"ލައިފް ޖެކެޓް، ވެއާ އިޓް" ކެމްޕެއިން ރައީސުލްޖުމްހޫރިއްުޔާ އިބްރާހިމް މުހައްމަދު ސޯލިހު އިފްތިތާހު ކޮށްދެއްވައިފިއެވެ.
ނެޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) އިން އިސްނަގައިގެން ފެށި މި ކެމްޕެއިން ރައީސް ސޯލިހު އިފްތިތާހު ކޮށްދެއްވީ، މެރިން އެކްސްޕޯއަށް ރައީސް ރޭ ކުރެއްވި ޒިޔާރަތުގައެވެ.
އެންބީއޭއެމްއިން ބުނީ، އެ ކެމްޕެއިނުގެ މަގުސަދަކީ ކަނޑުމަތީގައި ދިމާވާ ނުރައްކާތެރި ހާދިސާތަކުން ސަލާމަތް ވުމަށް މީހުން އަހުލުވެރިކުރުވުން ކަމަށާއި ކަނޑުއުޅަނދުފަހަރުތަކުގައި ސަލާމަތީ ކަންކަން ފުރިހަމަކުރުމަށް ބާރުއެޅުން ކަމަށެވެ.
ހުޅުމާލެ ސެންޓަރަލް ޕާކުގައި ކުރިއަށްގެންދާ މެރިން އެކްސްޕޯއަކީ މެރިން ދާއިރާގެ ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހާއްސަކޮށްގެން ބާއްވަމުން އަންނަ އެކްސްޕޯއެކެވެ. މި އެކްސްޕޯގައި ރާއްޖޭގެ މެރިން އިންޑަސްޓްރީގެ ގިނަ ބާވަތްތަކެއް ދައްކާލާފައިވެއެވެ. މި އެކްސްޕޯގައި މެރިން ދާއިރާއާ ގުޅުން ހުރި މުދަލާއި ފޯރުކޮށްދޭ ހިދުމަތްތަކުގެ މައުލޫމާތުވެސް ދާއިރާގެ ގިނަ ބައިވެރިންނާ ހިއްސާކޮށްފައިވެއެވެ.
އޭގެ އިތުރުން މި އެކްސްޕޯގައި ބައިވެރިވި ބައެއް ކުންފުނިތަކުން ވަނީ އަލަށް ބާޒާރަށް ނެރުމަށް ހަމަޖެހިފައިވާ އުފެއްދުންތައް ދައްކާލައި އެ ތަކެއްޗާ ބެހޭގޮތުން މައުލޫމާތު ހިއްސާކޮށްފައެވެ.
މިއަހަރުގެ އެކްސްޕޯގައި 50 ފަރާތަކުން ބައިވެރިވެއެވެ. އޭގެ ތެރޭގައި ޔޮޓުތަކާއި ސަފާރީތަކާއި މަސްވެރިކަމުގެ ވިޔަފާރިތަކާއި މޫދު ކުޅިވަރުގެ ހަރަކާތްތައް ކުރިއަށްގެންދާ ވިޔަފާރިތަކާއި ލޮޖިސްޓިކްސް ވިޔަފާރިތަކާއި ކަނޑުއުޅަނދުފަހަރަށް ބޭނުންވާ ސާމާނު ވިއްކާ ވިޔަފާރިތައް ހިމެނެއެވެ.
މިއަހަރުގެ މެރިން އެކްސްޕޯގެ މެއިން ސްޕޮންސަރަކީ އެމްޓީސީސީ އެވެ. ކޯ ސްޕޮންސަރުންނަކީ ގަލްފް ކްރާފްޓާއި ޖަލްބޫތުއެވެ.
އާއްމުކޮށް ހުޅުވާލައިއިގެން ބާއްވާ މި އެކްސްޕޯ ކުރިއަށް ދާނީ މިއަދުން ފެށިގެން އަންނަ ބުދަ ދުވަހާ ހަމައަށް، ކޮންމެ ދުވަހެއްގެ މެންދުރުފަހު 2:00 އިން ރޭގަނޑު 10:00 އަށެވެ.
މޯލްޑިވްސް މެރިން އެކްސްޕޯއަކީ 2014 ވަނަ އަހަރުން ފެށިގެން އެންބީއޭއެމްއިން މެރިން ދާއިރާގެ ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހާއްސަކޮށްގެން ބާއްވަމުން އަންނަ އެކްސްޕޯއެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު