އެމްޕީއެލްގެ ސޭފްޓީ، "ރައްކާވެ ތިބިއްޔާ ދަތުރު" އިފްތިތާހު ކޮށްފިއެވެ.

އެމްޕީއެލް އިން 2019 ވަނަ އަހަރުން ފެށިގެން ކުރިއަށްގެންދާ ކެމްޕޭން ޕްރޮގްރާމެއް ކަމަށްވާ އެމްޕީއެލްގެ ސޭފްޓީ "ރައްކާވެ ތިބިއްޔާ ދަތުރު" އިފްތިތާހު ކޮށްފައިވަނީ އިއްޔެ ހެނދުނު އެކުންފުނިން ބޭއްވި ހަފުލާއެއްގައެވެ.

މި ހަފުލާގައި އެމްޕީއެލްގެ ޗީފް ރިސްކް އޮފިސަރު އިބްރާހީމް ޒާހިރު ވިދާޅުވީ، އޮމިޔުޕޭޝަނަލް ހެލްތު އެންޑް ސޭފްޓީގެ ވާހަކަ ދެއްކުމުން އެއީ ކިހާ ވަރެއްގެ ކަމެއްކަން ގިނަ ބަޔަކަށް ނޭނގޭ ކަމަށެވެ. އެގޮތުން ބައިވަރު ސިސްޓަމްތަކެއް ހަދައި ބައިވަރު މަސައްކަތްތަކެއް ކުރަމުން އަންނައިރު، ޑަބްލިޔުއެޗްއޯ އަދި އައިއެލްއޯގެ ތަފާސް ހިސާބު ތަކުން ދައްކާގޮތުގައި ދުނިޔޭގެ ތަފާތު އިންޑަސްޓްރީތަކުގެ މަސައްކަތު މާހައުލުގައި ދިމާވާ އެކި ކަންތައްތަކުގައި އެތައް ބައިވަރު މީހުންނެއްގެ ފުރާނަ ދިޔުމާއި ސިއްހީ މައްސަލަތައް ދިމާވުން ހިމެނޭ ކަމަށް ވިދާޅުވިއެވެ. އެހެން ކަމުން ރާއްޖޭގައިވެސް އެކަންކަން ބަލައި ހައްލު ހޯދޭނެ ގޮތްތަކެއް ހޯދަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުން ދުނިޔޭގައި އެކަންތައްތައް ދިރާސާ ކުރާ ފަރާތްތަކުގެ އެތައް އަހަރުގެ ތަޖުރިބާއާއެކު އެނގުނީ ސިސްޓަމް ތެރޭގައި މައްސަލައެއް ހުންނަ ކަމާއި، އެކަން ހައްލުކުރުމަށް ކުރިޔާލައި ފިޔަވަޅު އަޅާން ޖެހޭކަން ކަމަށް ވިދާޅުވިއެވެ. އެހެންކަމުން ޒާހިރު ވިދާޅުވީ، އިންސާނުންގެ އަހުލާގު ރަނގަޅު ވެގެން، ނުވަތަ ވަކި ކަހަލަ އުސޫލުތަކަށް ތަބާވެގެން ނޫނީ، ހިތާމަވެރި ހާދިސާތައް ހިނގުން މަދު ނުކުރެވޭނެ ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ ކުންފުނީގެ އޮޕަރޭޝަން ޒީރޯ ރިސްކްގައި ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. އެގޮތުން އެ ކުންފުންޏަށް މަސައްކަތްކުރަން ލިބިފައި އޮތް މާހައުލަކީ ޕޯޓް އޮޕްރޭޝަނެއް ހިންގަން އެެންމެ އެކަށީގެން ވާ މާހައުލަކަށް ނުވި ނަމަވެސް، ސަލާމަތާއި ރައްކާތެރިކަމާއެކު މަސައްކަތްކުރާ މާހައުލެއް ގާއިމުކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ. އަދި ޒަމާނުއްސުރެން މަސައްކަތްކުރަމުން އައި ސަގާފަތް ބަދަލުކޮށް، މިފަދަ ކެމްޕެއިނެއް މެދުވެރިކޮށް ސިއްހީ ރައްކާތެރިކަމަށް ހޭލުންތެރި ކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

އެގޮތުން 2019ގައި ފެށި މި ކެމްޕެއިން ކޮވިޑް 19ގެ ސަބަބުން 2020 ގައި ކުރިއަށް ނުގެންދެވި އޮތް ނަމަވެސް، މި އަހަރު އަނެއްކާވެސް "ރައްކާވެތިިބިއްޔާ ދަތުރު" ނަމުގަ އެ ކުންފުނީގެ ސޭފްޓީގެ ކަންތައްތައް ރަނގަޅުކޮށް، އެކަމަށް އަހުލުވެރިކޮށް އަދި އެފަދަ ސަގާފަތެއް ކުރިއަށްގެންދާނެ ގޮތް ބަލައި، ޓްރެއިނިން ސެޝަންތަކާއި އަދި ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ކުރިއަށްގެންދާނެ ކަމަށެވެ.

ޒާހިރު އިތުރަށް ވިދާޅުވީ ހެލްތު އެންޑް ސޭފްޓީއަކީ އަޅައި ނުލައި ދޫކޮށްލެވޭ ވަރުގެ ކަމެއް ނޫން ކަމަށެވެ. ހާއްސަކޮށް އެކްސިޑެންޓްތައް ދިމާވަނީ އެންމެ ކަމެއްގެ ސަބަބުން ނޫން ކަމަށާއި އެކަން ދިމާވާން އެތައް ސަަބަބުތަކެއް މެދުވެރިވާ ކަމަށެވެ. އެގޮތުން މާހައުލު ނުވަތަ ގެންގުޅޭ އާލާތްތައް ނުވަތަ އޮތް ސަގާފަތެއްގެ ސަބަބުން ވެސް ދިމާވެދާނެ ކަމަށެވެ. އެހެންކަމުން އެކްސިޑެންޓެއް ދިމާވުމުން ވަކި ބަޔަކު ކުށްވެރިކޮށް ނިންމައިލެވެން ނޯންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އިއްޔެގެ ހަފުލާގައި އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ، އެއްބައިވަންތަކަމާއި ސޭފްޓީ އަކީ ވަރަށް ބޮޑަށް ގުޅިފައިވާ ދެކަން ކަމަށެވެ. އެގޮތުން ހަމަ އެކަނި ސޭފްޓީ ޑިޕާޓްމެންޓުން ކުރާ މަސައްކަތުން ހިތާމަވެރި ހާދިސާތައް ހިނގުން ނުހުއްޓުވޭނެ ކަމަށާއި އެފަދަ ހާދިސާތައް ހުއްޓުވައި ސޭފްޓީގެ އާދަ އަށަގެންނުވޭނީ އެއްބަޔަކު އަނެއް ބަޔަކަށް އެއްބާރުލުން ދީގެން އެއްބައިވަންތަކަން އުފައްދައިގެން ކަމަށް ޝާހިދު ފާހަގަ ކުރެއްވި އެވެ. އެގޮތުން އެ ކުންފުނީގެ ފަރާތުން ސޭފްޓީ ހަފުތާއެއް ފާހަގަކުރުމަށާއި ސޭފްޓީ ޕްރޮގްރާމްތައް ކުރިއަށްގެންދަން ރާވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.