ކްލަބް މޯލްޑިވްސް ކަޕްގެ އަންހެން ޑިވިޝަން 18/30 ފުޓްސަލް ފިއެސްޓާގެ ތަށި ޖެހިޖެހިގެން ތިންވަނަ ފަހަރަށް އެމްޕީއެލުން ހޯދައިފިއެވެ.

މިރޭ ވެމްކޯއާ ދެކޮޅަށް ކުޅުނު ފައިނަލް މެޗު އެމްޕީއެލުން 7-4 ގެ ނަތީޖާއަކުން ކާމިޔާބުކުރި އިރު، މެޗުގައި ފާތިމަތު ޖޫޒާން ޒަރީރް ވަނީ ފަސް ގޯލު ޖަހައިފައެވެ. އެމްޕީއެލަކީ ކްލަބް މޯލްޑިވްސްގެ އަންހެން އަދި ފިރިހެން ޑިވިޝަނުގައި ވެސް ޖެހިޖެހިގެން ތިން މުބާރާތް ކާމިޔާބުކުރި ފުރަތަަމަ ޓީމެވެ.

އެމްޕީއެލުން ޖެހިޖެހިގެން ތިން އަހަރު ތަށި ކާމިޔާބުކުރީ 2018، 2019 އަދި 2021 ގައި ތަށި ކާމިޔާބު ކޮށްގެންނެވެ. ރެހެންދި ފުޓްސަލް ދަނޑުގައި މިރޭ ކުޅުނު މެޗުގައި ވެމްކޯގެ ތައިލެންޑް ތަރި ޑަރިކާ ވަނީ ހެޓްރިކް ހަދައިފައެވެ. ވެމްކޯގެ އަނެއް ގޯލު ޖަހައިދިނީ މަރިޔަމް ނޫރާއެވެ.

އެމްޕީއެލްގެ ޖޫޒާންގެ ފަސް ގޯލުގެ އިތުރުން ދެން މެޗުގައި އެޓީމަށް ގޯލުތައް ޖަހައިދިނީ ކެޕްޓަން ފާތިމަތު ޝާލިޔާ އާއި ފާތިމަތު ޝާމިލާއެވެ.

މިއަހަރުގެ 18/30 ފުޓްސަލް ފިއެސްޓާގެ އެންމެ މޮޅު ކުޅުންތެރިއަކީ އެމްޕީއެލްގެ ޝާލިޔާއެވެ. އެންމެ ގިނަ ގޯލު ޖެހީ، 21 ލަނޑު ޖެހި ސިފައިންގެ ޓީމުގެ ބަންގްލަދޭޝް ކުޅުންތެރިޔާ ސަބީނާ ކަތުންއެވެ. ފެއާ ޕްލޭ ކުޅުންތެރިއަކީ ސިފައިންގެ ޓީމުގެ މަޓްސުޝިމާ ސުމައްޔާއެވެ. ފެއާ ޕްލޭ ޓީމުގެ ޓްރޮފީ ޓްރޭޑް ކްލަބަށް ލިބުނުއިރު، އެންމެ މޮޅު ކޯޗަކީ ވެމްކޯގެ އަހުމަދު ނިޔާޒް (ނިޔާ) އެވެ.

އެންމެ މޮޅު ފަސް ކުޅުންތެރިއަކީ އެމްޕީއެލްގެ މަދީނާ، ޝާލިޔާ އަދި ގޯލްކީޕަރު އަޒަަމްގެ އިތުރުން ވެމްކޯގެ ޑަރިކާ އާއި ކަސޭސީ އެވެ.

މާދަމާރޭ ކުޅޭނީ ކްލަބް މޯލްޑިވްސް ކަޕްގެ ފިރިހެން ޑިވިޝަންގެ ފައިނަލެވެ. ރޯޑް ރެކްރިއޭޝަން ކްލަބް (އާރްއާރްސީ) ކުޅޭނީ ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)އާ އެވެ.