ދިވެހީންނާއި ބަންގްލަދޭޝްގެ ރައްޔިތުންނާ ދެމެދު އޮންނަނީ ވަރަށް ގާތް އަދި ވަރަށް ވަރުގަދަ ގުޅުމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވިއެވެ.

ބަންގްލަދޭޝްގެ ބޮޑު ވަޒީރު، ޝައިހް ހަސީނާ ރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އެކަމަނާގެ ޝަރަފުގައި ރައީސްގެ ދެކަނބަލުންގެ ފަރާތުން މިރޭ ދެއްވި ޖާފަތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީީ ބަންގްލަދޭޝް އާއި ރާއްޖެއާ އޮންނަ ގުޅުން މިއަހަރުގެ ތެރޭގައި ވަރަށް ބޮޑަށް ބަދަހިވެފައިވާ ކަމަށެވެ.

އެގޮތުން މިއަދު އެގައުމާއެކު އެކި ދާއިރާތަކުން ވެވުނު އެއްބަސްވުންތަކަކީވެސް ދެގައުމުގެ މެދުގައި އޮތް ގާތް ގުޅުމުގެ ހެއްކެއް ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ދެގައުމުގެ ޕީޕަލް ޓު ޕީޕަލް ކަނެކްޝަން ( ރައްޔިތުންނާއި ރައްޔިތުންނާ އޮންނަ ގުޅުން) އަކީ، މި ރީޖަންގައިވެސް އޮތް އެކަހަލަ އެންމެ ވަރުގަދަ ގުޅުން" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެތައް ދިވެހިންނެއް ބަންގްލަދޭޝްގައި ދިރިއުޅެމުން އަންނަ ކަމަށާއި އޭގެ ތެރޭގައި ސިއްހީ އެކިއެކި ދާއިރާތަކުން މަތީ ތައުލީމު ހާސިލުކުރާ ކުދިންވެސް ހިމެނޭ ކަމަށެވެ. އަދި ހަމަ އެގޮތަށް ރާއްޖޭގައިވެސް ބަންގްލަދޭޝްގެ ގިނަ ރައްޔިތުން ދިރިއުޅެމުން އަންނަކަން ރައީސް ފާހަގަ ކުރެއްވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ރާއްޖޭގައި އުޅޭ ބަންގްލަދޭޝްގެ ރައްޔިތުންގެ ފަރާތުން ރާއްޖޭގެ ތަރައްގީއަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ. ހާއްސަކޮށް ސިއްހީ ދާއިރާއިންނާއި އިމާރާތްކުރުމުގެ ދާއިރާގައި ބަންގްލަދޭޝް މަސައްކަތްތެރީންގެ ދައުރު ވަރަށްވެސް ބޮޑު ކަމަށް ވިދާޅުވިއެވެ.