ރ. ވާދޫގައި ރިސޯޓެއް ހެދުމަށް ދިވެހި ކުންފުންޏަކަށް ދޫކޮށްފައިވާ ތިން ހެކްޓަރުގެ ބިމުގެ އެއްބަސްވުމަށް ބަދަލު ގެނެސް، އެ ބިން ތަރައްގީކުރުމުގެ މަސައްކަތް ސިންގަޕޫރުގެ ކުންފުންޏަކާ ހަވާލުކޮށްފިއެވެ.

ވާދޫގައި ރިސޯޓެއް ހެދުމަށް 2016 ވަނަ އަަހަރުގެ ތެރޭގައި ހަވާލު ކުރީ، ފާލަން ހޯލްޑިންސް ކިޔާ ކުންފުންޏަކާއެވެ. ނަމަވެސް އެ އެއްބަސްވުމަށް ބަދަލު ގެނެސް ވާދޫން ޓޫރިޒަމަށް ދޫކުރި ބިން މިހާރު ހަވާލުކޮށްފައި ވަނީ ސިންގަޕޫރުގެ އެމް-20 ހޮސްޕިޓަލިޓީ ވެންޗާސް ޕްރައިވެޓް ލިމިޓެޑާއެވެ.

މާލޭގެ މާގިރި ހޮޓަލުގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ވާދޫ ކައުންސިލުން ވަނީ ސިންގަޕޫރުގެ ކުންފުންޏާއެކު މި އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

ވާދޫ ކައުންސިލުން ބުނީ، އެ މަޝްރޫއުގެ މަސައްކަތް އަވަހަށް ފެށްޓުމަށްޓަކައި ޓޫރިޒަމް މިނިސްޓްރީއާއެކު ބައްދަލުވުމެއް ބާއްވާފައިވާ ކަމަށާއި އެ މަޝްރޫއު ޕްލޭންކޮށް، ކޮންސެޕްޓް އެކުލަވާލުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.

ވާދޫގެ އުތުރު ފަރާތުގައި ރިސޯޓެއް ހަދަނީ ހަތަރު ތަރީގެ ފެންވަރަށެވެ. އެ ރިސޯޓުގައި 25 ބީޗު ވިލާ އާއި 25 ގާޑަން ވިލާ ހެދުމަށް ވަނީ ނިންމައިފައެވެ.