ޅ އޮޅުވެލިފުށީގެ ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ރަސްމީކޮށް މިއަދު އިފްތިތާހުކޮށްފިއެވެ.
އޮޅުވެލިފުށީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫއުގެ މަސައްކަތް އިފްތިތާހުކޮށްދެއްވީ އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު އާއި ރައްޔިތުންގެ މަޖިލީހުގެ ކުރެންދޫ ދާއިރާގެ މެމްބަރު އަބްދުލް ގަނީ އަބްދުލް ހަކީމާއި ޅ. އަތޮޅު ކައުންސިލްގެ ރައީސް ޔާސީން އަބްދުﷲގެ އިތުރުން އޮޅުވެލިފުށީ ކައުންސިލުގެ ރައީސް މުހައްމަދު އާޒިމެވެ.
އެމްޑަބްލިޔުއެސްސީން މިއަދު ބުނީ މި މަޝްރޫއުގައި ހިމެނޭ ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމަށް ބޭނުންވާ ހޮޅި އާއި އެހެނިހެން ތަކެތި އޮޅުވެލިފުށްޓަށް ފޮނުވައި ފެނާއި ނަރުދަމާ ނިޒާމުގެ ހޮޅި ވަޅުލުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. އަދި ފެން ޕްލާންޓް ބަހައްޓާ ފެސިލިޓީ ބިލްޑިން އިމާރާތުގެ 53 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށެވެ.
އޮޅުވެލިފުށީގައި 9.72 ކިލޯ މީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކް ގާއިމުކުރުމާއި އާރުއޯ ފެސިލިޓީ ބިލްޑިން އިމާރާތްކުރުމާއި ފެން އުފެއްދުމަށްޓަކައި ދެ އާރުއޯ ޕަލާންޓް ބެހެއްޓުމާއި ފެން ރައްކާކުރުމަށް ތިން ތާންގީ ބެހެއްޓުން ހިމެނެއެވެ. އަދި ގޭގޭގައި ފެން މީޓަރު ބަހައްޓައި ފެނުގެ ކަނެކްޝަން ގުޅައިދީ، އެ ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދިނުން ހިމެނޭ ކަމަށްވެސް އެމްޑަބްލިޔުއެސްސީން ބުންޏެވެ.
މި މަސައްކަތުގެ ދަށުން އެރަށުގެ 6.56 ކިލޯ މީޓަރުގެ ދިގު ނަރުދަމާގެ މައި ނެޓްވޯކް ގާއިމުކުރުމާއި 250 މީޓަރުގެ ޕަންޕިން އެޅުމާއި ތިން ޕަންޕިން ސްޓޭޝަން އަދި އެއްސީ އައުޓްފޯލް ގާއިމުކުރުން ހިމެނެއެވެ.
އޭގެ އިތުރުން ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާ ކަނެކްޝަން ގުޅައިދީ އެ ގެތަކަށް ނަރުދަމާގެ ހިދުމަތް ފޯރުކޮށްދިނުންވެސް ހިމެނެއެވެ. އަދި ފެނާއި ނަރުދަމާ ނިޒާމު ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރު ސެޓާއި ވެހިކަލް އަދި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށްވެސް ހަމަޖެހިފައިވާ ކަމަށް އެމްޑަބްލިޔުއެސްސީން ބުންޏެވެ.
މި މަޝްރޫއަކީ 80.08 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު