ނިމިދިޔަ 2021 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުންވެސް ވަނީ ބޮޑެތި މަސައްކަތްތަކެއްކޮށް މުހިއްމު ބިލު ތަކަކާއި ރިޕޯޓްތަކެއް ފާސްކޮށްފައެވެ.

އެގޮތުން އަހަރުގެ ފުރަތަމަ ދައުރުގައި 37 ޖަލްސާ ބާއްވައި، އަށް ބިލެއް ފާސްކުރިއިރު، ދެވަނަ ދައުރުގައި 22 ޖަލްސާއަކުން ނުވަ ބިލެއް ފާސްކުރިއެވެ. އަދި އެންމެ ފަހުން މިދިޔަމަހުގެ ހަ ވަނަ ދުވަހު މަޖިލީހުގެ ތިންވަނަ ދައުރު ނިންމުމަށްފަހު އަހަރު ޗުއްޓީއަށް މަޖިލިސް ދިޔައީ އެ ދައުރުގައި 44 ޖަލްސާ ބާއްވައި 20 ބިލު ފާސްކޮށްފައެވެ.

މިއަހަރު މަޖިލީހުން ފާސްކުރި ބިލްތަކުގެ ތެެރއިން، މީހުން އެންމެ ބޮޑަށް ފާހަގަކުރި ބިލްތަކުގެ ތެރޭގައި ދެމަފިރިން ވިޔަސް ނުރުހުމުގައި ޖިންސީ ގުޅުން ހިންގުމަކީ ރޭޕް ކުރުން ކަމަށް ކަނޑައެޅި، ޖިންސީ ކުށުގެ ގާނޫނަށް އިސްލާހު ގެނައި ބިލު ހިމެނެއެވެ. އެ ބިލަކީ ރާއްޖޭގައި އިތުރުވެފައިވާ ޖިންސީ ގޯނާގެ މައްސަލަތަކަށް ހައްލު ހޯދައިދިނުމުގެ މަގުސަދުގައި ގާނޫނަށް ގެނަ އިސްލާހެކެވެ.

އެ ބިލާއެކު ދެމަފިރިން ކަމުގައި ނުވާ ދެމީހުންގެ މެދުގައި، ނުވަތަ ދެމަފިރިންގެ މެދުގައި، މީހެއްގެ ޖިންސީ ގުނަވަނެއް، އެހެން މީހެއްގެ ޖިންސީ ގުނަވަނަކަށް ނުވަތަ ޖިންސީ ގުނަވަން ނޫން ގުނަވަނަކަށް، ކިތަންމެ ކުޑަ މިންވަރަކަށް ނަމަވެސް، އެމީހެއްގެ ރުހުމާ ނުލައި، ވެއްދުމަކީ ރޭޕްކުރުން ކަމަށް ވަނީ ކަނޑައަޅައިފައެވެ. އަދި އަނބިމީހާގެ ރުހުމާނުލައި އޭނާއާއެކު ފިރިމީހާ ޖިމާއު ވުމަކީ ރޭޕްކުރުން ކަމަށް ކަނޑައަޅައި އެކުށުގެ އަދަބަކީ، ތިން އަހަރާއި ފަސްއަހަރާ ދެމެދުގެ މުދަތަކަށް ޖަލަށްލުން ކަމަށް ގާނޫނުގައި ވަނީ ހިމަނައިފައެވެ.

މީގެ އިތުރުން ދެމަފިރިންގެ ދޭތެރޭގައި ހިނގާ ކަންތައްތައް، ޖިންސީ އަނިޔާ އާއި ޖިންސީ ގޯނާގެ ތެރޭގައި ހިމެނޭނެ ކަމަށްވެސް އެ އިސްލާހުން ގާނޫނުގައި ވަނީ ކަނޑައަޅައިފައެވެ. މިބިލުން ގާނޫނަށް ގެނައި ދެވަނައަށް އެންމެ ބޮޑު އިސްލާހަކީ، ތުހުމަތު ކުރެވޭ، ރޭޕްގެ މައްސަލަތަކުގައި ސާމްޕަލް ނަގާއިރު ރޭޕް އެވިޑެންސް ކިޓް ބޭނުންކޮށްގެން، ކުށުގެ ޝިކާރައަކަށްވާ ފަރާތުގެ ހަށިގަނޑާއި އަންނައުނުން ސާމްޕަލް ނަގައި ފޮރެންސިކް ތަހުލީލު ކުރުން ލާޒިމްކުރުމެވެ.

