްގެ ބައެއް ސަރަހައްދުތައް ވަކި ގަޑިތަކެއްގައި މާދަމާ ބަންދުކުރަން ނިންމާފައިވަނީ ބަންގްލަދޭޝްގެ ބޮޑު ވަޒީރު ޝައިހް ހަސީނާ ރާއްޖެއަށް މިހާރު ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު އެނބުރި ގައުމަށް މާދަމާ ވަޑައިގަތުމަށް ހަމަޖެހިފައިވާތީއެވެ.