މިއަދުގެ ތާރީހު 21.12.2021 ގައި 57 ކައިވެނި ފެމިލީ ކޯޓުގައި ތާވަލުކޮށްފައިވާކަމަށް އެ ކޯޓުން ބުނެފިއެވެ.
އެ ކޯޓުން މިއަދުން ބުނީ، 57 ކައިވެނީގެ ތެރެއިން 28 ކައިވެނި ކުރުމަށް ހަމަޖެހިފައި ވަނީ ކޯޓުގައި ކަމަށެވެ. އަދި ބާކީ 29 ކައިވެނި ކުރުމަށް ހަމަޖެހިފައި ވަނީ ކޯޓުން ބޭރުގައި ކަމަށެވެ.
ރީތި ތާރިހުތަކާ ދިމާކޮށް ކައިވެރި ކުރުމަކީ ރާއްޖޭގައި އާންމު ކަމެކެވެ. ތާރީހުތަ ކުގެ ތެރެއިން އެންމެ ފާހަގަވެފައިވާ ތާރިހު ތަކަކީ، 12.12.2012، 11.11.2011 އަދި 10.10.2010 އެވެ. މީގެ ތެރެއިން އެންމެ ގިނަ ކައިވެނި އެއް ދުވަހެއްގައި ކޮށްފައިވަނީ 12.12.2012 ވަނަ ދުވަހުއެވެ.
ރީތި ތާރިހުތަކާ ދިމާކޮށް ބާއްވާ ކައިވެނި ޕާޓީތައް ވެސް އެ ތާރިހަކާ ގުޅުވަކީ އާއްމުކޮށް ކޮށް އުޅޭ ކަމެކެވެ.
މިއަދު ފެމިލީ ކޯޓުގައި ވަނީ ވަރީގެ 11 މައްސަލައެއް ވެސް ތާވަލުކޮށްފައެވެ. އެއީ ވަރިއާމެދު ޝައްކުވެގެން ކުރިއަށް ގެންދާ ދެ މައްސަލައަކާއި، ވަރި ސާބިތު ކުރުމުގެ ތިން މައްސަލައެއްގެ އިތުރުން، ވަރިކުރުމަށް ހުށަހަޅާފައިވާ ދެ މައްސަލައަކާއި ވަރިވުމަށް އެދި ހުށަހަޅާފައިވާ ހަތަރު މައްސަލައެކެވެ.