މީގެ އިތުރުން ރޭޕްގެ ޝިކާރައަށްވާ ފަރާތް މާބަނޑުވުމުން ރައްކާތެރިކުރުމަށް، އެ ފަރާތް މާބަނޑުވެދާނެ ކަމަށް، ނުވަތަ މާބަނޑުވެފައިވާ ކަމަށް ޑޮކްޓަރަކަށް ފާހަގަކުރެވޭ ހާލަތްތަކުގައި މާބަނޑުވުމުން ރައްކާތެރިކަން ހޯދުމަށް ދޭން ޖެހޭ ފަރުވާ، ފޯރުކޮށްދޭން ޖެހޭނެ ކަމަށްވެސް ކަނޑައަޅާފައި ވެއެވެ.

ރޭޕްކުރުމުގެ ކުށް ނުވަތަ ޖިންސީ އަނިޔާ އާއި ޖިންސީ ގޯނާގެ ކުށުގެ ތުހުމަތުން ނުވަތަ ދައުވާ ނަފީ ކުރުމަށް ޓަކައި އެ ކުށުގެ ޝިކާރައަށް ވާ ފަރާތާ ދެކޮޅަށް ބޭނުން ކުރެވޭ ގޮތަށް ހުރި ބައެއް މާއްދާތައް އެ ބިލުން ވަނީ ނުވައިލައިފައެވެ.

އޭގެ ތެރޭގައި، ކަން ހިނގައިދިޔަ ދުވަހާއި އެކަމުގެ ޝަކުވާ ކުރި ދުވަހާ ދެމެދު ހިނގައިގޮސްފައިވާ މުއްދަތު އެކަށީގެންވާ މިންވަރަށްވުރެ ދިގުވެފައިވުމާއެކު، އެ މުއްދަތުގެ ތެރޭގައި، އެ ވާހަކަ އެހެން އެއްވެސް ފަރާތަކަށް ކިޔައިދީފައިވާ ކަމަށް ސާބިތުކޮށް ނުދެވުމަކީ އެކަމުން ބަރީއަވާނެ ކަމެއް ކަމަށް އޮތް މާއްދާއާއިި، ކުށުގެ ޝިކާރައަށް ވީ ފަރާތުގެ ނަފުސުގެ އަބުރުވެރިކަމާއި އަހުލާގާ ގުޅުންހުރި ކަންކަމުގެ ތެރެއިން ކޯޓަށް ސާބިތުވާ ކަންކަމުގެ މައްޗަށް ބަލާއިރު، އެފަދަ ކުށެއް އޭނާއާ މެދު ހިނގާފައިވާ ކަމަށް ދޮގު ހެކި ދީފާނެ މީހެއް ކަމަށް ކޯޓަށް ގަބޫލުކުރެވޭ ފަދަ ހާލަތެއް ކޯޓަށް ފާހަގަވާ ނަމަ، އެއީ ޖިންސީ އަނިޔާގެ ކުށް ނުވަތަ ޖިންސީ ގޯނާގެ ކުށާ ގުޅޭގޮތުން ކޮށްފައިވާ ތުހުމަތު ނުވަތަ ދައުވާ ނަފީކުރުމަށްޓަކައި ބޭނުންކުރެވިދާނެ ހެއްކެއް ކަމަށް ކަނޑައަޅާފައިވާ މާއްދާ ހިމެނެއެވެ. އަދި ކުށުގެ ތުހުމަތުކުރެވޭ ފަރާތާ މެދު ކުށުގެ ތުހުމަތު ކުރެވުމުގެ ކުރިން، އޭނާ އާއި ކުށުގެ ޝިކާރައަށްވީ ފަރާތާ ދެމެދު އޮތް ގުޅުމަކީ، އަދި އެ ދެ ފަރާތުގެ ދެމެދުގައި ހިނގާފައިވާ މުއާމަލާތްތަކަކީ، ތުހުމަތުކުރެވޭ ކުށް ހިނގުމަށް މަގުފަހިވެދާނެ ސަބަބެއް ވުޖޫދުގައި އޮވެދާނެ ހާލަތެއް ކަމަށް ކޯޓަށް ގަބޫލު ނުކުރެވުމަކީ ވެސް ތުހުމަތު ނުވަތަ ދައުވާ ނަފީކުރުމަށް ޓަކައި ބޭނުންކުރެވިދާނެ ހެއްކެއް ކަމަށް ބުނެފައިވާ މާއްދާ ވެސް ވަނީ އުވާލައިފައެވެ.

މަޖިލީހުން މިއަހަރު ނިންމި ބިލު ތަކުގެ ތެރެއިން އެންމެ ބޮޑު މައްސަލައެއް ދިމާވި ބިލަކީ، ސުންނަތް ޖަމާއަތުގެ ރައުޔަކާ ހިލާފު ނުވާ ގޮތަށް ޝުއޫރު ފާޅު ކުރާ މީހަކަށް އަނިޔާއެއް ދޭން ގޮވުމަކީ ކުށެއް ކަމަށް ކަނޑައަޅައި ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމަށް ފާސްކުރި ބިލެވެ. މި ބިލު މަޝްހޫރު ވެފައިވަނީ ނަފުރަތުގެ ބިލު، އަދި ލާދީނީ ކިއުން ހުއްޓުވުމުގެ ބިލުގެ ނަމުންނެވެ.

އެ ނަންތަކުން ބިލަށް މުހާތަބު ކުރަންފެށީ، ބިލު ހުށަހެޅިއިރު، އާންމު ތަނެއްގައި، ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް (ލާދީނީ) ނުވަތަ އިސްލާމްދީނާ ދެކޮޅު މީހެއް ކަމަށް ތުހުމަތުކޮށް މީހަކާ މެދު ނަފުރަތު އުފެއްދުމަކީ ޖިނާއީ ކުށެއް ކަމަށް ކަނޑައަޅައި ބޮޑެތި އަދަބުތަކެއް ދިނުމަށް ހުށަހަޅާފައި ވާތީއެވެ. މި ބިލު މަޖިލީހަށް ހުށަހެޅުމާއެކު ސަރުކާރަށް ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވިއެވެ.

އެގޮތުން އެއީ ދީނާ ދެކޮޅު ބިލެއްކަމަށް ބުނެ ބައެއް އިލްމުވެރިން އެ ބިލު އަނބުރާ ގެންދިއުމަށް ސަރުކާރަށް ގޮވާލިއެވެ. އޭގެ ތެރޭގައި އެ ބިލު އަނބުރާ ގެންދިއުމަށް 101 ދީނީ އިލްމުވެރިއަކު ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ދެންނެވިއެވެ. ނަމަވެސް ބިލުގެ މަސައްކަތް މަޖިލީހުން ކުރިއަށް ގެންދިއުމަށް ޖުޑިޝަރީއަށް ބިލު ފޮނުވައި އިސްލާހު ކުރުމަށްފަހު، ފާސް ކުރުމަށް މަޖިލިސް ތަޅުމަށް ގެނައެވެ. އެހިސާބުން އެމްޑީޕީ މެންބަރުންގެ މެދުގައިވެސް ބިލާމެދު ބޮޑެތި ހިޔާލު ތަފާތުވުންތަކެއް އުފެދުނެވެ.

ގިނަ މެންބަރުން ބޭނުންވީ ބިލު އިތުރަށް އިސްލާހު ކުރުމަށް އަލުން ކޮމިޓީއަށް ފޮނުވުމަށެވެ. ނަމަވެސް އަނެއްބައި މެންބަރުން ވިދާޅުވީ، ބިލު އޮތް ގޮތް ރަނގަޅު ކަމަށާއި ބިލު ފާސްކުރަން ޖެހޭ ކަމަށެވެ. ބިލު އެހާ ހިސާބަށް އައިއިރު، ބިލާ ދެކޮޅަށް ގިނަ ރަށްތަކެއްގެ ކައުންސިލްތަކުންވެސް އޮތީ ބަޔާންތައް ނެރެފައެވެ. އަދި ބައެއް ރަށްރަށުގައި ބިލާ ދެކޮޅަށް މުޒާހަރާވެސް ކުރިއެެވެ. ބިލާ ދެކޮޅު މީހުން ބުނަނީ ބިލު އޮތްގޮތުން ދީނާ ހިލާފަށް ވާހަކަ ދައްކައި ދީނާ ހިލާފު ކަންތައްތައް ކުރުން އާއްމު ކުރުމަށް ފުރުސަތު ލިބޭ ކަމަށެވެ. އެކަމާ ގުޅިގެން ބިލަށް ރަނގަޅު އިސްލާހުތަކެއް ގެނައުމަށް ސަރުކާރަށް އޮތީ ޕްރެޝަރު ކުރިމަތިވެފައެވެ.

އެންފަހުން ބިލު އިތުރަށް އިސްލާހު ކުރުމަށްޓަކައި ކޮމިޓީއަށް ފޮނުވުމަށް ދެވަނަ ފަހަރުވެސް މަޖިލީހުން ފާސްކުރިއެެވެ. އަދި ކޮމިޓީއަށް ގެންދިއުމުން ބިލުގައި ހިމެނޭ ކަންބޮޑުވާ މާއްދާތައް އުނިކުރަން ބައެއް މެންބަރުން މަސައްކަތް ފެށިއެވެ. ނަމަވެސް އެކަމާ ގުޅިގެން ބިލު ފާސްކުރަން ބޭނުންވި އެމްޑީޕީ މެންބަރުންގެ ބޮޑެތި ފާޑުކިޔުންތަކެއް ސަރުކާރަށް ކުރިމަތިވިއެވެ.

އެ މެންބަރުން ތުހުމަތު ކުރެއްވީ ބިލު އަނބުރާ ކޮމިޓީއަށް ފޮނުއްވައިލެއްވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ނުފޫޒުން ކަމަށެވެ. ފާޑު ކިޔުއްވި މެންބަރުންގެ ތެރެއިން، ބިލު ދިރާސާކުރި ޖުޑީޝަރީ ކޮމިޓީގެ މުގައްރިރު ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ތަރުޖަމާނު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވީ ނަފުރަތުގެ ބިލުގެ މަގުސަދު ގެއްލުވާލަން މޭޒު ދަށުން ސަރުކާރުން ހިންގީ ޑަބަލްސްޓޭންޑެޑް ހަރަކާތެއް ކަމަށެވެ.

ފާސް ކުރުމުގެ ހިތްވަރު ނެތިއްޔާ އެފަދަ ބިލުތައް މަޖިލީހަށް ނުފޮނުވުމަށް އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ގޮވާލެއްވިއެވެ.

ނަމަވެސް ކަމާބެހޭ އިތުރު އިލްމުވެރިންނާއި، އިސްލާމިކް މިނިސްޓްރީއާ މަޝްވަރާކޮށް، ކޮމިޓީން އެބިލު އިތުރަށް އިސްލާހު ކޮށް މަޖިލީހުގެ ތަޅުމަށް ހުށަހެޅިއެވެ. އެހިސާބުން ބިލަށް ކިޔަމުން އައި ފާޑު ކިޔުންތައް ހުއްޓި، ބިލާ ބެހެގޮތުން އެއްވެސް ފަރާތެއްގެ ކަންބޮޑުވުމެއް ހާމަ ކޮށްފައެއް ނުވެއެވެ. އެބިލު މަޖިލީހުން ފާސްކުރީ ބޮޑެތި އިސްލާހު ތަކަކާއެކުގައެވެ. އެ އިސްލާހު ތަކުގެ ތެެރެއިން ބިލުގެ ނަމަށް ބަދަލު ގެނައުމުގެ އިތުރުން ބިލުގެ އިބާރާތްތަކަށްވެސް ބޮޑެތި ބަދަލުތަކެއް ވަނީ ގެނެސްފައެވެ.

މިއީ ޓެރަރިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހުން ފާސްކުރި މުހިއްމު ބިލެކެވެ.

