ވޯލްޑް ޓްރެވަލް އެވޯޑްސް އިން ދޭ އެންމެ ޝަރަފުވެރި އެވޯޑް ކަމުގައިވާ "ވޯލްޑްސް ލީޑިން ޑެސްޓިނޭޝަން" އެވޯޑް މިއަހަރުވެސް ރާއްޖެއަށް ލިބިއްޖެއެވެ.

މިއީ ރާއްޖެއިން "ވޯލްޑްސް ލީޑިން ޑެސްޓިނޭޝަން" އެވޯޑް ހާސިލުކުރި ދެވަނަ ފަހަރެވެ. މިދިޔަ އަހަރުވެސް ރާއްޖެއަށް ވަނީ މި އެވޯޑް ލިބިފައެވެ.

މިއަހަރު ރާއްޖެއިން މި އެވޯޑް ހާސިލުކޮށްފައިވަނީ 18 ގައުމަކާ ވާދަކޮށްގެންނެވެ. އޭގެ ތެރޭގައި ޕޯޗްގަލް، ދުބާއީ، އިންޑިއާ، ސްޕެއިން، ޔޫއެސްއޭ، ގްރީސް، މެކްސިކޯ، އާޖެންޓީނާ އަދި އިންޑޮނޭޝިއާ ހިމެނެއެވެ.

ރާއްޖެއަަށް "ވޯލްޑްސް ލީޑިން ޑެސްޓިނޭޝަން" އެވޯޑް ލިބުމާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީން މިއަދު ކުރި ޓްވީޓެއްގައި ވަނީ ޖެހިޖެހިގެން ދެ އަހަރު ރާއްޖެއަށް މި އެވޯޑް ހޯދައިދިނުމުގައި އެހީތެރިވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާ ކުރާ ކަމަށެވެ. އަދި ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންނަށްވެސް ވަނީ ޝުކުރު އަދާކޮށްފައެވެ.

މީގެ 27 އަހަރު ކުރިން، 1993 ގައި ދޭން ފެށި ޓްރެވަލް އެވޯޑްސް އަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ދޭ އެންމެ ޝަރަފުވެރި، މަޝްހޫރު އަދި އެންމެ އިތުބާރު ބޮޑު އެވޯޑެވެ. އެ ވޯޑަކީ ދުނިޔޭގެ ފަތުރުވެރި މަންޒިލްތަކުގެ ފެންވަރާއި މަގުބޫލުކަން ކަނޑައަޅައިދޭ ފަތުރުވެރިކަމުގެ ސިނާއަތުގެ އެންމެހާ ފަރާތްތަކުގެ އިތުބާރު ލިބިފައިވާ އެންމެ މަގުބޫލު އެވޯޑެވެ.

މީގެ އިތުރުން މިއަހަރުގެ ވޯލްޑް ޓްރެވަލް އެވޯޑްސްގައި ރާއްޖެއަށް ވަނީ އިތުރު އެވޯޑްތަކެއްވެސް ލިބިފައެވެ.

  • ވޯލްޑްސް ލީޑިން ލަގްޒަރީ އައިލޭންޑް ވިލާ - ބަރޮސް މޯލްޑިވްސް
  • ވޯލްޑްސް ލީޑިން ވޯޓާ ވިލާ އެވޯޑް - ފޯ ސީޒަންސް ކުޑަހުރާ ރިސޯޓް
  • ވޯލްޑްސް ލީޑީން ލަގްޒަރީ ހަނީމޫން ރިސޯޓް - ވައްކަރު މޯލްޑިވްސް
  • ވޯލްޑްސް ލީޑިން ޕްރައިވެޓް އައިލޭންޑް ރިސޯޓް - އެމެރަލްޑް މޯލްޑިވްސް ރިސޯޓް އެންޑް ސްޕާ
  • ވޯލްޑްސް ލީޑިން އަންޑާ ވޯޓާ ހޮޓެލް ރެސްޓޯރެންޑް- އަންނަތަރަ ކިހަވަށް މޯލްޑިވްސް
  • ވޯލްޑްސް ލީޑިން ލަގްޒަރީ އައިލޭންޑް ރިސޯޓް - ސެއިންޓް ރެޖިސް ވޮއްމުލި ރިސޯޓް
  • ވޯލްޑްސް ލީޑީން ހަނީމޫން ރިސޯޓް - ޖޭއޭ މަނަފަރު ރިސޯޓް
  • ވޯލްޑްސް ލީޑިން އެއާޕޯޓް ރިސޯޓް - ހުޅުލެ އައިލޭންޑް ހޮޓެލް
  • ވޯލްޑްސް ލީޑިން ސީޕްލޭން އޮޕަރޭޓާ - ޓްރާންސް މޯލްޑިވްސް އެއާވޭސް