ރާއްޖެއިން ތަރައްގީއަށް ކުރި ދަތުރަކީ ބަންގްލަދޭޝްއަށް ލިބުނު ބޮޑު ހިތްވަރެއް ކަމަށް އެގައުމުގެ ބޮޑު ވަޒީރު ޝައިހް ހަސީނާ ވިދާޅުވެއްޖެއެވެ.
ރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބައިވެރިވެވަޑައިގެން ތަގުރީރު ކުރައްވަމުން ޝައިހް ހަސީނާ ވިދާޅުވީ ބަންގްލަދޭޝުން ފާއިތުވި ދިހަ އަހަރުގެ ތެރޭގައި ތަރައްގީގެ ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި އެކަމުގެ ސަބަބުން އިގުތިސޯދީ ގޮތުން ގިނަ ކުރިއެރުންތަކެއް އެގައުމަށް ލިބިފައިވާ ކަމަށެވެ. ނަމަވެސް ކޮވިޑްގެ ސަބަބުން އިގުތިސޯދަށް ހީނަރުކަމެއް އައިސްފައިވާކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
"ކޮވިޑްގެ ކުރިން އަޅުގަނޑުމެންގެ ގައުމީ އުފެއްދުންތެރިކަން އެވްރެޖުކޮށް އުޅުނީ ހަތް އިންސައްތައަށްވުރެ މަތީގައި. ނަމަވެސް މި ޕެންޑަމިކާ ގުޅިގެން އެ އަދަދު މިހާރު ވަނީ ދަށަށް ގޮސްފައި" ޝައިހް ހަސީނާ ވިދާޅުވިއެވެ.
މިއަހަރުގެ ތެރޭގައި ބަންގްލަދޭޝް މެދުފަންތީގެ ގައުމަކަށް ބަދަލު ކުރެވިފައިވާކަން ފާހަގަކުރައްވައި ޝައިހް ހަސީނާ ވިދާޅުވީ އަމާޒަކީ 2041 ވަނަ އަހަރުގެ ކުރިން އެގައުމަކީ ތަރައްގީވެފައިވާ ގައުމަކަށް ބަދަލުކުރުން ކަމަށެވެ. އަދި 2100 ވަނަ އަހަރުގެ ކުރިން އެންމެ ތަރައްގީވެފައިވާ ގައުމުތަކުގެ ތެރޭގައި ބަންގްލްދޭޝް ހިމެނުން ކަމަށްވެސް ވިދާޅުވިއެވެ.
ޝައިހް ހަސީނާ ވިދާޅުވީ އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމަކުން ތަރައްގީވަމުން އަންނަ ގައުމަކަށް ރާއްޖެ ކުރީ އުނދަގޫ ދަތުރެއް ކަމަށާއި އެކަމަކީ އެގައުމަށް ލިބުނު ހިތްވަރެއް ކަމަށެވެ. އަދި ބަންގްލަދޭޝުން ތަރައްގީއަށް ކުރާ ދަތުރުގައި ރާއްޖެއިން ބައިވެރިވުން މުހިންމު ކަމަށްވެސް ވިދާޅުވިއެވެ.
"އަޅުގަނޑު ދައުވަތު އަރުވަން ރާއްޖޭގެ ސަރުކާރާއި ޕްރައިވެޓް ސެކްޓާއިން އަޅުގަނޑުމެންނަށް އެހީވެ އިންވެސްޓްމަންޓްތައް ހިންގުމަށް، މިކަމަކީ ދެގައުމަށްވެސް ފައިދާ ކުރާނެ ކަމެއް" ޝައިހް ހަސީނާ ވިދާޅުވިއެވެ.
ޝައިހް ހަސީނާ އިތުރަށް ވިދާޅުވީ ރާއްޖެ އާއި ބަންގަލަދޭޝްގެ ގުޅުން މިއަހަރު އިތުރަށް ވަރުގަދަވެފައިވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު