ޓީ-ޖެޓީއާއި ނޯތު ހާބަރަކީ މުހިންމު ތަންތަން ނޫން ކަމަށް ބުނެ އެއްވެސް އިރެއްގައި މާލޭ ސިޓީ ކައުންސިލާ އެއްވެސް މުއާމަލާތެއް ކޮށްފައި ނުވާނެ ކަމަށް އެ ދެތަން ބަލަހައްޓަމުން އަންނަ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފިއެވެ.

ޓީޖެޓީ ސަރަހައްދަށް ވަޑައިގެން މިއަދު ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން މާލޭގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވަނީ، ނޯތު ހާބަރާއި ޓީ-ޖެޓީއަކީ އެހާ މުހިންމު ތަންތަން ނޫން ކަމަށް އެމްޕީއެލުން ބުނެފައިވާ ކަމަށާއި އެ ތަންތަނާ މާލެ ސިޓީ ކައުންސިލުން ހަވާލުވުމަށް އެދިފައިވާ ކަމަށް ވިދާޅުވެފައެވެ.

އެކަމާ ގުޅިގެން އެމްޕީއެލްގެ ސްޕޯކްސްޕާސަން ދާނިޝް ނިޒާމް ވިދާޅުވީ، ނަރީޝް ހެއްދެވީ ކަނޑައެޅިގެން ދޮގެއް ކަމަށާއި ނޯތު ހާބަރާއި ޓީ-ޖެޓީއަކީ މުހިންމު ތަންތަނެއް ނޫން ކަމަށް އެމްޕީއެލުން އެއްވެސް އިރެއްގައި ބުނެފައެއް ނުވާނެ ކަމަށެވެ. އަދި އެ ދެ ތަނަކީ، ރާއްޖޭގެ އެކި ކަންކޮޅުތަކުން އަންނަ ދޯނިފަހަރާއި ރިސޯޓުތަކުންނާއި އެހެނިހެން ބޭނުންތަކަށް އަންނަ ފަރާތްތައް ބޭނުންކުރަމުން އަންނަ މުހިންމު ދެ ތަން ކަމަށްވެސް ވިދާޅުވިއެވެ.

"އެ ދެ ތަނުން ރަނގަޅު ފެންވަރުގެ ހިދުމަތް ފޯރުކޮށްދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް މި ކުންފުނިން މިދަނީ ކުރަމުން. އެއީ މުހިންމު ނޫން ތަނެކޭ ބުނެ އެއްވެސް މުއާމަލާތެއް މާލެ ސިޓީ ކައުންސިލާ ކޮށްފައި ނުވާނެ،" ދާނިޝް ވިދާޅުވިއެވެ.

މާލެ ސިޓީ ކައުންސިލާ ޓީ-ޖެޓީ ހަވާލު ނުކުރި މައްސަލަ ސިވިލް ކޯޓަށް ވައްދާނެ ކަމަށް މާލެ ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ. އެކަމާ ގުޅިގެން އެމްޕީއެލުން ބުނީ، އެ ކުންފުންޏާއި ޓީޖެޓީ ހަވާލުކޮށްފައިވަނީ 2015 ވަނަ އަހަރު ހައުސިން މިނިސްޓްރީން މުއްދަތެއް ނެތް ގޮތަށް ކަމަށާއި ޓީޖެޓީ އެ ކުންފުނީގެ އަތުން ނެގުމުގެ ބާރު އޮންނާނީ ހައުސިން އެންޑް ޕްލޭނިން މިނިސްޓްރީއަށް ކަމަށެވެ.

"ތަންފީޒީ އިދާރާއަކުން ނުވަތަ މިނިސްޓްރީން ވަކި ގޮތަކަށް އަމަލުކުރަން އަންގައިފިނަމަ މި ކުންފުނިން އެގޮތަށް އަމަލުކުރާނެ ވާހަކަ ދަންނަވަން. އަދި އެމްއޯޔޫގައި އޮތް ގޮތަށް، ކުރިޔެއެކޭވެސް އެއްފަދައިން މި ކުންފުނިން ޓީޖެޓީގައި ދެމުންގެންދާ ހިދުމަތް ދެމުންގެންދާނެ ވާހަކަ އެންމެ ބޭފުޅުންގެ މައުލޫމާތަށްޓަކައި ދަންނަވަން،" އެމްޕީއެލުން ބުންޏެވެ.

މާލެ ސިޓީ ކައުންސިލުން ވަނީ ޓީޖެޓީ ހުސްކުރަން އަންގައި އެމްޕީއެލްއަށް 90 ދުވަސް ދީފައެވެ. އެ މުއްދަތު އިއްޔެ ހަމަވެފައިވާ އިރު, ޑެޕިއުޓީ މޭޔަރު ނަރީޝް އިސްވެ ހުންނަވައިގެން ސިޓީ ކައުންސިލުގެ ޓީމެއް މިއަދު ވަނީ އެތަނާ ހަވާލުވާން ގޮސްފައެވެ. ނަމަވެސް އެމްޕީއެލުން މާލޭ ސިޓީ ކައުންސިލާ، ޓީ-ޖެޓީ ހަވާލުކޮށްފައެއް ނުވެއެވެ.