ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތް ކުރާ ޖަމިއްޔާއެއް ކަމަށްވާ ކްލީން މޯލްޑިވްސްގެ ފަރާތުން ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި 3،500 ގަސް އިންދުމުގެ ބޮޑު ހަރަކާތެއް ބާއްވަން ނިންމައިފިއެވެ.

"ގޯ ގްރީން"ގެ ނަމުގައި ކުރިއަށްގެންދާ އެ ހަރަކާތް ފަށާނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ރުއްގަނޑު ސަރަހައްދުގައި މާދަމާ ހަވީރު 4:00 ޖަހައި އިރުއެވެ. އެ ހަރަކާތް ޝަރަފުވެރިކޮށްދެއް ވާނީ ތިމާވެއްޓާ ބެހޭ މިނިސްޓަރު އާމިނަތު ޝައުނާއެވެ.

އެ ހަރަކާތުގައި ކްލީން މޯލްޑިވްސްއާއި "ގޯ ގްރީން" ހަރަކާތުގެ ސްޕޮންސަރުންގެ ފަރާތުން އެޗްޑީސީއަށް 3،500 ގަސް ހަދިޔާކުރާނެއެވެ. އޭގެ ތެރެއިން މާދަމާ އިންދުމަށް ހަމަޖެހިފައިވަނީ 1،500 ގަހެވެ. ބާކީ 2،500 ގަސް ވަގުތީ ގޮތުން ބަހައްޓާނީ އެޗްޑީސީގެ ނާސަރީގައެވެ.

ކްލީން މޯލްޑިވްސް އިން ބުނީ، ގޯ ގްރީން ކެމްޕެއިނުގެ އަމާޒަކީ ރާއްޖެ ފެހިކުރުމާއި މޫސުމީ ބަދަލުތަކުން ކުރިމަތިވާ ގެއްލުންތައް ކުޑަކުރުމަށް މަސައްކަތްކުރުން ކަމަށެވެ.

ގޯ ގްރީން ކެމްޕެއިނުގެ ދަށުން ކްލީން މޯލްޑިވްސް އިން ވަނީ 2019 ވަނަ އަހަރުވެސް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި 2،000 ގަސް އިންދައިފައެވެ. ގޯ ގްރީން ކެމްޕެއިނުގެ މީޑިއާ ޕާޓްނަރަކީ "ވަން" އޮންލައިނެވެ.