ތިން ގައުމަކުން ރާއްޖެއަށް ކަނޑައެޅި އާ ސަފީރުން ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް އަރުވައިފިއެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ބައްދަލުކުރެއްވުންތަކުގައި ރައީސަށް ސަފީރުކަމުގެ ފަތްކޮޅު އަރުވާފައިވަނީ ކޮލަމްބިއާ، ތައިލެންޑް އަދި މޯލްޓާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅި އާ ސަފީރުންނެވެ.
މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ފަތްކޮޅު އެރުވުމަށްފަހު، ކޮލަމްބިއާގެ އާ ސަފީރު މިޒް މަރިއާނާ ޕަޗޭކޯ މޮންތޭސްއާ ރައީސް ސޯލިހު ބައްދަލުކުރައްވައި، އެކަމަނާ ސަފީރުކަމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން ވަނީ މަރުހަބާ ވިދާޅުވެފައެވެ.
ރައީސް އޮފީހުން ބުނީ މި ބައްދަލުކުރެއްވުމުގައި ރައީސް އާއި ސަފީރު ވަރަށް ގިނަ މައުލޫތަކަށް މަޝްވަރާކުރައްވާފައިވާ ކަމަށާއި އޭގެތެރޭގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމާއި، ވިޔަފާރީގެ ގުޅުން ބަދަހިކުރުމާއި، އިންސާނީ ވަސީލަތްތަކާއި ގާބިލުކަން އިތުރުކުރުން ހިމެނޭ ކަމަށެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެއްވާ އެއް މަސައްކަތަކީ، ރާއްޖޭގެ ތަރައްގީއަށްޓަކައި ކުރަމުންގެންދާ މަސައްކަތްތައް ކަމަށާއި އެގޮތުން ރާއްޖެއިން ބޭރުގެ އިންވެސްޓަރުންނަށް އެކި ދާއިރާތަކުން އިންވެސްޓްކުރުމަށް މަރުހަބާ ކިޔާނެ ކަމަށެވެ. އަދި މަތީ ތައުލީމުގެ ދާއިރާ އާއި މެނުފެކްޗަރިން ދާއިރާ ފަދަ ދާއިރާތައް އެމަނިކުފާނު މި ބައްދަލުކުރެއްވުމުގައި ފާހަގަކުރެއްވިއެވެ.
އޭގެ އިތުރުން ކޮވިޑަށްފަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުމާ ބެހޭގޮތުންނާއި، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވާހަކަފުޅު ދެއްކެވިއެވެ.
މި ބައްދަލުކުރެއްވުމުގައި ކޮލަމްބިއާގެ ސަފީރުގެ ވާހަކައިގައި އދ. ގެ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ކޮންފަރެންސްގައި ބައިވެރިވުމަށް އިނގިރޭސިވިލާތުގެ ގްލާސްގޯއަށް ދާދިފަހުން ކުރެއްވި ދަތުރުފުޅުގައި، ރައީސް ދެއްކެވި ވާހަކަފުޅުގެ މައްޗަށް ވަނީ އަލިއަޅުއްވާލައިފައެވެ. އެގޮތުން ތިމާވެށި ހިމާޔަތްކުރުމުގެ ރޮނގުން ދެ ގައުމުގެ ރައްޔިތުންގެ ވަރަށް ބޮޑު ޝައުގުވެރިކަމެއް އޮތްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ތިމާވެށި ހިމާޔަތްކުރުމާއި މޫސުމަށް އަންނަ ބަދަލުތަކަކީ ވެސް ރާއްޖެއަށް ވަރަށް މުހިންމު މައްސަލަތަކެއްކަން ފާހަގަކުރައްވައިފައެވެ. އެގޮތުން ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން ކުރިމަތިވާ ނުރައްކާތަކާއި، ދިރިއުޅުމުގެ ވައްޓަފާޅިއަށް އަންނަ ކުދި ބަދަލުތަކުގެ ސަބަބުން، އިއާދަކުރަނިވި ހަކަތަ އިހުތިޔާރު ކުރުމާއި، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ބޭނުންކުރުން މަނާކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.
ތައިލެންޑް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ޕޮޖް ހާންޕޯލްއާއެކު މިއަދު ހެނދުނު ބޭއްވި ބައްދަލުވުމުގައި ތައިލެންޑުގެ އާ ސަފީރަށް ރައީސް މަރުހަބާ ވިދާޅުވެ، ތައިލެންޑާއެކު ރާއްޖެއިން ބާއްވަމުން އަންނަ ގާތް ގުޅުމާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.
އެގޮތުން މި ބައްދަލުކުރެއްވުމުގައި، އިންވެސްޓްމަންޓް ޕްރޮސްޕެކްޓްސް، ޓްރޭޑް އެންޑް ކޮމާސް، ދެގައުމުގެ ރައްޔިތުންގެ މެދުގައި ގުޅުން އިތުރުކުރުމާއި، އިންސާނީ ހައްގުތައް ރައްކާތެރިކުރުމާއި، މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް މަސައްކަތްކުރުން ފަދަ ދާއިރާތަކުން ދެގައުމުގެ ދެމެދުގައި އިތުރަށް ގުޅުން ބަދަހިކުރުމާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. އަދި ދިވެހި ދަރިވަރުންނަށް މަތީ ތައުލީމުގެ ސްކޮލާޝިޕްގެ ފުރުސަތުތައް ހޯދައިދިނުމަށް ދިވެހި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުން ނިންމަވައިލައްވަމުން ރައީސާއި ސަފީރު ވަނީ ދެގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަން ދެއްވައިފައެވެ. ތައިލެންޑާއި ރާއްޖެއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 21 ޖޫން 1979 ގައެވެ.
އޭގެ އިތުރުންވެސް މޯލްޓާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު، ރިއުބެން ގައުސީ، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅުވެސް މިއަދު މެންދުރު ފަހު ވަނީ ރައީސުލްޖުމްހޫރިއްޔާ އަށް އަރުވާފައެވެ.
މޯލްޓާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު، ރިއުބެން ގައުސީއާއެކު މިއަދު މެންދުރުފަހު ބޭއްވި ބައްދަލުވުމުގައި ރައީސް ވަނީ ސަފީރަށް މަރުހަބާ ވިދާޅުވެ، ރާއްޖެއާއި މޯލްޓާއާ ދެގައުމުގެ ދެމެދުގައި ހުރި އެއްގޮތް ކަންތައްތަކުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން ޖިއޮގްރަފީ ގޮތުން ރާއްޖެއާއި މޯލްޓާއާ ދެގައުމުގެ ދެމެދުގައިވާ އެއްގޮތް ސިފަތަކުގެ މައްޗަށް އަލިއަޅުއްވައިލައްވައިފައެވެ.
އެގޮތުން މި ބައްދަލުވުމުގައި ރައީސާއި ސަފީރު ވަނީ ދެގައުމުގެ ގުޅުން ބަދަހިކުރެއްވުމަށް ބޭނުންފުޅުވާކަން ހާމަކުރައްވައިފައެވެ. އެގޮތުން އިންސާނީ ވަސީލަތް ތަރައްގީކުރުމާއި، މަތީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތުތައް އޮޅުންފިލުވައިދިނުމާއި، ފަތުރުވެރިކަމުގެ ދާއިރާއާ ގުޅިގެން މަސައްކަތްކުރުމާއި، ޕެންޑެމިކް މެނޭޖްމަންޓް އަދި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ނޭދެވޭ އަސަރުތަކުން އަރައިގަތުމަށް ކުރާ މަސައްކަތްތަކާއި، ވިޔަފާރިއާއި މާލީ ދާއިރާއިން ގުޅުން ބަދަހިކުރުމާ ބެހޭގޮތުން މި ދާއިރާތަކުން ކުރެވިދާނެ ކަންކަމާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.
މި ބައްދަލުކުރެއްވުން ނިންމަވައިލައްވަމުން ރައީސް ވަނީ ދެގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަން ދެއްވައިފައެވެ. ރާއްޖެއާއި މޯލްޓާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކޮށްފައިވަނީ 5 މާޗް 1985 ގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު