ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދައުވަތަކަށް ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިހް ހަސީނާ ރާއްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ދެ ގައުމުގެ ދެމެދުގައި ހަތަރު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

ރައީސް އޮފީހުގައި މިއަދު ހެނދުނު ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ރައީސް ސޯލިހާއި ޝައިހް ހަސީނާ ބައިވެރިވެވަޑައިގެންނެވިއެވެ.

ރާއްޖެއާއި ބަންގްލަދޭޝްއާ ދެގައުމުގެ ދެމެދުގައި މިއަދު ސޮއިކުރި އެއްބަސްވުންތަކުގެ ތެރޭގައި ހިމެނެނީ ދެގައުމުގެ ދެމެދު ގާބިލު ސިއްހީ ހިދުމަތްތެރިން ހޯދުމުގެ އެއްބަސްވުމަކާއި ސިއްހީ ދާއިރާއިން މީހުން ބިނާކުރުމަށް ވެފައިވާ އެއްބަސްވުން އާކުރުމަށް ސޮއިކުރި އެއްބަސްވުމަކާއި ކުޅިވަރާއި ޒުވާނުން ތަރައްގީކުރުމުގެ ރޮނގުން ގުޅުން ބަދަހިކުރުމާ ގުޅޭ އެއްބަސްވުމެއްގެ އިތުރުން ޓެކުހަށް މަކަރު ހެދުމުގެ ފުރުސަތު ނައްތާލުމަށާއި ޑަބަލް ޓެކްސޭޝަން ނައްތާލުމާ ގުޅޭ އެއްބަސްވުމެކެވެ.

އޭގެ އިތުރުން އެ ރަސްމިއްޔާތުގައި ބަންގްލަދޭޝް އިން ރާއްޖެއަށް ހަދިޔާކުރި 13 އަސްކަރީ އުޅަނދުތަކުގެ ތަޅުދަނޑި ރަމްޒީކޮށް ވަނީ ހަވާލުކޮށްފައެވެ. ނަމަވެސް އެއީ ކޮންކަހަލަ އުޅަނދުތަކެއް ކަމެއް ހާމައެއް ނުކުރެއެވެ.

ރާއްޖެއިން އެ އަސްކަރީ އުޅަނދުތަކުގެ ރަމްޒީ ތަޅުދަނޑިއާ ހަވާލުވެވަޑައިގަތީ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުالله ޝަމާލެވެ. ތަޅުދަނޑި ހަވާލުކޮށްދެއްވީ ބަންގްލަދޭޝްގެ ޗީފް އޮފް އާމީ ސްޓާފް ޖެނެރަލް އެސްއެމް ޝާފިއުދީން އަހުމަދެވެ.