ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާ، އުމަރު ޒާހިރުގެ ކަށުނަމާދު މިރޭ އިޝާ ނަމާދަށްފަހު އިސްލާމީ މަރުކަޒުގައި ކުރުމަށް ހަމަޖައްސައިފިއެވެ.
އުމުރުފުޅުން 85 އަހަރުގައި އުމަރު ޒާހިރު އަވަހާރަވީ ދަރުމަވަންތަ ހޮސްޕިޓަލުގައި ކޮވިޑަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިއަދު މެންދުރުފަހުގެ ވަގުތެއްގައެވެ.
އުމަރު ޒާހިރުގެ ކަށުނަމާދު މިރޭ އިޝާ ނަމާދަށްފަހު ހުޅުމާލޭ ސަހަރާގައި ކުރުމަށް ކުރިން ހަމަޖައްސާފައިވީ ނަމަވެސް، މިހާރު ވަނީ އިސްލާމީ މަރުކަޒަށް ބަދަލުކޮށްފައެވެ. އަދި ފަސްދާނުލުމަށް ހަމަޖައްސާފައިވަނީ ދައުލަތުގެ އިއްޒަތްތެރިން އަވަހާރަވުމުން ފަސްދާނުލާ ގަލޮޅު ސަހަރާގައެވެ.
ދިވެހި ގައުމަށް 50 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތްކުރެއްވި، އުމަރު ޒާހިރަށް ނިޝާން އިއްޒުއްދީންގެ އިއްޒަތްތެރި ވެރިކަމުގެ ލަގަބު ލިބިވަޑައިގެންނެވީ 2008 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ދިހަ ވަނަ ދުވަހުއެވެ.
އުމަރު ޒާހިރު ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ގިނަ މިނިސްޓްރީތަކެއް ހިންގަވައިފައެވެ. އެގޮތުން އުމަރު ޒާހިރު ވަނީ ހޯމް މިނިސްޓަރުކަމާއި ކުޅިވަރާ ބެހޭ ވަޒީރުކަމާއި ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު ކަމާއި ރައީސް އޮފީހުގެ ސީނިއާ މިނިސްޓަރުކަންވެސް ކުރައްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު