ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އުމަރު ޒާހިރަކީ، ޒަމާނީ ދިވެެހިރާއްޖެ ބިނާކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި ހިއްސާދާރެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ކޮވިޑުގެ އާލާސްކަންފުޅަށް ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް އުމަރު ޒާހިރު ވަނީ މިއަދު މެންދުރު ފަހުގެ ވަގުތެއްގައި އަވަހާރަވެފައެވެ. އަވަހާރަވިއިރު، އުމުރުފުޅުން 85 އަހަރެވެ.
އުމަރު ޒާހިރު އަވަހާރަވުމާ ގުޅިގެން ރައީސް ނަޝީދު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އިޖުތިމާއީ، އިގުތިސޯދީ އަދި ސިޔާސީ ކަންކަމުގައިވެސް އުމަރު ޒާހިރުގެ ބައިވެރިވުން ބޮޑު ކަމަށެވެ. އަދި ރައީސް ނަޝީދު ވަނީ އުމަރު ޒާހިރުގެ ފުރާނަފުޅަށް ހެޔޮރަހުމަތް ލެއްވުން އެދި ދުއާ ދަންނަވައިފައެވެ.
ދިވެހި ގައުމަށް 50 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތްކުރެއްވި، އުމަރު ޒާހިރަށް ނިޝާން އިއްޒުއްދީންގެ އިއްޒަތްތެރި ވެރިކަމުގެ ލަގަބު ލިބިވަޑައިގެންނެވީ 2008 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ދިހަ ވަނަ ދުވަހުއެވެ.
އުމަރު ޒާހިރު ވަނީ ރައީސް މައުމޫންގެ ވެރިކަމުގައި ގިނަ މިނިސްޓްރީތަކެއް ހިންގަވައިފައެވެ. އެގޮތުން އުމަރު ޒާހިރު ވަނީ ހޯމް މިނިސްޓަރުކަމާއި ކުޅިވަރާ ބެހޭ ވަޒީރުކަމާއި ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު ކަމާއި ރައީސް އޮފީހުގެ ސީނިއާ މިނިސްޓަރުކަންވެސް ކުރައްވައިފައެވެ.
އުމަރު ޒާހިރު އަވަހާރަވުމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ތައުޒިޔާގެ މެސެޖުތައް ފޮނުވަމުންނެވެ. ރައީސް ނަޝީދުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ރައީސް މައުމޫން ވެސް ވަނީ ތައުޒިޔާ ވިދާޅުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު