މާލެއާއި ހުޅުމާލޭގައި ހިންގި އޮޕަރޭޝަންތަކެއްގައި ހޯދި 119 ކިލޯގެ މަސްތުވާތަކެއްޗާ އެކު ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިއަދު ބުނީ، ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ވިޔަފާރިކުރާ ކަަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގު އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސްއާ ގުޅިގެން މި މަހުގެ 12 އިން 14 އަށް މާލެއާއި ހުޅުމާލޭގައި ހިންގި އޮޕަރޭޝަންތަކުގައި ހައްޔަރުކޮށްފައި ވަނީ 51 އަހަރުގެ ފިރިހެނަކާއި 25 އަހަރުގެ ފިރިހެނަކާއި އަދި 29 އަހަރުގެ ފިރިހެނެއް ކަމަށެވެ. އެ އެންމެންނަކީވެސް ދިވެހިން ކަމަށްވެސް ބުންޏެވެ.

ފުލުހުން ބުނީ، އެ އޮޕަރޭޝަންތަކުގައި މާލޭގެ ތިން ގެއަކާއި ހުޅުމާލޭގެ ގެއަކާއި ޓެކްސީއަކާއި ޕްރައިވެޓް ކާރެއް އަދި ތިން ސައިކަލެއް ބަލައި ފާސްކޮށްފައިވާނެ ކަމަށެވެ. ނަމަވެސް ޑުރަގް ފެނުނީ މާލެއިން ހުއްޓުވި ޓެކްސީއެއްގެ ތެރެއިންނާއި ސައިކަލެއްގެ މަޑިދަށުންނާއި ހުޅުމާލެއިން ހުއްޓުވި ކާރެއްގެ ތެރެއިން ކަމަށް ބުންޏެވެ.

ފުލުހުން ބުނީ، އެ މައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރެއިން 51 އަހަރުގެ މީހާއާއި 25 އަހަރުގެ މީހާގެ ބަންދަށް 15 ދުވަސް ކޯޓުން ދީފައިވާ ކަމަށެވެ. އަދި 29 އަހަރު މީހާއަށް ކޯޓުން ފުރަތަމަ އެއް ދުވަސް ޖަހައިދިން ނަމަވެސް، އެމީހާ ދެވަނަ ފަހަރަށް މުއްދަތު އިތުރުކުރުމަށް ހާޒިރުކުރުމުން 14 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް ބުންޏެވެ.