ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވި ބޭފުޅުންނަށް، ޝަރަފުގެ ބެޖާއި، އައްޑަނަ މާދަމާރޭ ދޭން ނިންމައިފިއެވެ.

ރައީސް އޮފީހުން މިއަދު ބުނީ، ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި މާދަމާ ރޭ ބާއްވާ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، ދިވެހި ގައުމާ މުހާތަބު ކުރައްވައި، ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވި ބޭފުޅުންނަށް، ޝަރަފުގެ ބެޖާއި، އައްޑަނަ ދެއްވާނެ ކަމަށެވެ. ރައީސް ސޯލިހު ގައުމާ މުހާތަބު ކުރައްވާނީ، މާދަމާރޭ 8:30 ގައި ޖުމްހޫރީ މައިދާނުގައި ބާއްވާ ރަސްމީ ޖަލްސާގައެވެ.

އެގޮތުން މި ޖަލްސާގައި، ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވި ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ، ޝަރަފުގެ ބެޖާއި، އައްޑަނަ ދެއްވުން އޮންނާނެ ކަމަށާއި، ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު ލިބިވަޑައިގަންނަވާ ބޭފުޅުންގެ އަދަދު ގިނަކަމާއެކު، ގައުމީ ފެންވަރުގައި ބޭއްވޭ ދެ ޖަލްސާއެއްގައި އިނާމު އަރުވާ ގޮތަށް ނިންމެވުމާ ގުޅިގެން، މިދިޔަ ޖުމުހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވެވި ރަސްމީ ޖަލްސާގައި، 117 ބޭފުޅަކަށް ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު އަރުވާފައިވާއިރު، މާދަމާރޭ ބާއްވާ ޖަލްސާގައި، ދެން ތިއްބެވި 106 ބޭފުޅަކަށް އިނާމު އަރުވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.

އޭގެ އިތުރުން ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި މާދަމާ ރޭ ބާއްވާ ޖަލްސާގައި، 2004 ޑިސެންބަރު މަހުގެ 26 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާގައި މި ދުނިޔެ ދޫކުރި މީހުންގެ ހަނދާނުގައި އެއް މިނިޓުގެ ސުކޫތެއް ގެންނާނެ ކަމަށާއި އަދި އެއްބައިވަންތަކަމުގެ ދުވަހާ ގުޅޭ ގޮތުން ތައްޔާރުކޮށްފައިވާ ވީޑިއޯ ރިޕޯޓެއް ދެއްކުން އޮންނާނެ ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.

ހަމަ އެހެންމެ މި ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހު ދެމިއޮތުމުގެ އާލަމަށް ދަތުރުކުރެއްވި ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ އުމަރު ޒާހިރު، ދިވެހި ދައުލަތަށާއި، ދިވެހި ގައުމަށާއި، ދިވެހި ރައްޔިތުންނަށް ކޮށްދެއްވި އިހުލާސްތެރި ހިދުމަތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން، އެ މަނިކުފާނުގެ ހިދުމަތްތަކުގެ މައްޗަށް ތައްޔާރުކޮށްފައިވާ ވީޑިއޯ ރިޕޯޓެއް ދެއްކުމަށްވެސް ހަމަޖެހިފައިވާ ކަމަށެވެ.