ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިހް ހަސީނާއަށް ރަސްމީކޮށް މަރުހަބާ ދަންނަވައިފިއެވެ.
ރައީސް ސޯލިހުގެ ދައުވަތަކަށް ޝައިހް ހަސީނާ ރާއްޖެ ވަޑައިގެންނެވީ އިއްޔެ މެންދުރު ފަހުގެ ވަގުތެއްގައެވެ. ނަމަވެސް އިއްޔެ މާލެ ވަޑައިގެންފައެއް ނުވެއެވެ.
އެކަމަނާއަށް މާލެއިން ރަސްމީކޮށް މަރުހަބާ ދެންނެވުން އޮތީ ޖުމްހޫރީ މައިދާން ސަރަހައްދުގައެވެ. އެ ސަރަހައްދުން އެކަމަނާއަށް މަރުހަބާ ދެންނެވީ ރައީސް ސޯލިހެވެ. މަރުހަބާ ދެންނެވުމުގެ ގޮތުން ސްކޫލު ކުދިންގެ ނެށުމެއް ކުރިއަށް ގެންދިޔައެވެ. އަދި 21 ބަޑީގެ ސަލާމެއްވެސް އެރުވިއެވެ.
ޝައިހް ހަސީނާގެ އިސްތިގުބާލަށް ރާއްޖޭގެ މިނިސްޓަރުންނާއި މަޖިލިސް މެންބަރުން ޖުމްހޫރީ މައިދާން ސަރަހައްދަށް ވަޑައިގެންނެވި އިރު، އެމްއެންޑީއެފްގެ ފަރާތުން ވަނީ އެކަމަނާއަށް ގާޑް އޮފް ހޮނާއެއް އަރުވައިފައެވެ. އެއަށްފަހު ހަތް ކޮޅުގައި އެކަމަނާ ވަޑައިގަތީ ރައީސް އޮފީހަށެވެ.
ރައީސް އޮފީހުގައި މިވަގުތު ދަނީ ދެ ލީޑަރުންގެ ދެމެދު ރަސްމީ ބައްދަލުވުމެކެވެ. ބައްދަލުވުމަށްފަހު ދެބޭފުޅުން ގުޅިފައިވާ ބަޔާނެއް ދެއްވާނެއެވެ. އަދި ދެގައުމުގެ ދެމެދު ހަތަރު އެއްބަސްވުމެއްގައި ސޮއިކުރުމަށް ހަމަޖެހިފައިވެއެވެ.
- އެއް ގައުމުން އަނެއް ގައުމަށް އެތެރެކުރާ މުދަލުން ދެ ފަހަރު ޓެކްސް ނެގުން އުވާލުމާ ގުޅޭ އެއްބަސްވުން
- ކުށްވެރިން ބަދަލުކުރުމުގެ އެއްބަސްވުމެއް
- ޒުވާނުންނާއި ކުޅިވަރުގެ ދާއިރާ ކުރިއެރުވުމާ ގުޅޭ އެއްބަސްވުމެއް
- ސިއްހީ ދާއިރާއިން ގުޅުން ބަދަހިކުރުމާ ގުޅޭ އެއްބަސްވުމެއް
އޭގެ އިތުރުން ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާނީ އެކުވެރިކަމުގެ ރަމްޒެއްގެ ގޮތުން ބަންގްލަދޭޝް އިން ރާއްޖެއަށް 13 އަސްކަރީ އުޅަނދު ހަދިޔާކުރަން ވަނީ ނިންމައިފައެވެ. ނަމަވެސް އެއީ ކޮން ކަހަލަ އުޅަނދުތަކެއް ކަމެއް އަދި އޭގެ ތަފުސީލެއް ދެގައުމުގެ ސަރުކާރަކުންވެސް އަދި ހާމައެއް ނުކުރެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު