ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން، އަންހެނުން ބާރުވެރިކޮށް އަންހެނުންނަށް ކުރާ އެކި ކަހަލަ ގޯނާއިން އެކަނބަލުން ރައްކާތެރިކުރުމަށް، ގާނޫނުތަކަށް ގެންނަން ޖެހޭ މުހިންމު ބަދަލުތައް ގެނެސްފައިވާ ކަމުގައި ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ފަޒްނާ ޝާކިރު ވިދާޅުވިއެވެ.

ފަޒްނާ މިހެން ވިދާޅުވީ އަންހެނުން ބާރުވެރިކޮށް ހިމާޔަތްކުރުމަށް ރާއްޖެ އާއި އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) އިން ކުރަމުން އަންނަ މަސައްކަތްތަކާ ގުޅޭ މައުލޫމާތު ދިނުމަށް މިދިޔަ ހޯމަ ދުވަހު ބޭއްވި މަތީ ފަންތީގެ ވެބިނާގައެވެ.

އެ ވެބިނާގައި ފަޒްނާ ވިދާޅުވީ އަންހެންކުދިންނާއި އަންހެނުންގެ ހައްގުތައް ރައްކާތެރިކުރުމަށް ރާއްޖޭގައި ގާނޫނުތައް ހެދިފައިވާ ކަމަށާއި އަދި ޖިންސީ ގޯނާ އާއި ފުރައްސާރަ މަދުކުރުމަށް ޖިންސީ ކުށުގެ ގާނޫނަށްވެސް އިސްލާހުތަކެއް މިސަރުކާރުން ގެނެސްފައިވާ ކަމަށެވެ.

ފަޒްނާ ވިދާޅުވީ ރާއްޖޭގެ ސަރުކާރު ހިންގުމުގައި އަންހެނުންގެ ބައިވެރިވުން އިތުރު ކުރެވިއްޖެ ކަމަށާއި އެގޮތުން ކޮންމެ ރަށެއްގެ ކައުންސިލްތަކުގެ 33 އިންސައްތަ އަކީ އަންހެނުން ކަމަށެވެ.

ފަޒްނާ އިތުރަށް ވިދާޅުވީ އަންހެނުންގެ ހައްގުތައް ރައްކާތެރިކޮށްދީ އަންހެނުން ބާރުވެރިކޮށް، އެމީހުން ހިމާޔަތްކުރުމަށް މި ސަރުކާރުން އަދިވެސް ގިނަ ކަންކަން ކުރަން ރާވާފައިވާ ކަމަށެވެ. ނަމަވެސް އެކަންކަމުގެ ތަފުސީލެއް ނުދެއްވައެވެ.

ރާއްޖެ އާއި ޔޫއޭއީގެ ސަރުކާރުގެ އެޖެންސީތަކާއި އަމިއްލަ ޖަމިއްޔާތަކާއި ބައިނަލްއަގުވާމީ ޕާޓުނަރުން އެ ވެބިނާގައި ބައިވެރިވެފައިވެއެވެ.