ޓެރަރިޒަމްގެ ބޮޑެތި ކުށްތައް ކުރުމަށްފަހު ފަސޭހައިން ސަލާމަތްވެގެން ދާ މައްސަލަ އާއި، ރާއްޖެއިން ބޭރުގައި ހިންގާ ޓެރަރިސްޓް ހަނގުރާމަތަކުގައި ބައިވެރިވުމަށްފަހު ރާއްޖެއަށް އަންނަ ފަރާތްތަކުގެ މައްޗަށް ހިންގަން ޖެހޭ އިޖުރާއަތުތައް ހިންގުމުގައި ގާނޫނު ތަންފީޒު ކުރާ އިދާރާތަކަށް ދިމާވާ ގޮންޖެހުންތައް ހައްލު ކުރުމަށް މި ބިލުން މުހިއްމު އިސްލާހުތަކެއް ވަނީ ގާނޫނަށް ގެނެސްފައެވެ.

އެގޮތުން ޓެރަރިޒަމަށް ތުހުމަތު ކުރެވޭ މީހުން ކޯޓު އަމުރަކާ ނުލައި ހިފައި ހައްޔަރުކޮށް، ކޯޓަށް ހާޒިރުކުރުމަކާ ނުލައި 48 ގަޑިއިރު ބަންދުގައި ބޭތިއްބޭ ގޮތަށް މި ބިލުން ފުލުހުންނަށް ވަނީ ބާރު ދީފައެވެ.

ކޯޓު އަމުރަކާ ނުލައި ހައްޔަރުކުރުމުގެ ބާރު މި ގާނޫނުން ފުލުހުންނަށް ދީފައިވާ ފަރާތެއް އަމިއްލަ ތަނެއްގައި ހުންނަ ހާލަތެއްގައި ކޯޓު އަމުރަކާ ނުލައި އެތަނަކަށް ވަދެ، އެތަން ބަލައި ފާސްކުރުމާއި އެކަށޭނަ މިިންވަރެއްގެ ވަގުތަކަށް އެތަނުގައި ތިބުމުގެ ބާރުވެސް ފުލުހުންނަށް ވަނީ ދީފައެވެ.

ލާމަރުކަޒީ ގާނޫނުގެ ދަށުން ބޮޑެތި ބާރުތަކެއް ކައުންސިލްތަކަށް ދިނުމަކީ މި ސަރުކާރުގެ މުހިއްމު ވައުދެކެވެ. އެ ވައުދު ފުއްދުމަށް، ލާމަރުކަޒީ ގާނޫނުގެ އިތުރުން، ސަރުކާރުން ރައްޔިތުންނަށް ދޭ އެކި އެކި ހިދުމަތްތަކާ ގުޅޭ އެތައް ގާނޫނުތަކަކަށް ސަރުކާރުން ގެންނަން ހުށަހެޅި ގިނަ ބިލު ތަކެއްވެސް މަޖިލީހުން މިއަހަރު ވަނީ ފާސްކޮށްފައެވެ. އެ ބިލުތަކުން ގާނޫނުތަކަށް އައި ބަދަލާއެކު އިތުރު ބާރުތަކެއް ކައުންސިލްތަކަށް ވަނީ ލިބިފައެވެ.

އެގޮތުން ކައުންސިލުތަކުގެ މިލްކުވެރިކަމުގެ ދަށުގައިވާ ބިންތައް ވިއްކުމުގެ ބާރު، ކައުންސިލުތަކަށް ދިނުމަށް ބިމާ ބެހޭ ގާނޫނަށް ގެނައި ތާރީހީ ބަދަލު ފާހަގަ ކޮށްލެވެއެވެ. އެ ބިލުން ބިމާބެހޭ ގާނޫނުގެ ނުވަ ވަނަ މާއްދާގެ (ނ)އަށް ގެނައި އިސްލާހުގައި ބުނަނީ ކައުންސިލުތަކުގެ މިލްކުވެރިކަމުގެ ދަށުގައިވާ ބިން، ގާނޫނުއަސާސީ އާއި ބިމާބެހޭ ގާނޫނާ ހިލާފު ނުވާ ގޮތުގެ މަތިން ދެވަނަ ފަރާތަކަށް ވިއްކައި ނުވަތަ ކުއްޔަށް ދޫކުރެވޭނެ ކަމަށެވެ.

އެގޮތަށް ދެވަނަ ފަރާތަކުން ގަންނަ، ނުވަތަ ކުއްޔަށް ހިފާ ބިމާއި އެ ބިމާ ގުޅިފައިވާ ހައްގުތައް އެ ފަރާތަކާއެކު ކުރެވިފައިވާ މުއާމަލާތަކާ އެއްގޮތަށް އެ ފަރާތަކަށް ރަޖިސްޓްރީ ކޮށްދެވޭނެ ކަމަށްވެސް ބުނެފައިވެއެވެ. އަދި ހަމަ އެ ބިން ލިބޭ ފަރާތުން، އެ ބިން ނުވަތަ ބިމުން ބައެއް އެހެން ފަރާތަކަށް ވިއްކަން ބޭނުން ނަމަ ކައުންސިލުގެ ހުއްދަ ލިޔުމުން ލިބިގެން އެ ބިން ނުވަތަ ބިމުން ބައެއް، ވިއްކައިލެވިދާނެ ކަމަށާއި ބިން ބަދަލު ކުރެވިދާނެ ކަމަށް ވެސް ބުނެފައިވެއެވެ.

ގާނޫނަށް ގެނައި އިސްލާހުގައި އިތުރަށް ބުނަނީ، ކައުންސިލުތަކުގެ މިލްކުވެރިކަމުގެ ދަށުގައިވާ ބިން އެ ކައުންސިލުތަކުން ކުއްޔަށް ދީ، ބިމާބެހޭ އެހެނިހެން މުއާމަލާތްތައް ކުރަން ވާނީ ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް ކަމަށާއި އަދި އިތުރުން އެހެން ފަރާތްތަކަށް ބިންތައް ދޫކުރަން ވާނީ، ނުވަތަ ކުއްޔަށް ދޭންވާނީ އެ ބިން އޮތް ރަށެއް ނުވަތަ ސިޓީއަކަށް ގާނޫނުގައިވާ ގޮތުގެ މަތިން ކަނޑައަޅާފައިވާ ލޭންޑްޔޫސް ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތީން ކަމަށެވެ.

ހަމަ އެއާއެކު ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ކަނޑައަޅާ އަގަށްވުރެން އަގު ހެޔޮކޮށް، ރަށްރަށުގެ ރައްޔިތުންނަށް ކަރަންޓްގެ ހިދުމަތް ފޯރުކޮށްދިނުމުގެ ބާރު ކައުންސިލްތަކަށް ލިބޭ ގޮތަށް ދިވެހި ރާއްޖޭގެ ހަކަތައިގެ ބިލަށް އިސްލާހު ގެންނަން ފާސް ކުރުންވެސް ފާހަގަ ކޮށްލެވެއެވެ. ސަރުކާރުން ހުށަހަޅައިގެން ފާސްކުރި މި ބިލުން ކައުންސިލުތަކުގެ ޒިންމާތަކަށާއި، ކައުންސިލްތަކަށް ސަރުކާރުން ދޫކޮށްލާފައިވާ އިތުރ ބާރުތައް ފާހަގަ ވެގެން ދެއެވެ. އެގޮތުން ސަރުކާރުގެ ސިޔާސަތުތަކާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތަށް، އޮތޯރިޓީން ކަނޑައަޅާ އަގަށްވުރެ ބޮޑު ނުވާނެ ގޮތުގެ މަތިން އެ ކައުންސިލެއްގެ އިހުތިސާސްގެ ތެރޭގައި ދޭ ކަރަންޓުގެ ހިދުމަތުން ނަގާނެ އަގު ކަނޑައެޅިދާނެ ކަމަށް ބުނެފައިވެއެވެ.

އޮތޯރިޓީން ކަނޑައަޅާ އަގަށްވުރެ ކުޑަ އަގެއްގައި ކަރަންޓު ވިއްކަން ކައުންސިލުން ނިންމާ ހާލަތެއްގައި އަގުގެ ފަރަގު ހިދުމަތް ފޯރުކޮށްދޭ ފަރާތަށް ދައްކާނެ އިންތިޒާމު ކައުންސިލުން ހަމަޖައްސަން ވާނެ ކަމަށާއި، އެގޮތަށް އަގުގެ ފަރަގު ދައްކަން ޖެހޭ ހާލަތުގައި ކައުންސިލަށް ދައުލަތުގެ އަހަރީ ބަޖެޓުގެ ގޮތުގައި ކަނޑައަޅާފައިވާ ފައިސާ ބޭނުން ނުކުރެވޭނެ ކަމަށްވެސް ބުނެފައިވެއެވެ.

ކަރަންޓުގެ ހިދުމަތް ލިބިގަންނަ ފަަރާތްތަކުގެ ހައްގު ހިމާޔަތް ކުރަން ޖެހޭނެ ކަމަށް ފުރަތަމަ ފަހަރަށް މި ބިލުގައި ވަނީ ހިމަނައިފައެވެ. އެގޮތުން ކަރަންޓުގެ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުންނާއި އެހެން ގޮތަކުން ނަމަވެސް ކަރަންޓު ކަނޑާލަން ޖެހޭ ހާލަތުގައި، ދުރާލައި އެކަން ރައްޔިތުންނަށް އަންގަން ޖެހޭނެ ކަމަށް ބުނެފައިވެއެވެ.

މި ބިލުގައި އިއާދަކުރަނިވި ހަކަތަ ކުރިއަރުވަން މުހިއްމު ކަންތައްތަކެއް ވެސް ވަނީ ހިމަނައިފައެވެ.

ހަމަ އެއާއެކު ޓްރާންސްޕޯޓު އޮތޯރިޓީގެ ގާނޫނު އުވައިލުމަށްފަހު، އެއްގަމު ދަތުރުު ފަތުރާ ބެހޭ ގާނޫނުގެ ދަށުންނާއި، ކަނޑުދަތުރު ފަތުރު ކުރުމުގެ ގާނޫނުގެ ދަށުން އެ އޮތޯރިޓީންނާއި، ޓްރާންސްޕޯޓް މިނިސްޓްރީން ކުރަމުން ގެންދިޔަ ބައެެއް މަސައްކަތްތައް ކައުންސިލްތަކަށް ދޫކޮށްލުމަށް ސަރުކާރުން ހުށަހެޅި، އެއްގަމު ދަތުރު ފަތުރުގެ ގާނޫނާއި ކަނޑު ދަތުރުފަތުރުގެ ގާނޫނުވެސް މަޖިލީހުން ވަނީ އިސްލާހު ކޮށްފައެވެ.

މީގެ އިތުރުންވެސް މިހިއްމު ބިލުތަކެއް މަޖިލީހުން ވަނީ ފާސްކޮށްފައެވެ.

އޭގެ ތެރެއިން ރިޝަވަތުގެ ކުށް ފުޅާ ދާއިރާއެއްގައި ގާނޫނުގައި ކަނޑައެޅުމަށް ފާސްކުރި ގާނޫނުލް އުގޫބާތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ހިމެނެއެވެ. އެގޮތުން ނުހައްގު މުއްސަނދިކަން ހޯދައި ލިބިގަތުމުގެ ކުށާއި، ދައުލަތުގެ މުދަލާއި ފައިސާއަށް ހިޔާނާތްތެރިވުމުގެ ކުށާއި، ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެނޫން ގޮތަކަށް އަމަލުކުރުމުގެ ކުށާއި، ނުފޫޒުން ވިޔަފާރިކުރުމުގެ ކުށް ވެސް ސާފުކޮށް އެ ބިލުގެ ތެރެއިން ވަނީ ގާނޫނުގައި ކަނޑައަޅައިފައެވެ.

