މަގާމުން ވަކިކުރަން ނިންމާފައިވާ މައްސަލައަށް ޖަވާބުދާރީވާން، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މެމްބަރުންނަށް ފުރުސަތު ދީފައި ވަނިކޮށް، އުސޫލާ ހިލާފު ކަންތައްތަކެއް ހިންގަމުންދާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ހުށަހެޅި މައްސަލަ ކުރިއަށް ނުގެންދަން ނިންމައިފިއެވެ.

ކުއްލި ގޮތަކަށް ކޮމިޓީގެ ބައްދަލުވުމެއް މިރޭ ބާއްވަން ނިންމީ އޭސީސީގައި ތިއްބެވި މެމްބަރުން އުސޫލާ ހިލާފު ކަންތައްތަކެއް ކުރަމުންދާ ކަމަށް ބުނެ ތިން މެމްބަރަކު ސޮއި ކުރައްވައި ކޮމިޓީއަށް މައްސަލަ ހުށަހެޅުމުންނެވެ.

މިރޭގެ ކޮމިޓީ ބައްދަލުވުމުގައި ދެ ހުށަހެޅުމެއް ހުށަހަޅާފައިވެއެވެ. އެގޮތުން ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް ހުށަހެޅުއްވީ އޭސީސީގެ މެމްބަރުން ވަކި ކުރުމުގެ މައްސަލަ މަޖިލީހުން ކޮމިޓީއަށް ފޮނުވައި، ޖަވާބުދާރީވާން ފުރުސަތު ދީފައި ވަނިކޮށް، އުސޫލާ ހިލާފަށް އަދި ތަރުތީބުން ބޭރުން މަސައްކަތް ކުރުމަކީ އެންމެ އެދެވިގެންވާ ގޮތް ނޫން ކަމަށް އެ ކޮމިޝަނަށް ދެންނެވުމަށެވެ.

ޝަހީމް ވިދާޅުވީ ބަންދުގައި ތިބި ބައެއް ފަރާތްތައް މެދުވެރިކޮށް ދައުލަތުގެ ވަރަށް ގިނަ ފަރާތްތަކުގެ ބަޔާން ނަގަމުންދާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އެކަމަކީ އާންމު އުސޫލާ ހިލާފަށް ކުރަމުންދާ މަސައްކަތެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ޝަހީމްގެ މި ހުށަހެޅުމަށް ތާއީދުކުރެއްވީ ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމެވެ.

މި ހުށަހެޅުމަށް ކޮމިޓީއަށް ހާޒިރުވެ ތިއްބެވި ނުވަ މެމްބަރުންގެ ތެރެއިން ހަތަރު މެމްބަރުން ތާއީދު ކުރިއެވެ. އެހެންކަމުން މި ހުށަހެޅުން ފާސްނުވާ ކަމަށް ނިންމިއެވެ.

ޝަމީމްގެ ހުށަހެޅުމާ ދެކޮޅަށް ވާހަކަދައްކަވަމުން އެމްއެންޕީގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވީ އޭސީސީގެ މައްޗަށް މެމްބަރު ޝަމީމް ކުރައްވާ ތުހުމަތު ސާފުނުވާ ކަމަށެވެ. އަދި ވަޒީރުން ވިޔަސް އަދި އެހެން ބޭފުޅަކު ވިޔަސް ކޮރަޕްޝަންގެ މައްސަލައެއް ތަހުގީގު ކުރުމަށްޓަކައި ހާޒިރުވާން އެންގުމުން ހާޒިރުވާން ޖެހޭނެ ކަމަށެވެ. އަދި ވިދާޅުވީ އެކަމުގެ ޝަކުވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ހުށަހަޅައިގެން ކޮމެޓީން ކުރާ މަސައްކަތަށް ނުފޫޒު ފޯރުވަން އުޅުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ.

އެހެންވެ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް ހުށަހެޅުއްވީ މައްސަލައާ ގުޅޭ ގޮތުން ހުރި ކަންބޮޑުވުންތައް އޭސީސީއާ ހިއްސާ ކުރެވިފައިވާތީ، އިތުރަށް ކުރިއަށް ގެންދަން ފެނިވަޑައިނުގަންނަވާ ކަމަށެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމެވެ.

މި ހުށަހެޅުމަށްވެސް ތާއީދު ކޮށްފައިވަނީ ހަތަރު މެމްބަރުންނެވެ. އެހެންވެ ގޮތެއް ނިންމެވުމަށް ކޮމިޓީގެ މުޣައްރިރަށް ހުށަހެޅިއެވެ. ކޮމިޓީގެ މުޣައްރިރު އަދި އައްޑޫމީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ތާއީދު ކުރެއްވީ މި މައްސަލަ އިތުރަށް ކުރިއަށް ނުގެންދިއުމަށެވެ.

ކޮމިޓީގެ ބައްދަލުވުމުގައި އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ، މެމްބަރު ރޮޒައިނާ އާދަމަށް ފޮނުވާފައިވާ މެސެޖެއްވެސް ވަނީ ހިއްސާ ކުރައްވައިފައެވެ. ޝިއުނާ ފޮނުވި މެސެޖުގައި ވިދާޅުވެފައިވަނީ މި މުއްދަތުގައި އިތުރު މައްސަލަތަކެއް ބަލަމުން ނުދާ ކަމަށާއި ކުރެވެމުންދާ މަސައްކަތްތަކަކީ މިއަހަރަށް ނިންމަން ހުރި މައްސަލަތައް ކަމަށެވެ. އެ މައްސަލަތައް ތަހުގީގު ކުރުމަށް ބާއްވާ ބައްދަލުވުންތަކުގައި ކޯރަމް ހަމަކުރުމަށް އޮންލައިންކޮށް ބައިވެރިވަމުންދާ ކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ.

މަސައްކަތްތައް އެކަށީގެންވާ ސްޕީޑުގައި ކުރިއަށްނުދާތީ އޭސީސީގެ މެމްބަރުން ވަކިކުރަން ނިންމައި މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މަޖިލީހަށް ހުށަހެޅުމުން އެ މައްސަލަ ދިރާސާ ކުރުމަށް އަލުން ކޮމިޓީއަށް ފޮނުވާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

އެކަމާ ގުޅިގެން ގާނޫނުގައި ބުނެފައިވާ ގޮތަށް އޭސީސީ މެމްބަރުންނަށް ލިއުމުން ޖަވާބުދާރީވާން ފަސް ދުވަހުގެ މުއްދަތެއް ކޮމިޓީން އެ މެންބަރުންނަށް ވަނީ ދީފައެވެ. އެ މުއްދަތު ހަމަވާނީ އަންނަ އާދިއްތަ ދުވަހަށެވެ.

އޭސީސީ މެމްބަރުން ވަކި ކުރަން ކޮމިޓީން ނިންމުމާ ގުޅިގެން އެ ކޮމިޝަންގެ ބައެއް މެމްބަރުން ވަނީ އިސްތިއުފާ ދެއްވައިފައެވެ. އެ ކޮމިޝަންގައި މިހާރު ތިއްބެވީ، ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާ އާއި ނައިބު ރައީސް ފާތުމަތު އަނޫލާގެ އިތުރުން މެމްބަރު އައިޝަތު އަބްދުﷲއެވެ.