ޕްރެޒިޑެންޓްސް ކަޕުގައި މިއަދު ހަވީރު ދަ ގްރާންޑޭއާއި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ކުޅުނު މެޗު އެއްވަރުވެއްޖެއެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި މިއަދު ކުޅުނު އެ މެޗު އެއްވަރުވީ 1-1ގެ ނަތީޖާއަކުންނެވެ. މިއަދު މެޗަކީ ދަ ގްރާންޑޭއިން މިއަހަރުގެ މުބާރާތުގައި ކުޅުނު ދެވަނަ މެޗެވެ. ފުރަތަމަ މެޗުގައި ކްލަބު ގްރީން ސްޓްރީޓްސް އަތުން ބަލިވީ 5-0ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މިފަހަރުގެ މުބާރާތަށް ދަ ގްރާންޑޭ ނުކުތީ ކުރީގެ ޓީމަށް ބޮޑެތި ބަދަލުތަކަކާ އެކުގައެވެ.

ފުރަތަމަ ޑިވިޝަނަށް މިފަހަރު އެޓީމުން ނުކުންނާނީ މާފުށީ ޒުވާން ކުޅުންތެރިންގެ ސްކޮޑަކާއެކުގައެވެ. އެޓީމުން ކޭމްޕު ޖަހައިގެން ތަމްރީނު ހަދަނީވެސް އެރަށުގައެވެ.

މިއަދުގެ މެޗަށް ޔުނައިޓެޑް ވިކްޓަރީވެސް ނުކުތީ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ބަލިވެފައި އޮވެގެންނެވެ. މެޗުގެ ފުރަތަމަ ގޯލު ފެނުނީ 62 ވަނަ މިނިޓުގައެވެ. ދަ ގްރާންޑޭއަށް ގޯލު ޖަހައިދީ ލީޑު ނަގައިދިނީ އަހުމަދު އަބްދުލް ސައްތާރެވެ. އެ ގޯލާއެކު ދަ ގްރާންޑޭން ތިން ޕޮއިންޓަކަށް އުންމީދު ކުރި ނަމަވެސް މެޗުގެ 74 ވަނަ މިނެޓުގައި، ޔޫވީގެ އަލީ ހައިޝަމް (ޗުމްޕު) ގޯލެއް ޖަހައި، ނަތީޖާ ހަމަހަމަކުރިއެވެ.

ގޯލުތަކުގެ އިތުރުން ދެޓީމުންވެސް ހަމަހަމަކޮށް ފެނުނު މެޗުގައި ހަމަލާތައްވެސް ފެނުނީ ދާދި ހަމަހަމަ ކޮށެވެ. ނަމަވެސް ލިބުނު ފުރުސަތުތައް ޔޫވީއަށް މާބޮޑަށް ހުސްވިކަން ފާހަގަވިއެވެ. ޔޫވީގެ އަހުމަދު ބައްސާމް އަދި ޗުމްޕުއަށްވެސް މެޗުގައި އިތުރު ފުރުސަތުތައް ލިބި ބޭކާރު ވެގެން ދިޔައިރު، ދަ ގްރާންޑޭގެ ގޯލްކީޕަރުވެސް ވަނީ މެޗުގައި މުހިއްމު ދެ ސޭވްއެއް ކޮށްފައެވެ.

ޕްރެޒިޑެންޓްސް ކަޕުގައި މިރޭ ވެލެންސިއާއާ ދެކޮޅަށް ނުކުންނާނީ ކްލަބު ގްރީން ސްޓްރީޓްސް އެވެ.