ކުޅިވަރު

އެފްއެސްއެމްއިން ވަރުގަދަ އެޗްޑީސީވެސް ކަޓުވާލައިފި، ޕްރިޒަންސް ވެސް ސެމީއަށް

ރާއްޖޭގެ އޮފީސް އަދި ކުންފުނިތަކަށް ހުޅުވާލައިގެން ބާއްވާ އެންމެ ޝަރަފުވެރި މުބާރާތުގެ ސެމީ ފައިނަލުގެ ފުރަތަމަ ޖާގަތައް އެފްއެސްއެމް އާއި ޕްރިސަންސް ކްލަބުން ހޯދައިފިއެވެ.

ރޭ ހުޅުމާލޭ ޓާފްގައި ކުޅުނު ކުއާޓާ ފައިނަލް ދެމެޗުގެވެސް ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޖަހައިގެންނެވެ. ގަދަ 16 ގައި ތަރިންގެ ވެމްކޯ ކަޓުވާލި އެފްއެސްއެމްއިން ޕެނަލްޓީ ޖަހައިގެން ވަރުގަދަ ފޯމެއްގައި އޮތް ކްލަބް އެޗްޑީސީ ކަޓުވާލީ 6-7 ގެ ނަތީޖާއަކުން މެޗު ކާމިޔާބު ކޮށްގެންނެވެ. އެ މެޗު ޕެނަލްޓީއަށް ދިޔައީ މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، 2-2ގެ ނަތީޖާއަކުން މެޗު އެއްވަރުވުމުންނެވެ.

ރޭ އެފްއެސްއެމްއިން އެޗްޑީސީއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ހަތަރު ގޯލު ފެނިގެން ގޮސްފައިވެއެވެ. މެޗުގެ ކުރީކޮޅުގައި އެފްއެސްއެމްގެ ކެޕްޓަން މުހައްމަދު ނާފިއު (ނާއްޕެ) އެ ޓީމަށް ލީޑުނަގައިދިނެވެ. އެ ގޯލާއެކު އެފްއެސްއެމްއިން ލީޑު ކުރަމުން ދިޔަ ނަމަވެސް ފުރަތަމަ ހާފުގެ ފަހު ކޮޅު، ދެ މިނިޓް ތެރޭގައި ދެ ގޯލު ޖަހައި އެޗްޑީސީން ނަތީޖާ އަނބުރާލިއެވެ. އޭގެ ތެރެއިން ފުރަތަމަ ގޯލަކީ އަހުމަދު ސިޒާން ޖެހި ދުރު ޕެނަލްޓީއެއްގެ އިތުރުން އަބްދުﷲ ޝާފިއު (ޝާއްޕެ) ޖެހި ގޯލެކެވެ.

އެޗްޑީސީން ލީޑުނަގައި ހަމަޖެހިނުލެވެނީސް އެފްއެސްއެމް އިން ނަތީޖާ ހަމަހަމަކުރިއެވެ. މި ގޯލު ޖެހީ މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަހުމަދު ވިޖުދާން (ވިޖުއްކޮ) އެވެ.

ކުއާޓާގެ އެމްއޭސީއެލް އިން ޕްރިޒަންސްއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރުވެސް 2-2 ގައި އޮތީ ނަތީޖާވެސް އެއްވަރު ވެފައެވެ. އެ މެޗުގެ ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ޕްރިޒަން މޮޅުވީ 7-6 އިންނެވެ.

މެޗުގެ ފުރަތަމަ ދެ ގޯލު ޖަހައި އެމްއޭސީއެލްއިން ލީޑު ނެގިއެވެ. އަހުމަދު ހަމީދު (އައްމަޑޭ) އާއި އަޒްޔާން އިބްރާހިމްގެ ގޯލުތަކުން އެމްއޭސީއެލް އިން ލީޑުނަގާފައިވަނިކޮށް ޕްރިޒަންސްއިން ވަނީ ފަހަތުން އަރައި އެއްވަރުކޮށްފައެވެ. ދެވަނަ ހާފުގެ ފަހުކޮޅުގައި މިގޯލުތައް ޖެހީ އާދަމް މަންސޫރާއި ސަނީމް ސަމާއިލް އެވެ.

ސެމީގައި އެފްއެސްއެމް ބައްދަލުކުރާނީ ޕްރިޒަން އާ އެވެ. ކުއާޓާ ފައިނަލްގައި މިރޭ އޮންނަ ދެމެޗުގެ ތެރެއިން ފުރަތަމަ މެޗުގައި އާރްއާރްސީ ކުޅޭނީ އެމްޕީއެލްއާ ދެކޮޅަށެވެ. އަނެއް މެޗުގައި އެސްޓީއޯ ބައްދަލުކުރާނީ ޓީމު ފެނަކައާއެވެ.