މީގެ އިތުރުން ހަމަހަމަކަމާއެކު ރައްޔިތުންނަށް ފުރުސަތު ހުޅުވާލެވިފައިވާ، މަތީ ތައުލީމާއި ތަމްރީނު ދިނުމުގެ ނިޒާމެއް ގާއިމު ކުރުމަށް ހިމަނައި، މަތީ ތައުލީމުގެ ހިދުމަތް ފޯރުކޮށްދޭ މަރުކަޒުތަކަކީ މުސްތަގިއްލު ކަމާއެކު ކަންކަން ނިންމުމުގެ ބާރު ލިބިފައިވާ ފަރާތްތަކަކަށް ހެދުމަށް ފާސްކުރި ދިވެހިރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ބިލުވެސް ފާހަގަ ކޮށްލެވެއެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްވެސް ދިވެހި ސިވިލް ސަރވިސްގެ ވަޒީފާތަކަށް ފުރުސަތު ލިބޭ ގޮތަށް ނިޒާމެއް ގާއިމުވެފައި އޮތުމަށް ބަޔާންކޮށް ފާސްކުރި ދިވެހި ސިވިލް ސަރވިސްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަކީވެސް މުހިއްމު ބިލެކެވެ. ސިވިލް ސަރވިސް ކޮމިޝަނަށް މެންބަރުން އައްޔަންކުރުމުގައި މިންތީގެ ހަމަހަމަކަން އިސްކުރުމަށް އިސްކަންދިނުމަށް ބިލުން ވަނީ ބާރުއަޅައިފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އުއްތަމަފަނޑިޔާރުގެ ސަލާމަތާއި ރައްކާތެރި ކަމަށް ޓަކައި އެ ދެބޭފުޅުންނަށް ރަސްމީ ގެކޮޅެއް ހަމަޖެއްސުމަށް ގާނޫނަށް ބަދަލު ގެނައީވެސް މިދިޔަ އަހަރުއެވެ. އެގޮތަށް ގާނޫނަށް ބަދަލު ގެނައީ ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނު މަޖިލީހުން ފާސްކޮށްގެންނެވެ.

މާލޭގައި ކުޔަށް އުޅޭ މީހުންގެ އަތުން ބަލައިލުމެއްނެތި ހިތަށްއެރި ވަރަކަށް އެޑްވާންސް ފައިސާ ނެގުމާއި ބޭނުން ވަގުތަކު ތަނުގެ ވެރިފަރާތަށް ކުލި ބޮޑު ކުރުމުގެ ފުރުސަތު އޮތުމުން އެތައް ބަޔަކަށް ދިމާވާ ނިކަމެތިކަމުގެ މައްސަލައަށްވެސް ސަރުކާރުން ހުށަހެޅި ބިލު ފާސްކޮށްގެން ވަނީ ހައްލު ހޯދައިދީފައެވެ. އެކަމަށް ޓަކައި، ކުއްޔަށް ދޭ ފަރާތްތަކާއި ކުއްޔަށް ހިފާ ފަރާތްތަކުގެ ހައްގުތައް ހިމާޔަތް ކުރުމަށް ހިމަނައިގެން ސަރުކާރުން ހުށަހެޅި ދިރިއުޅުމަށް ޓަކައި ގޯތިގެދޮރު ކުއްޔަށްދިނުމާބެހޭ ބިލު ވެސް މަޖިލީހުން ވަނި ފާސްކޮށްފައެވެ.

މަޖިލީހުން މިދިޔަ އަހަރު ފާސްކުރި އެއްމެ ބޮޑު އަދި އެއްމެ ފުރިހަމަ ބިލަކީ، ޖިނާއީ މައްސަލަތަކަށް ހައްލު ހޯދުމަށް ސަރުކާރުން ހުށަހަޅައިގެން ފާސްކުރި މަދަނީ އިޖުރާއަތުގެ ބިލެވެ. މީގެ އިތުރުން ސިވިލް ސާވިސްގައި ނުހިމެނޭ ވަކި ހިދުމަތެއްގެ ގޮތުގައި، ދިވެހިރާއްޖޭގެ ފޮރިން ސާވިސްގެ ނަމުގައި ވަކި ހިދުމަތެއް ގާއިމުކުރަން ފާސްކުރި ދިވެހިރާއްޖޭގެ ފޮރިން ސާވިސްގެ ބިލަކީވެސް މުހިއްމު ބިލެކެވެ.