ބަންގްލަދޭޝްއަށް ދަތުރުކުރާ ދިވެހިންނަށް އޮން އެރައިވަލް ވިސާ އަލުން ދޭން ފަށަން ނިންމާފައިވާކަން ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިހް ހަސީނާ މިއަދު އިއުލާން ކުރައްވައިފިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދައުވަތަކަށް އިއްޔެ ރާއްޖެ ވަޑައިގެންނެވި ޝައިހް ހަސީނާއާއެކު ރައީސް ސޯލިހު މިއަދު ވަނީ ރައީސް އޮފީހުގައި ރަސްމީ މަޝްވަރާ ބައްދަލުވުމެއް ބާއްވައިފައެވެ. އެ ބައްދަލުވުމަށްފަހު ދެ ގައުމުގެ ވެރިން ވަނީ ގުޅިފައިވާ ބަޔާނެއް ދެއްވައިފައެވެ.

ރައީސް ސޯލިހުގެ ގުޅިފައިވާ ބަޔާނަށްފަހު ޝައިހް ހަސީނާ ދެއްވި ބަޔާނުގައި އެކަމަނާ ވަނީ, ބަންގްލަދޭޝަށް ދަތުރުކުރާ ދިވެހިންނަށް އޮން އެރައިވަލް ވިސާ ދޭން ނިންމާފައިވާކަން އިއުލާންކުރައްވައިފައެވެ. އަދި އެކަމުގެ ސަބަބުން ދެގައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް ވިދާޅުވިއެވެ.

ބަންގްލަދޭޝް އިން މީގެ ކުރީންވެސް ދިވެހިންނަށް އޮން އެރައިވަލް ވިސާ ދެއެވެ. ނަމަވެސް ދުނިޔޭގައި ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެން ފެށުމުން, ބަންގްލަދޭޝް އިން އެޅި ފިޔަވަޅުތަކުގެ ތެރެއިން މިދިޔަ އަހަރުގެ މާޗް މަހުން ފެށިގެން އޮން އެރައިވަލް ވިސާ ލިބޭ ހުރިހާ ގައުމަކަށް އެ ހިދުމަތް މެދުކަނޑާލިއެވެ. އެފަހުން އެ ހުއްދަ އަލުން ދީފައެއް ނުވެއެވެ.