ލ. ގަމު ކައުންސިލުން މުޅި ލ. އަތޮޅަށް ހުޅުވާލައިގެން ބާއްވާ ގަމު ފުޓުބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި ފަސޭހަކަމާއެކު ލ. ފޮނަދޫ ކައުންސިލް ބަލިކޮށް، ގަމު މުކުރިމަގު އައިލެންޑް ޔޫތު ޔުނައިޓެޑުން ފެށުން ރަނގަޅު ކޮށްފިއެވެ.

ގަމު ފުޓުބޯޅަ މުބާރާތް މިއަދު ގަމު ޒޯން ސްޓޭޑިއަމްގައި ފެށިގެން ގޮސްފައިވާ އިރު، މުބާރާތުގެ ފުރަތަމަ މެޗު ޝަރަފުވެރިކޮށްދެއްވީ ގަމު ދާއީރާގެ އިއްޒަތްތެރި މެމްބަރު މުހައްމަދު ވިޝާމް (ސަމްޕަތު)ގެ އިތުރުން ހެންވޭރު ދެކުނު ދާއިރާގެ އިއްޒަތްތެރި މަޖިލިސް މެމްބަރު ހުސައިން ޝަމީމް (އަނދުން ހުސައިން) އަދި ގަމު ކައުންސިލްގެ ރައީސް އަހުމަދު ޒަކީއެވެ.

މިއަދު ކުޅުނު ގްރޫޕް އޭގެ މެޗުގައި އައިލެންޑް ޔޫތު ޔުނައިޓެޑުން ފޮނަދު ބަލިކުރީ 3-0 ގެ ނަތީޖާއަކުންނެވެ. އައިލެންޑް ޔޫތު ޔުނައިޓެޑުން މިއަދުގެ މެޗު ފެށިގެން ނިމެންދެން ޑޮމިނޭޓްކޮށް ކުޅުނު އިރު، އެޓީމުން ވަނީ ގިނަ ހަމަލާތަކެއްވެސް އުފައްދައިފައެވެ.

މެޗު ފެށިގެން އައިލެންޑް ޔޫތު ޔުނައިޓެޑުން އެޓޭކިން މެޗެއް ކުޅެން މަސައްކަތް ކުރިއިރު، ފޮނަދޫ ޓީމުން ފެނުނީ ވަރަށް ބޮޑަށް ޑިފެންސަށް ސަމާލުވެގެން ކުޅުނުތަނެވެ. ފޮނަދޫ ޓީމުގެ ޑިފެންސް ފޫއަޅުވާލަން އައިލެންޑް ޔޫތު ޔުނައިޓެޑުން ކުރި މަސައްކަތް އެޓީމުން ވަނީ ފުރަތަމަ ހާފުގައި ކާމިޔާބު ކޮށްފައެވެ. މެޗުގައި އެޓީމުން ޖެހި ފުރަތަމަ ގޯލު ޖެހީ އަހުމަދު ލަތީފް (ޑީޖޯ)އެވެ.

އެ ގޯލާއެކު އައިލެންޑް ޔޫތު ޔުނައިޓެޑުން ލީޑުގައި އޮވެ ފުރަތަމަ ހާފު ނިންމާލި އިރު، ދެވަނަ ހާފަށް ނުކުމެ އެޓީމުން ލީޑު ފުޅާކުރީ ފޮނަދޫ ޓީމުގެ ޑިފެންޑަރު އަތުން ބައިކޮޅަށް ވަން ގޯލަކާއެކުގައެވެ. މެޗު ނިމިނިމި އޮއްވައި އައިލެންޑް ޔޫތު ޔުނައިޓެޑަށް ލިބުނު ހިލޭ ޖެހުމެއްގެ އެހީގައި އެޓީމަށް ތިންވަނަ ގޯލެއްވެސް ކާމިޔާބު ކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ޑީޖޯއެވެ.

މުބާރާތުގައި މާދަމާ އޮންނާނީ ގްރޫޕް ބީގެ މެޗެވެ. އެ މެޗުގައި ވާދަކުރާނީ މާބައިދޫ ކައުންސިލާއި ގަމު މަތިމަރަދޫ އަމީގޯސްއެވެ.